24 ސެޕްޓެމްބަރ 2023 - 18:40

އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި، އެއްވެސް އިދާރާއެއްގެ އެއްވެސް މަގާމެއްގައި ޖަވާބުދާރީވާން ނުކެރޭ ވަރުގެ މީހަކު ނުބަހައްޓާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިއަދު ހަވީރު ބޭއްވި ގަލޮޅު ކަންމަތީގައި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމު ރަނގަޅު ކުރެވޭނީ އިހުލާސްތެރި ވެރިން ތިބެގެން ކަމަށެވެ. އެހެންވެ، އޭނާގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަންކަމުގެ ތެރޭގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ކަންކަން ކުރެއްވުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އޭނާގެ ސަރުކާރެއް ވާނީ ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅޭ ސަރުކާރަކަށް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މައުލޫމާތު ހޯދައި ލިބިގަތުމަށް އެއްވެސް ހުރަހެއް ވެސް ނާޅުއްވާނެ ކަމަށެވެ. އޭނާގެ ސަރުކާރުގައި ހިންގާ ކޮންމެ މަޝްރޫއަކާ ގުޅޭ މައުލޫމާތު، އެއްވެސް ވަރެއްގެ ހިފެހެއްޓުމެއް ނެތި ދެއްވާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވި އެވެ.
"އެއްވެސް މީހަކަށް މައުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމައްޗެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
"ދެފުށް ފެންނާނެ. ޖަވާބުދާރީ ވާނެ. ޖަވާބުދާރީވާން ނުކެރޭ އެއްވެސް މީހަކު އެއްވެސް މަގާމެއްގައި ނުހުންނާނެ."
އޭނާގެ ވެރިކަމެއްގައި ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ނަގާނީ ތައުލީމީ، ގާބިލު މެމްބަރުން ކަމަށާއި އެ މެމްބަރުން ނެގުމުގައި އެއްވެސް ކަހަލަ އަމިއްލަފުޅު ނުފޫޒެއް ރައްޔިތުންގެ މަޖިލީހަށް ނުފޯރުވާނެ ކަމަށް ވެސް މުއިއްޒު މިއަދު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިނިވަން މުއައްސަސާތަކަކީ ގާނޫނާއަސާސީގައި ހަމައެކަނި "މިނިވަން" ޖަހާލައިފައި އޮތް ތަންތަނުގެ ބަދަލުގައި ހަގީގީ މާނާގައި މިނިވަން ތަންތަނަށް އޭނާ ހަދައިދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މުއައްސަސާތަކުގެ މެމްބަރުންގެ ގޮތުގައި ކަނޑައަޅަން މަޖިލީހަށް ފޮނުވާ ނަންތައް ހަމައެކަނި ސިޔާސީ ވިސްނުމެއްގައި ފޮނުވާ ނަންތަކަކަށް ނުވާނެ ކަމަށެވެ. ނަން ކަނޑައެޅުމުގައި ބަލާނީ ތައުލީމީ އަދި ގާބިލު މީހުން އެ މަގާމުތައް ނެގުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާބިލު، ތައުލީމީ ބޭފުޅުން ކަން ޔަގީންކުރާނަން. މެރިޓް ބޭސްޑް ލިސްޓު އަޅުގަނޑުމެން މަޖިލީހަށް ފޮނުވާނީ،" މުއިއްޒު ވިދާޅުވި އެވެ.
"މަޖިލީހުގައި އެކަން ޑިބޭޓްކުރެވި، އެކަން ކުރިއަށް ދާއިރުގައި އަޅުގަނޑެއް ނުފޫޒެއް ނުފޯރުވާނަން. މިނިވަންކަމާ އެކީގައި އިންސާފުވެރިކަމާ އެކީގައި މެރިޓް ބޭސްޑްކޮށް ބެލި ހޮވޭ މީހުންގެ ގޮތުގައި އެ މެމްބަރުން ހަދަން އަޅުގަނޑު ބޭނުންވަނީ."
މިނިވަން މުއައްސަސާތަކުގައި މި ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް އޮންނަ ކަމަށް ބުނެ އިދިކޮޅުން ވަނީ އެކި ފަހަރު މަތިން ގިނަ ތުހުމަތުތަކެއް މީގެ ކުރިން ވެސް ކޮށްފަ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ މުއިއްޒު ވަނީ އޭނާގެ ސަރުކާރެއްގައި އެކުލަވައިލާ ކެބިނެޓުގައި ތިއްބަވާނީ ދިވެހިން ފަހުރުވެރިވާނެ އަދި ކަމަށް ގާބިލު މިނިސްޓަރުން ކަމަށް ވެސް ވިދާޅުވެފަ އެވެ.