ނިޒާމީ ވޯޓަށް އެއްބަސްވެވިފައި ވަނިކޮށް ދެ ރައީސުން ބައްދަލުކުރައްވައިފި
ނިޒާމީ ވޯޓަށް އެއްބަސްވެވިފައި ވަނިކޮށް ދެ ރައީސުން ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އެންމެ ބޮޑަށް ހިޔާލުތަފާތުވި ބަރުލަމާނީ ނިޒާމު ގެނައުމުގެ މައްސަލައިގައި އެންމެ ފަހުން ވޯޓު ނެގުމުގެ ތާރީޚަކާ ހަމައަށް އެއްބަަސްވެވިފައި ވަނިކޮށް ދެ ބޭފުޅުން ރައީސް އޮފީހުގައި މިއަދު ބައްދަލުކުރައްވައިފި އެވެ.

ނިޒާމީ ވޯޓަށް އެއްބަސްވެވިފައި ވަނިކޮށް ދެ ރައީސުން ބައްދަލުކުރައްވައިފި
ނިޒާމީ ވޯޓަށް އެއްބަސްވެވިފައި ވަނިކޮށް ދެ ރައީސުން ބައްދަލުކުރައްވައިފި

ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ނަޝީދު ހުށަހަޅުއްވައި، އެ މަސައްކަތް ހިނގަމުން އަންނަނިކޮށް ދެ ބޭފުޅުން ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތަފްސީލެއް އަދި އާއްމެއް ނުކުރެ އެވެ. އެކަމަކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ކުރީގެ ރައީސް ނަޝީދުގެ މަޝްވަރާއެއް މި ހިނގީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ގުޅުން ގޯސްވެފައި އޮތުމަށް ފަހު އެވެ.

މި ބައްދަލުވުމުގެ ކުރިން، އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ވެރިކަން ދެމިއޮތުމަށް ތާއީދުކުރުމާއި ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ދެ ބޭފުޅުން ފޯނުން ވާހަކަ ދެއްކެވި އެވެ. އެ ބައްދަލުވުމުގައި، ކުރިއެކޭ އެއްގޮތަށް ދެ ބޭފުޅުންނަށް ވާހަކަތައް ކުރިއަށް ގެންދެވުނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނޫސްވެރިންނަށް ވިދާޅުވެފަ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި، ނަޝީދު އިސްވެ އުފެއްދެވި ޕާޓީ، ޑިމޮކްރެޓްސް އިން ރައީސްއާ ދެކޮޅަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާދަކުރެއްވި އެވެ. ޑިމޮކްރެޓްސް އިން 15،000 ވޯޓާ އެކު ތިން ވަނައަށް ދިޔަ ނަމަވެސް ދެވަނަ ބުރަށް ނިންމީ، އެމްޑީޕީ އާއި ޕީޕީއެމްގެ ތެރެއިން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނޭރުމަށެވެ.

މި ނިންމުން މިހެން އޮތަސް، ޑިމޮކްރެޓްސްގެ މެމްބަރުންނަކީ އެމްޑީޕީގެ ފިކުރު ކަމަށް ވާތީ ވަކިވަކި މެމްބަރުން އަންނަނީ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަމުންނެވެ. އަނެއް ބަޔަކު ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނާ ވެސް ގުޅެ އެވެ.

ނަޝީދު އަބަދުވެސް ވަކާލާތުކުރައްވާ ބަރުލަމާނީ ނިޒާމުގެ ވޯޓު ނެގުމަށް ރައީސަށް ހުށަހެޅީ، ދެވަނަ ބުރުގައި ތާއީދުކުރަން ޝަރުތެއްގެ ގޮތުގަ އެވެ. ޕީޕީއެމަށް ވެސް ހަމަ މި ޝަރުތު ހުށަހެޅި އެވެ. އެކަމަކު ޑިމޮކްރެޓްސް އިން ބޭނުންވި ގޮތަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން، އެ ވޯޓަށް ދެ ޕާޓީއަށް ވެސް އެއްބަސް ނުވެވުނީ އެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ރައީސާއި ޕީޕީއެމަށް ވެސް ހުށަހެޅީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާ މި މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ. އެކަމަކު، ރައްޔިތުން ހޭލުންތެރިނުކޮށް، ކުއްލިއަކަށް އެ ތާރީޚުގައި އެކަން ކުރުމަކީ ނުވާނެ ކަމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

އޭގެ ފަހުން، އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން މަޖިލީހުގެ މަސައްކަތުގައި އުފެދިފައިވާ އަރައިރުންތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ދޫދީ، ރައްޔިތުންގެ މަޖިލީހުން ބަރުލަމާނީ ނިޒާމުގެ ގަރާރު ފާސްކުރީ، އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އަންނަ މަހުގެ 29 ގައި ނިޒާމީ ވޯޓު ނަގާނެ ކަމަށާއި އެކަމަށް ބަޖެޓް ލިބުނުހާ އަވަހަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ގާނޫނުއަސާސީ އެކުލަވާލިއިރު ރައްޖޭގައި ބާއްވާނެ ނިޒާމެއް ކަނޑައަޅަން ނެގި ވޯޓުގައި ރައްޔިތުން އިޚްތިޔާރުކުރީ ރިޔާސީ ނިޒާމެވެ. އޮގަސްޓް، 18، 2007 ގައި ނެގި އެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ.

އޭރު އެ ވޯޓަކީ ހޭލުންތެރިކުރުވުމެއް ނެތި ރާއްޖޭގައި އޭރު އޮތް ސިޔާސީ ދެ ފިކުރު، ޑީއާރުޕީ އާއި އެމްޑީޕީގެ ވާދަވެރިކަމުގެ ތެރެއިން ނެގުނު ވޯޓެއް ކަމަށް ބުނެ އަލުން ހިޔާލު ހޯދަން ނަޝީދާ އެކު ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވެރިކަމުގެ މި ދައުރު ފެށުނީއްސުރެން އަންނަނީ ވަކާލާތު ކުރަމުންނެވެ.

ބަރުލަމާނީ ނިޒާމުގައި، ވެރިކަން ކުރާނީ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލިބޭ ޕާޓީއަކުންނެވެ. ވެރިކަން ހިންގާ ފަރާތާއި މަޖިލީހަކީ އެއް ބައެކެވެ. ބާރުލަމާނީ ނިޒާމް ދިވެހިން ބޭނުން ނުވީ ސަރުކާރު ޖަވާބުދާރީ ނުކުރެވި، ސަރުކާރު ބޭނުންވާ ގޮތަށް ގާނޫނުތައް ފާސްކޮށްފާނެތީ އެވެ. އެއާ އެކު، ސަރުކާރު ބަދަލުކުރަން މި ނިޒާމުގައި ފަސޭހަވާނެތީ އެވެ.

ރިޔާސީ ނިޒާމަކަށް ރައްޔިތުން ތާއީދުކުރީ، ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ އިތުރުން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ވަކިވެފައި އޮތުމުން، އެއް ބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވެވޭނެ ކަމަށް ދެކިގެންނެވެ.

އެއާއެކު، މި ނިޒާމުގައި ވެސް ކަނޑައަޅާފައި އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ގާނޫނާ ޚިލާފު ކަމެއް ކުރުމުން، އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރެވޭނެތީއާ ވެސް އެކުގަ އެވެ.

ރާއްޖޭގައި ނިޒާމީ ވޯޓެއް އަލުން ނަގަން ގަރާރެއް ފާސްކޮށް އީސީއަށް ފޮނުވާފައި އޮތަސް މި ނިޒާމު ރާއްޖޭގައި އޮންނާނެ ގޮތަކާ މެދު އަދި ބަހުސެއް ނުކުރެވެ އެވެ.

"...ސަރުކާރު ބައްޓަންކުރާ ގޮތް އެކި ގައުމުތަކުގައި އެކި ގޮތަށް އެބަހުރި، ބާރުތައް ބައިކޮށްފައި ވެސް އެބަހުރި ރައީސަކަށް ވަކި ބާރުތަކެއް ދީފައި ބޮޑުވަަޒީރަކަށް ވަކި ބާރުތަކެއް ދީފައި ހުންނަ ނިޒާމެއް ވެސް އެބަ އޮތް، އަދި އެހެން ގޮތްތައް ވެސް އެބަ ހުރޭ. ޑީޓައިލްއަކަށް އަޅުގަނޑުމެން ވާހަކަ ދައްކާނީ ފަހުން،" ނިޒާމީ ވޯޓާ ގުޅޭ ގޮތުން މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވެ އެވެ.

ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަށް، އެމްޑީޕީން 2018 ގައި އެކުލަވާލި މެނިފެސްޓޯގައި ވެސް ހިމެނި އެވެ.

އެކަމަކު، ރާއްޖޭގެ ސިޔާސީ ހާލަތު އޭރު އޮތް ގޮތުން، ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބަށް ނެރެ އެކުލަވާލި ސަރުކާރުގައި ތަންފީޒުކުރަން އެއްބަސްވީ ޕާޓީތައް ގުޅިގެން އެކުލަވާލި މެނިފެސްޓޯ އެވެ.