24 ސެޕްޓެމްބަރ 2023 - 11:07

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިތުރުވި ވޯޓުފޮށިތަކަށް މޮނިޓަރުން ހޯދަން އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާންކޮށްފި އެވެ.
މި މަހުގެ 9 ގައި ބޭއްވި އިންތިހާބު ކާމިޔާބުކުރެވޭ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ހޯއްދެއްވިފައި ނުވާތީ ބާއްވާ ދެވަނަ ބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ދެވަނަ ބުރުގައި 500 އަށްވުރެ ގިނަ މީހުން ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 99 މަރުކަޒެއް ދެ ސެޓަޕަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެެވެ.
އިތުރުވި 12 ފޮއްޓަށް 350 މޮނިޓަރުން ބޭނުންވާ ކަމަށާއި ފުރަތަމަ ބުރުގައި ތިބި މީހުންގެ ތެރެއިން އެ އަދަދު ހަމަވެފައި ވިޔަސް ރިޒާވް ޕޫލަށް އިތުރު 200 އޮފިޝަލުން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޮނިޓަރަކަށް ވުމުގެ ފުރުސަތު މިއަދު ހެނދުނު 10 ގައި ހުޅުވާލީ މެންދުރު 12ގެ ކުރިން ފޯމު ހުށަހަޅަންޖެހޭ ގޮތަށެވެ.
މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަންނަނީ ދަރުބާރުގޭގައި ގާއިމް ހުންނަ، އިންތިހާބާ ބެހޭ މަރުކަޒުގެ ރިސެޕްޝަނުންނެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.