ހުއްދަނެތި އުތުރުތިލަފަޅަށް އަރަން އުޅުނު މައްސަލަ ތަހުގީގުކުރަން ފަށައިފި
ހުއްދަނެތި އުތުރުތިލަފަޅަށް އަރަން އުޅުނު މައްސަލަ ތަހުގީގުކުރަން ފަށައިފި

އުތުރުތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުމަށް ތަރައްގީކުރާ ސަރަހައްދަށް ހުއްދަ ނުހޯދައި ނޫސްވެރިންގެ ބަޔަކު އަރަން އުޅުނު މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ތަހުގީގުކުރަން ފަށައިފި އެވެ.

"ދިޔަރެސް" ގެ ނޫސްވެރިންތަކެއް އުތުރުތިލަފަޅުގެ ސިފައިންގެ ސަރަހައްދަށް އަރަން އިއްޔެ މަސައްކަތްކުރީ އެ ފަޅުން ގޯތި ދޫކުރަން ނިންމައި އެކަން އިއުލާނުކުރުމާ އެކުގަ އެވެ. އެކަމަކު އެތަން ބަލަހައްޓާ ސިފައިން ވަނީ އެކަމަށް ހުރަސްއަޅައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުއްދަ ނުނަގާ އުތުރު ތިލަފަޅަށް ދިޔަ މައްސަލައެއް މިއަދު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަން މިހާރު ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އެމްއެންޑީއެފުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހަތަރު މީހަކު ލޯންޗެއްގައި ގޮސް ބަނދަރުން ރަށަށް އަރަން އުޅުމުން އެ މީހުން ހުއްޓުވީ އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް ކަމަށެވެ. އަދި އެކަން ކުރީ އެމްއެންޑީއެފަށް ލިބިގެންވާ ގާނޫނީ ބާރުގެ ދަށުން ކަމަށް ބުންޏެވެ.

އެހެން ގައުމުތަކުގައި ވެސް އަސްކަރީ މަރުކަޒުތަކަށް ވަންނަން މަސައްކަތްކުރާ މީހުން ހުއްޓުވުމަށް ހަތިޔާރު ވެސް ބޭނުންކުރާ ކަމަށާއި އެހެންވެ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދޭނެ ކަމަށް އެމްއެންޑީއެފުން ރޭ ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.