ރިސޯޓް ވަޒީފާގައި 15 އަހަރުވީ މީހުންނަށް 300 ފްލެޓް ދޭން ރައީސް ނިންމަވައިފި
ރިސޯޓް ވަޒީފާގައި 15 އަހަރުވީ މީހުންނަށް 300 ފްލެޓް ދޭން ރައީސް ނިންމަވައިފި

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާތާ 15 އަހަރަށް ވުރެން ގިނަ ދުވަސްވީ މުވައްޒަފުންނަށް 300 ފްލެޓް، މި ސަރުކާރުން ހުޅުވާލާފައިވާ ގެދޮރުވެރިޔާ ސްކީމުން ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ރިސޯޓްތަކުގައި ވަޒީފާގައި އުޅޭ މީހުންގެ ވެސް ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ކުރިއެރުން ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއް ކަމަށެވެ. މިފަހަރުގެ ނިންމެވުމަކީ ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

"ރައީސްގެ ވައުދެއް، ރިސޯޓް މުވައްޒަފުން ހިމެނޭ ގޮތުން ބޯހިޔާވަހިކަން އެންމެންނަށް ހޯދައިދިނުމަކީ،" އަކްރަމް ވިދާޅުވި އެވެ.

އެންމެ ދަށް އުޖޫރަ ކަނޑައެޅުމަށް ރިސޯޓްތަކުގައި ވަޒީފާއަދާކުރާ ގިނަ ބަޔަކު އެދެމުން ދަނިކޮށް، މި ސަރުކާރުން ވަނީ މިނިމަމްވޭޖް ވެސް ކަނޑައަޅައިފަ އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ގެދޮރުވެރިޔާ ސްކީމުން ބިންވެރިންނަށްވެ ގިނަ ބަޔަކަށް ހެޔޮ ބަދަލު އަންނައިރު، މީގެ ކުރިން ދޫކުރި ސްކީމްތަކުން އެއް ކޮޓަރީގެ ފްލެޓް ލިބިފައި ތިބި މީހުންނަށް ވެސް މި ސަރުކާރުން އަޅާ ފްލެޓްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އޭގެެތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގި ސްކީމްތަކުން އެއް ކޮޓަރި ލިބިފައި ތިބި މީހުންނާއި ހިޔާ ފްލެޓްތަކުގައި މިހާރު ދިރިއުޅޭ މީހުންނަށް ވެސް ޖާގަ ތަނަވަސްކޮށް ހަދާ ފްލެޓަށް ކުރިމަތިލެވޭނެ ކަމަށް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ދެވަނަ ފިޔަވަހިން، 8،000 ފްލެޓާއި 5،000 އަށް ވުރެން ގިނަ ގޯއްޗަށް ކުރިމަތިލާން މިހާރު އޮތީ ހުޅުވާލައިފަ އެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ގޯތި ލިބުނު ބައެއް މީހުންނަށް މިހާރު ވަނީ ރަޖިސްޓްރީ ހަވާލުކޮށްފަ އެވެ. ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު ނެރެފައިވާ އިރު ވަރަށް އަވަހަށް ދާއިމީ ލިސްޓް ނެރޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި ސްކީމް ހުޅުވާލީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ވެސް ގޯއްޗަށް އެދި ކުރިމަތިލެވޭ ގޮތަށެވެ.