24 ސެޕްޓެމްބަރ 2023 - 23:37

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުމަށް ތަރައްގީކުރާ ސަރަހައްދަށް ނޫސްވެރިންގެ ބަޔަކު އަރަން މިއަދު މަސައްކަތްކުރީ އެކަމަށް ހުއްދަ ނުނަގައި ކަމަށާއި އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
"ދިޔަރެސް" ގެ ނޫސްވެރިންތަކެއް އުތުރުތިލަފަޅުގެ ސިފައިންގެ ސަރަހައްދަށް އަރަން މިއަދު މަސައްކަތްކުރީ އެ ފަޅުން ގޯތި ދޫކުރަން ނިންމައި އެކަން އިއުލާނުކުރުމާ އެކުގަ އެވެ. އެކަމަކު އެތަން ބަލަހައްޓާ ސިފައިން ވަނީ އެކަމަށް ހުރަސްއަޅައިފަ އެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސިފައިންގެ މަރުކަޒުތަކަކީ ހުއްދަ ނުހޯދައި ވަނުން މަނާ ތަންތަން ކަމަށާއި ނޫސްވެރިން ލޯންޗެއްގައި ގޮސް އެމްއެންޑީއެފްގެ ބަނދަރަށް ވަންނަން މަސައްކަތްކޮށް ވީޑިއޯކުރީ ހުއްދަ ނުހޯދައި ކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ ހަތަރު މީހުން ލޯންޗެއްގައި ގޮސް ބަނދަރުން ރަށަށް އަރަން އުޅުމުން އެ މީހުން ހުއްޓުވީ އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް ކަމަށެވެ. އަދި އެކަން ކުރީ އެމްއެންޑީއެފަށް ލިބިގެންވާ ގާނޫނީ ބާރުގެ ދަށުން ކަމަށް ބުންޏެވެ.
އެ ބަނދަރު ބަލަން ހުއްދަށް އެދިގެން އައި މީޑިއާތަކަށް އެ ފުރުސަތު ފަހިކޮށްދީފައި ވާނެ ކަމަށާއި ހުއްދަ ނުހޯދައި އެތަނަށް އަރަން މަސައްކަތް ކުރުމަކީ ގާނޫނާއި ގަވާއިދާ ހިލާފުކަމެއްކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފަ އެވެ.
އެހެން ގައުމުތަކުގައި ވެސް މިފަދަ އަސްކަރީ މަރުކަޒުތަކަށް ވަންނަން މަސައްކަތްކުރާ މީހުން ހުއްޓުވުމަށް ހަތިޔާރު ވެސް ބޭނުންކުރާ ކަމަށާއި އެހެންވެ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.
"އެމްއެންޑީއެފްގެ މަރުކަޒަކަށް އެމްއެންޑީއެފްގެ ހުއްދަ ނެތި ވަނުމަށް މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމެ ސީރިއަސް މައްސަލެއްކަމުގައި ދެކޭތީ މި ފަރާތްތަކާ މެދު ގާނޫނާއި ގަވައިދުގެ ތެރެއިން ފިޔަވަޅު އަޅައިދެއްވުމަށް އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
ރޭގެ ވަގުތެއްގައި ސަރުކާރުން ވަނީ އުތުރު ތިލަފަޅަކީ މީހުން ދިރިއުޅޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި އެ ތަނުން ގޯތި ދިނުމަށް ހުޅުވާލައިފަ އެވެ. ގޯތި ދޫކުރަން ހިއްކާ ސަރަހައްދުގެ ޗާޓެއް ވެސް މިއަދު ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން ސިފައިންގެ ބަނދަރަކީ ގޯތި ދޫކުރާ ސަރަހައްދު ތެރޭގައި ހިމެނޭ ތަނެއް ނޫނެެވެ. ގޯތި ދެނީ އެ ފަޅުން އެހެން ބައެއް ހިއްކައިގެންނެވެ.
އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއި ކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ ޕްރޮޖެކްޓް 186 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގަމްއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އިދިކޮޅު ފާރާތްތަކުން ތުހުމަތު ކުރަނީ އުތުރު ތިލަފަޅަކީ އިންޑިއާގެ ސިފައިން ބައިތިއްބަން ތަރައްގީކުރާ ތަނެއްގެ ގޮތުގަ އެވެ. އެ ތުހުމަތު ސަރުކާރުން ތަކުރާރުކޮށް ދޮގުކުރެ އެވެ. އެއީ ދިވެހި ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަ ދިވެހިންގެ ތަނެއް ކަމަށް ސަރުކާރުން އަބަދުވެސް ބުނެ އެވެ.