އިތުރުވި 408 މީހުންނާ އެކު ދެވަނަ ބުރުގެ ވޯޓާސް ލިސްޓް އާންމުކޮށްފި
އިތުރުވި 408 މީހުންނާ އެކު ދެވަނަ ބުރުގެ ވޯޓާސް ލިސްޓް އާންމުކޮށްފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފި އެވެ.

އެ ލިސްޓުގައި 282،804 މީހަކު ހިމެނެ އެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ.

އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބުވާ ވަރަށް ވޯޓު ނުލިބުނު ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބުނީ 282،395 މީހުންނަށެވެ. އެހެންވެ މިފަހަރު ވޯޓު ލުމުގެ ހައްގު އިތުރު 408 މީހަކަށް ލިބެ އެވެ.

އީސީން ބުނި ގޮތުގައި އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓާ ކުރަން ހުށަހެޅި 50،047 ފޯމުގެ ތެރެއިން ސައްހަވީ 38،763 ފޯމެވެ. އަދި ސައްހަކަން ކަށަވަރު ނުވާ 11،284 ފޯމް ލިބުނު ކަމަށް ބުނެފައިވެ އެވެ.

ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅި ފޯމްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން އީސީން ދިން 48 ގަޑިއިރު ހަމަވިއިރު 361 ޝަކުވާ ހުށަހަޅާފައިވެ އެވެ.

ރީ-ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން އިތުރު 12 ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެހެންވެ ދެ ވަނަ ބުރުގައި 586 ވޯޓު ފޮށި ބަހައްޓާނެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 101،635 ވޯޓެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ. މިއީ އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ 50 ޕަސެންޓަށް ވުރެ އިތުރު އަދަދަށް ނުވާތީ ދެ ވަނަ ބުރު އޮންނާނީ މި ދެ ބޭފުޅުންގެ މެދުގަ އެވެ.