އިންތިހާބުގެ ތެރެއަށް އެހެން ގައުމުތައް ނުވައްދަން ނަޝީދު ގޮވާލައްވައިފި
އިންތިހާބުގެ ތެރެއަށް އެހެން ގައުމުތައް ނުވައްދަން ނަޝީދު ގޮވާލައްވައިފި

ރިޔާސީ އިންތިހާބުގެ ތެރެއަށް އެހެން ގައުމުތައް ނުވެއްދުމަށް، އެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

އިންތިހާބުގެ ތެރެއަށް އެހެން ގައުމުތައް ނުވައްދަން ނަޝީދު ގޮވާލައްވައިފި
އިންތިހާބުގެ ތެރެއަށް އެހެން ގައުމުތައް ނުވައްދަން ނަޝީދު ގޮވާލައްވައިފި

ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ނަޝީދު ހުށަހަޅުއްވާ ގޮތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު މިކަމަށް ގޮވައިލެއްވީ އިންތިހާބުގެ ދެ ވަނަ ބުރުގައި ތާއީދުކުރައްވަނީ ކޮން ކެންޑިޑޭޓަކަށްތޯ ނޫސްވެރިން ކުރި ސުވާލުތަކާ ގުޅިގެންނެވެ.

އެމަނިކުފާނު ވިދާޅުވީ މަދަރުސާގައި އުޅުއްވި އިރުގައި "ލިޓްލް ޑަކްލިންގްސް" ކިޔާ ކުޑަކުދިންގެ ވާހަކައެއް ދަރިވަރުންގެ ފޮތުގައި އޮންނަ ކަމަށާއި އެއީ ދުނިޔެ ބޮލަށް ވެއްޓިދާނެތީ އުޅޭ ކުޑަކުޑަ އަސްދޫންޏެއްގެ ވާހަކަ ކަމަށެވެ.

"މާދަން މިހެން ވެއްޖެއްޔާ މާދަން އުޑު ބޮލަށް ވެއްޓޭނެއޭ، އެކަމާ ބިރުން އުޅޭ އަސްދޫންޏެއް. ދަންނަވަންތޯ އަޅުގަނޑު މިއީ އެ އަސްދޫންޏެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ބޭރު ގައުމުތަކުގެ ނުފޫޒު ރާއްޖޭގައި އޮތް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ދިވެހި ދައުލަތް ރީތިކޮށް، އޮމާންކޮށް އަބަދުވެސް ހިނގަމުންދާނެ ކަމަށެވެ. އެކަން އެގޮތުގައި ދެމެހެއްޓުމަށް ދައުލަތުގެ މުއައްސަސާތަކާއި މަޖިލީހާއި ސިފައިންނާއި ފުލުހުންނާއި އަދި ސިވިލް ސާވަންޓުން އެބަ ތިބި ކަމަށާއި ރައްޔިތުން ކަންބޮޑުވާން ޖެހޭ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތް އަދިވެސް އޮތީ ވަރަށް އުޖާލާކޮށެވެ.

"އަޅުގަނޑު ދަންނަވާލަން އެބަ ޖެހޭ އެހެން ނަމަވެސް، މި ރިޔާސީ އިންތިހާބަށް ބޭފުޅުން ވަޑައިގަންނަވާ އިރުގައި ކެންޑިޑޭޓުން އެހެން ގައުމުތައް މި އިންތިހާބުގެ ތެރެއަށް ބައިވެރި ނުކުރެއްވުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު އެގޮތަށް ވިދާޅުވި އިރު، ރިޔާސީ އިންތިހާބަށް އިންޑިއާ ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅުން ދަނީ ތަކުރާރުކޮށް ތުހުމަތުކުރަމުންނެވެ.

"އަޅުގަނޑުމެންގެ އިންތިހާބެއް މިއީ. މި ރާއްޖޭގެ ރައްޔިތުން މިއަށް ވޯޓު ދޭން އޮތީ. މި ރާއްޖޭގެ ރައީސަކު އިންތިހާބު ކުރަމުން މި އަންނަނީ. އެހެންވީމަ، އެކަން އެހެން ނުކުރެއްވިއްޔާ ވަރަށް ބޮޑު ރަނގަޅަކަށް ވާނެ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުމުގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު ތައީދުކުރެއްވީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި، އެމަނިކުފާނުގެ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކަމަށެވެ. ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން އެ ޕާޓީން ނިންމާފައި ވާތީ، އެމަނިކުފާނު އަމިއްލަފުޅަށް ވެސް އެހެން ކެންޑިޑޭޓަކަށް ތާއީދުކުރަން ގަސްތުނުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ނޫސްވެރިންނާ ބައްދަލުކުރެއްވީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅުން ގޯސްވިތާ ގިނަ ދުވަސްތަކެއް ވީ ފަހުން މިއަދު ރައީސް އޮފީހުގައި އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ފަހުގަ އެވެ. އެ ބައްދަލުކުރެއްވުމުގައި ދެވަނަ ބުރުގައި ނަޝީދުގެ ތާއީދަށް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އެކަމަކު ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު އެ ބައްދަލުވުމާ ގުޅޭ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.