ބަރުލަމާނީ ނިޒާމާ ގުޅޭ ސިޓީއަށް ބަހުސްކުރުމުގެ ޖަލްސާގެ ކޯރަމް ހަމައެއް ނުވި!
ބަރުލަމާނީ ނިޒާމާ ގުޅޭ ސިޓީއަށް ބަހުސްކުރުމުގެ ޖަލްސާގެ ކޯރަމް ހަމައެއް ނުވި!

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނުބޭއްވި ނިންމާލައިފި އެވެ.

މިފަހަކަށް އައިސް މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާތައް ބޭއްވުމާއި ކުރިއަށް ގެންދިޔުމަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވަނިކޮށް، މިއަދުގެ ޖަލްސާ ފެށުމަށް ވެސް ބޭނުންވާ 22 މެމްބަރުން ތަޅުމުގައި ނެތް ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާ އިރު، މަޖިލީހުގެ މެމްބަރުން ވެސް ކެމްޕޭނުގައި އުޅުއްވުމަކީ މަޖިލީހުގެ ރަސްމީ މަސައްކަތެއްގައި ގޮތުގައި ބަލައިގެންނެވި ނަމަވެސް، ބައެއް މެމްބަރުން ގަސްދުގައި ތަޅުމަށް ވަޑައިނުގެން ކުޑަދަށުގައި ތިއްބެވި ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.

"...ކަންބޮޑުވަނީ ކުޑަދަށުގައި ތިއްބަވާފައި އެތެރެއަށް ވަޑައިނުގަންނަވާތީ،" އެޖެންޑާއާ މެދު ހިތްހަމަނުޖެހިވަޑައިގެން ކަމަށް ވިދާޅުވެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީ މެމްބަރުންތަކެއް މިދިޔަ ހަފްތާގައި ވެސް ތަޅުމަށް ވަޑައިނުގެން ކުޑަދަށުގައި ތިއްބެވި ތިއްބެވުމަށް ނުސީދާކޮށް ނިސްބަތްވާ ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އޭގެފަހުން ވެސް ކޯރަމް ހަމަވޭތޯ 10 ވަރަކަށް މިނެޓު މަޑުކުރެއްވުމަށްފަހު، ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާ ބޭއްވެން ނެތް ކަމަށެވެ.

އަދި މާދަމާ ވެސް ޖަލްސާއެއް ބޭއްވުމަށްޓަކައި، އެމްޑީޕީއާ އެކު މަޝްވަރާ ކުރައްވައި، އެ ޕާޓީގެ މެމްބަރުން ވަޑައިގަންނަވާތޯ ސާފުކުރައްވާނެ ކަމަށް، މިއަދުގެ ޖަލްސާ ނުބޭއްވުނުކަން އިއުލާނުކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލަ އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުން ފާސްކުރި ގަރާރާ ގުޅިގެން އެ ކޮމިޝަނުން ގާނޫނީ ލަފާ ހޯދުމަށް ފަހު، ވޯޓު ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެކަމަކު އޭގެ ކުރިން ބައެއް ކަންކަން ސާފުކުރުމަށް ކޮމިޝަނުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިދިޔަ ހޮނިހިރު ދުވަހު ނޫސްވެރިންނަށް ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓު ނަގާއިރު، އެ ނަގަނީ ކޮން މައުލޫއަކަށްކަން އަދި ކުރަން ޖެހެނީ ކޮން ސުވާލެއްކަން ސާފުވާން ޖެހޭ ކަމަށެވެ. ނަމަވެސް، މަޖިލީހުން އެކަން ކޮމިޝަނާ ހިއްސާކޮށްފައި ނެތް ކަމަށް ހަބީބް ވިދާޅުވި އެވެ.

އޭގެފަހުން ނަޝީދު އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި، އީސީގެ ސުވާލުތަކަށް ޖަވާބު ލިބޭ ގޮތަށް މަޖިލީހުން ތައްޔާރުކުރި ކަރުދާސް ހިއްސާ ކުރައްވައިފަ އެވެ.

އެ ކަރުދާހުގައިވާ ގޮތުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރިޔަސް، ރައީސް އިންތިހާބު ކުރާނީ މިހާރު ވެސް އޮންނަ ގޮތަށް ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ނަމަވެސް ސަރުކާރު ހިންގުމުގެ ހުރިހާ ބާރެއް އޮންނާނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަޖިލީހުން އިންތިހާބުކުރާ ބޮޑުވަޒީރަށް އެކަނި ކަމަށް އެ ކަރުދާހުގައިވެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކެބިނެޓްގައި ވެސް ތިއްބަވާނީ މަޖިލިސް މެމްބަރުންގެ ތެރެއިން ބޭފުޅުންނެވެ. ނަމަވެސް ދައުލަތުގެ އެންމެ މަތީވެރިޔާގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމު އޮންނާނީ ރައީސަށް ކަމަށާއި އަދި ބިލް ތަސްދީގު ކުރެއްވުމުގެ ބާރު ވެސް ރައީސަށް އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައީސަކީ ރައްޔިތުންގެ އިންތިހާބުކުރާ ބޭފުޅަކަށް ވިޔަސް، މިހާރު ވެސް އޮންނަ ގޮތަށް ރައީސް މަގާމުން ދުރުކުރުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ. އަދި ބޮޑުވަޒީރާއި ވަޒީރުން މަގާމުން ދުރުކުރުމުގެ ބާރު ވެސް މަޖިލީހަށް އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލިސް މެމްބަރުން މަގާމުން ދުރުކުރަން ރިކޯލް ވޯޓަށް އެހުމުގެ ބާރު އޮންނާނެ ކަމަށް އެ ހުށަހެޅުމުގައިވެ އެވެ. އަދި މިހާރު ވެސް އޮންނަ ގޮތަށް ޝަރުއީ ދާއިރާއަކީ އަނެއް ދެ ބާރާ ވަކިވެފައިވާ ބާރެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށް ވެސް އެ ހުށަހެޅުމުގައިވެ އެވެ.

ނިޒާމީ ވޯޓުގައި ހިމަނަން ޖެހޭ މައުލޫމާތުތަކާ ބެހޭގޮތުން ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގައި މާދަމާ ބަހުސް ފަށާނެ އެވެ.