މައްސަލައެއް ނެތް، ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް އޮތީ ވަރަށް އުޖާލާކޮށް: ނަޝީދު
މައްސަލައެއް ނެތް، ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް އޮތީ ވަރަށް އުޖާލާކޮށް: ނަޝީދު

ދިވެހި ދައުލަތް ރީތިކޮށް އޮމާންކޮށް އަބަދުވެސް ހިނގަމުންދާނެ ކަމަށާއި ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތް އޮތީ ވަރަށް އުޖާލާކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައެއް ނެތް، ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް އޮތީ ވަރަށް އުޖާލާކޮށް: ނަޝީދު
މައްސަލައެއް ނެތް، ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް އޮތީ ވަރަށް އުޖާލާކޮށް: ނަޝީދު

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއްގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު މައްސަލަތަކަށް ފަހު މިއަދު އެ މަނިކުފާނާ ރައީސް އޮފީހުގައި ބައްދަލުކުރެއްވިތާ އިރުކޮޅެއް ފަހުން ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހެން ވިދާޅުވީ ދެ ވަނަ ބުރުގައި ތާއީދުކުރައްވަނީ ރައީސަށްތޯ ނުވަތަ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށްތޯ ކުރި ސުވާލުތަކާ ގުޅިގެންނެވެ.

މައްސަލައެއް ނެތް، ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް އޮތީ ވަރަށް އުޖާލާކޮށް: ނަޝީދު
މައްސަލައެއް ނެތް، ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް އޮތީ ވަރަށް އުޖާލާކޮށް: ނަޝީދު

އެމްޑީޕީތެރޭގައި އުފެދުނު ދެބަސްވުންތަކަށް ފަހު އެ ޕާޓީ ތެރެއިން އުފެދުނު ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ގޮތަށް، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަ ގޮތެއް ބެލުމުގެ އާންމު ވޯޓާ ބެހޭ ގޮތުން ރައީސް އާއި ނަޝީދު މިއަދު މަޝްވަރާކުރެއްވި އެވެ. ނަޝީދުގެ ޕްރެސް ކޮންފަރެންސްގައި، އެމަނިކުފާނު އަބަދުވެސް ހުށަހަޅުއްވާ ބަރުލަމާނީ ނިޒާމުގެ ސިފަތައް އިއްވެވި އެވެ. އެކަމަކު ސުވާލުތަކަށް ހުޅުވާލުމާ އެކު އަމާޒުވީ ދެ ވަނަ ބުރުގައި ތާއީދުކުރާނެ ކެންޑިޑޭޓަކާ ގުޅޭ ގޮތުންނެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖެއަކަށް އެއްވެސް މައްސަލައެއް ނެތް އިރާދަކުރެއްވިއްޔާ. މި ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް އޮތީ ވަރަށް އުޖާލާކޮށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދިވެހި ދައުލަތް ރީތިކޮށް، އޮމާންކޮށް އަބަދުވެސް ހިނގަމުންދާނެ ކަމަށާއި އެކަން އެގޮތުގައި ދެމެހެއްޓުމަށް ދައުލަތުގެ މުއައްސަސާތަކާއި މަޖިލީހާއި ސިފައިންނާއި ފުލުހުންނާއި އަދި ސިވިލް ސާވަންޓުން އެބަ ތިބި ކަމަށެވެ، އެހެންވެ ރައްޔިތުން ކަންބޮޑުވާން ޖެހޭ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް ސަރުކާރަށް ރިޝްވަތާއި ކޮރަޕްޝަނާ ގުޅުވައިގެން ކުރި ސުވާލުތަކަށް ވެސް މިއަދު ސީދާ ޖަވާބެއް ނުދެއްވަ އެވެ. އިންތިހާބަށް ވަމުންދާ ބޮޑެތި ވައުދުތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ވެސް ދެއްވީ ޖުމްލަ ޖަވާބެކެވެ.

ނަޝީދު ވިދާޅުވީ، ބައެއް ކަންކަމަކީ ބަޖެޓުގައި ހިމެނިފައިވާ ކަންކަން ނޫން ކަމަށާއި އެކަމަކު ވެރިކަމަށް ދެން ވަޑައިގަންނަވާ ވެރިއަކު ބަޖެޓަށް ބަދަލުގެންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ދޮށީ އުމުރުގެ މީހުންނަށް ޕެންޝަނަށް ބަދަލެއް ގެންނަންޏާ، އަހަރަކަށް 336 މިލިއަން ރުފިޔާ، އުނދަގޫތަކެއް ހުންނާނެ، އެ ފައިސާ ބަޖެޓު ކުރެވިފަކާ ނެތް. ހުށަހެޅޭ އެއްވެސް ކަމަކަށް ބަޖެޓު ހުށަހެޅިފައި ނެތް. ފިނޭންސް މިނިސްޓްރީގެ ބަޖެޓުގައި ވެސް ނެތް، އެހެންނަމަވެސް ކުދި ބަޖެޓު ހުށަހެޅޭ ވެސް މެ، ރިޔާސީ އިންތިހާބުގެ ފަހުން ވަޑައިގަންނަވާ ކޮންމެ ވެރިއަކު ވެސް އެބަހުރި އަލުން އަނބުރާ ބަޖެޓު އަނބުރާ ލައްވާތަން. އެ މަސައްކަތް އެގޮތަށް ދާނެ ކަމަށް އަޅުގަނޑު ދެކެނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ވިސްނުން މިވަގުތު ހުރީ ވެރިކަމުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލު ގެނައުމުގެ މަސައްކަތަށެވެ. އެއީ ރައްޔިތުންނަށް އެންމެ ރަނގަޅުވާނެ ގޮތް ކަމަށް ތަކުރާރުކޮށް ފާހަގަކުރައްވައި ވިދާޅުވީ ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް މަޝްވަރާކުރެއްވީ ހަމައެކަނި އެކަމާ ގުޅޭ ގޮތުން ކަމަށެވެ.

"އަޅުގަނޑާ ގުޅޭ ވާހަކަތަކެއް ނޫން، އަދި ރައީސުލްޖުމްހޫރިއްޔާއާ ގުޅޭ ވާހަކަތަކެއް ނޫން. އަދި އެއްވެސް ވެރިއަކާ ގުޅޭ ވާހަކައެއް ނޫން، ދިވެހި ރައްޔިތުންނާ ގުޅިފައިވާ ވާހަކައެއް. ރާއްޖޭގެ އާންމު ރައްޔިތުންގެ ހާލަތު ރަނގަޅުވެ ރައްޔިތުން ތަނަވަސް ކަމަށް އެނބުރޭނީ އަޅުގަނޑުމެންނަށް މާބޮޑަށް ގަބޫލުކުރެވޭ ގޮތުގައި ނިޒާމަށް ބަދަލެއް ގެނެވިގެން،" ނަޝީދު ވިދާޅުވި އެވެ.

ދެ ވަނަ ބުރުގައި ތާއީދުކުރައްވާނެ ކެންޑިޑޭޓަކާ މެދު ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު ތައީދުކުރެއްވީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި، އެމަނިކުފާނުގެ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކަމަށާއި ދެ ވަނަ ބުރުގައި ވެސް ތާއީދުކުރައްވާނީ އިލްޔާސް ލަބީބަށް ކަމަށެވެ.

ނަޝީދު އިޝާރާތްކުރެއްވީ ޑިމޮކްރެޓްސް އިން ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމާފައިވާ ނިންމުމަށެވެ.

އެ ވާހަކައަށް ބާރު ދެއްވަން ނެންނެގެވީ ގާނޫނު އަސާސީގެ 111 ވަނަ މާއްދާ އެވެ. އެ މާއްދާގެ ށ. ގައިވާ ގޮތުގައި ދެ ވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންދަވައިފި ނަމަ، އެ ކެންޑިޑޭޓެއްގެ ބަދަލުގައި ދެ ވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓެވެ. މި މަހުގެ 9 ވަނަ ދުވަހު އޮތް ފުރަތަމަ ބުރުގައި 15،000 ވޯޓު ހޯއްދަވައިގެން ތިން ވަނަ ހޯއްދެވީ އިލްޔާސެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީއަށް ވެސް ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތަކީ ހަމަ އަޅުގަނޑު މިގޮތުގައި ހިފަހައްޓައިގެން ހުރުން. ސަތޭކަ އެގާރަ ވަނަ މާއްދާ ބައްލަވާ، އަޅުގަނޑު ތާއީދު ކުރާނީ އިލްޔާސް ލަބީބަށް،" ނަޝީދު ވިދާޅުވި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސަށް ތާއީދުކޮށްދިނުމަށް ނަޝީދު އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވިޔަސް، ނަޝީދު ވިދާޅުވީ އެފަދަ މަޝްވަރާއެއް ވެސް ނުކުރައްވާ ކަމަށެވެ.