މުއިއްޒުގެ އިގްތިސާދީ މެނިފެސްޓޯ: ދަރަނިން ސަލާމަތް ކުރުމާއި އިގްތިސާދު ކޮޅަށް ޖެހުން!
މުއިއްޒުގެ އިގްތިސާދީ މެނިފެސްޓޯ: ދަރަނިން ސަލާމަތް ކުރުމާއި އިގްތިސާދު ކޮޅަށް ޖެހުން!

ރާއްޖެ ދަރަނިން ސަލާމަތްކުރުމާއި އިގްތިސާދީ ގިނަ ހަރަކާތްތަކާ އެކު ޖީޑީޕީ 150 ބިލިއަން ރުފިޔާ އަށް ބޮޑުކުރުމަށް ވައުދުވެ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ މެނިފެސްޓޯ މިރޭ އިއުލާން ކުރައްވައިފި އެވެ.

އިގްތިސާދީ މެނިފެސްޓޯ އާންމު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި 114 ބިލިއަނަށް އަރާފައިވާ ކަމަށާއި އޭގެ އިތުރުން ކުންފުނިތަކުގެ ދަރަނި މިހާރު ހުރީ 32 ބިލިއަން ރުފިޔާގައި ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު ރާއްޖޭގައި ބޮލަކަށް ޖެހޭ އާމްދަނީއަކީ 10،000 ޑޮލަރު ކަމަށާއި އެއީ ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ހުރި ވަރަށް ވުރެ 35 ޕަސެންޓުގެ އިތުރުވުމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް މިހާރު ލިބެނީ 12 ޕަސެންޓު ކަމަށާއި އާމްދަނީ އަށް ވުރެ ބޮލަކަށް ޖެހޭ ދަރަނި ބޮޑުވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭގެ ބައެއް ސަބަބުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނުނިންމާ އޮތުމާއި މަސްވެރިކަމުގެ ސިނާއަތާ ދޭތެރޭގައި އެންމެ އެކަށީގެންވާ ސިޔާސަތެއް ނުގެންގުޅުން ހިމެނޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މިހާރު ފަށާފައިވާ ކަންކަން ނުހިންގައި ސަރުކާރު ހިންގުމުގެ ހަރަދުތައް ބޮޑުވުން ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ޔާމީންގެ ވެރިކަން ނިމުނު އިރު ގްރޮސް ރިޒާވްގައި 712 މިލިއަން ޑޮލަރު ހުރި ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 594 މިލިއަން ޑޮލަރަށް ތިރިވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ޔޫޒަބަލް ރިޒާވް 284 މިލިއަން ޑޮލަރުގައި ހުރި އިރު މިހާރު އެ އަދަދު 150 މިލިއަން ޑޮލަރަށް ކުޑަވެފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކުރިމަތިލަނީ މިކަމާ. މިހާލަތާ. މި އިގްތިސާދު ވައްޓާލާފައިވައި އަނދަވަޅުން ނަގައި ކޮޅަށް ޖެހުމަށްޓަކައި ވަރުގަދަ އަޒުމެއްގައި،" މުއިއްޒު ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް ރަނގަޅު ކުރުމަށްޓަކައި ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ހުށަހަޅަނީ ތިން ގޮތެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއީ އިގްތިސާދީ ހަމަޖެހުން ގާއިމް ކުރުމާއި ބޮޑެތި އިންގިލާބީ ބަދަލުތައް ގެނައުމާއި އިތުރަށް ފުޅާކުރުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އިގްތިސާދީ މަސައްކަތްތައް ކުރިޔަށް ގެންގޮސް ބަޖެޓް ޑެފިސިޓް ޑަބަލް ޑިޖިޓުން ސިންގަލް ޑިޖިޓަށް ކުޑަ ކުރާނެ ކަމަށާއި ރިޒާވް އިތުރުކޮށް ފަސް އަހަރު ނިމޭ އިރު ކުރިޔަށް ވުރެ މައްޗަށް ގެންދާނެ ކަމަށެވެ.

ވެރިކަމުގައި އަންނަ އަހަރާ ހަމައަށް ދާން ވާއިރަށް ދަރަނި މެނޭޖް ކުރާނެ ގޮތެއް ހައްދަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ ކްރެޑިޓް ރޭޓިން 2016 ގައި ހުރި ހިސާބަށް އަނބުރާ ގެންދިޔުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ދަރަނިތައް ދެއްކުމަށްޓަކައި ކްރެޑިޓް ރޭޓިން މަތިކޮށް އިންވެސްޓާ ކޮންފިޑެންސް އަނބުރާ ގެނެސް އަޅުގަނޑުމެންގެ ލޯނުތައް ރީފައިނޭންސް ކުރެވިގެން އިރާދަކުރެއްވިއްޔާ މި ލޯނުތައް ދެއްކުމުގައި މާ ބޮޑު އުނދަގުލެއް ނާންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

- ޑޮލަރު އެކްސްޗޭންޖް ރޭޓް ތިރިކޮށް އެއް ހަމައެއްގައި ހިފެހެއްޓުން

- އެސްޑީއެފް އަށް ޑޮލަރު ޖަމާކުރުމާއި ގާނޫނެއް ހަދައިގެން އިތުރަށް ވަރުގަދަކުރުން

- އެސްއީޒެޑް ގާނޫނު ފުރިހަމަ އަށް ތަންފީޒު ކުރުން.

- ޒުވާނުންނަށް އިންޓަނޭޝަނަލް ޕޭމަންޓް ނިޒާމްގެ ތެރެއަށް ވަދެވޭނެ ގޮތް ހެދުން

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެސްއީޒެޑްގެ ފުރުސަތުތައް ހުޅުވާލައި އިންވެސްޓަމަންޓް ބޭންކެއް ގާއިމް ކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ބޭންކު މެދުވެރިކޮށް އިންޓަނޭޝަނަލް އިންވެސްޓްމަންޓް ގެނެސް އެކި އިންޑަސްޓްރީތައް ކުރި އެރުވުމަށް އެ ބޭންކުގެ ބޭނުން ހިފޭނެ ކަމަށެވެ.

އެ ހުރިހާ މަސައްކަތެއްގެ ތެރެއިން 2028 ވަނަ އަހަރު ދައުރު ނިމޭ އިރު ރިއަލް ޖީޑީޕީ 150 ބިލިއަން ރުފިޔާ އަށް ޖައްސައި ބޮލަކަށް ޖެހޭ އަދަދު 17،000 ޑޮލަރަށް އިތުރު ކުރައްވާނެ ކަަމަށް މުއިއްޒުގެ މެނިފެސްޓޯގައިވެ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، މި ކަންކަމުގެ އިތުރުން ޔޫޒަވަލް ރިޒާވް 500 މިލިއަން ޑޮލަރާ ހަމައަށް ގެންގޮސް އެސްޑީއެފްގެ ޑޮލަރުގެ އަދަދު ވެސް 500 މިލިއަން ޑޮލަރާ ހަމައަށް އިތުރު ކުރައްވާނެ އެވެ.

"މިގޮތަށް އަޅުގަނޑުމެން މިކަން ކުރުމުން އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖަހައި ރާއްޖޭގެ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައި ދެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.