24 ސެޕްޓެމްބަރ 2023 - 09:21

ސަރުކާރުގެ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން ފްލެޓެއް ލިބިފައި އޮތް ނަމަވެސް އެތަން ދޫކޮށްލުމަށް ފަހު އުތުރު ތިލަފަޅުން ދޫކުރާ ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު "ބިންވެރިޔާ"ގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯއްޗާއި ފްލެޓު ދޭން ނިންމާފައި ވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެހެން ރަށްރަށުގެ މީހުންނާއި ދަފްތަރުގައި ވެސް ޖެހުނުތާ 20 އަހަރުވެފައިވާ މީހުންނަށެވެ.
އެ މަޝްރޫއުގެ އިތުރު ތަފްސީލް ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓާއި ގޯތި ކޮމިޓީގެ ޗެއާމަން، އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯއްޗަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މީގެ ކުރިން ސޯޝަލް ހައުސިން ފްލެޓެއް ލިބިފައި އޮތް ނަމަ އެތަން ދޫކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ކުރީ ސަރުކާރުން ދޫކުރި ހިޔާ ފްލެޓު ލިބިފައިވާ މީހުން ވެސް އެ ފްލެޓް ދޫކޮށްލުމަށް ފަހު އާ މަޝްރޫއުގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"މިހެން ހެދީ ފުރަތަމަ ބުރުގައި ގޯއްޗަށް ކުރިމަތިނުލެވިގެން ހުށަހެޅި ޝަކުވާތައް ބަލައިފައި. ހިޔާ ފްލެޓް ނުވަތަ ސަރުކާރުގެ އެހެން ވެސް މަޝްރޫއަކުން ލިބިފައި އޮތް ފްލެޓް ދޫކޮށްލާ ގޮތަށް އުސޫލްތަކެއްގެ ތެރެއިން ގޯއްޗަށް ކުރިމަތިލޭވެނެ ފުރުސަތު މި ބުރުގައި ލިބޭނެ،" އަކްރަމް ވިދާޅުވި އެވެ.
އޭގެ އިތުރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުވައިލި ފުރަތަމަ ބުރުގައި ޝަރުތު ހަމަވުމަށް ފަހު ގޯތި ނުލިބުނު 18-25 އަހަރުގެ ދެމެދުގެ މީހުންނަށް ވެސް މި ބުރުގައި ގޯތި ލިބޭނެ ކަމަށާއި އެއީ ގާތްގަނޑަކަށް 600 މީހުން ކަމަށް އަކްރަމް ވިދާޅުވި އެވެ.
ދެވަނަ ބުރުގެ ތެރެއިން 1250 އަކަފޫޓުގެ 5098 ގޯތި ދޭން އަމާޒު ހިފާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
ސަރުކާރުން ރޭ ވަނީ ހުޅުމާލެ އިން 8،000 އަށް ވުރެން ގިނަ ފްލެޓާއި 5000 އަށް ވުރެ ގިނަ ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.
މިފަހަރު ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވާ އުތުރު ތިލަފަޅަކީ އެއް ސަރަހައްދަކީ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ކަމުގެ ތުހުމަތު ކުރަމުންދާ ތަނެކެވެ. ކޯސްޓުގާޑުގެ އުޅަނދުތައް މަރާމާތުކުރާ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރާ އެތަނުގައި 15 ހެކްޓަރު ބިން މިހާތަނަށް ހިއްކާފައިވާ އިރު، މުޅި މަޝްރޫއު ނިންމަން ޕްލޭންކޮށްފައި އޮތީ ޖެނުއަރީ، 2025 އަށެވެ.
ގެދޮރުވެރިޔާ ސްކީމުން ފްލެޓާއި ގޯއްޗަށް އެދި ފުރަތަމަ ބުރުގައި ހުޅުވާލުމުން ގިނަ ބަޔަކު ކުރިމަތިލައި އޭގެ ތެރެއިން ބައެއް މީހުންނަށް މިހާރު ވަނީ ގޯތި ހަވާލުކޮށްފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ މާލެއިން ފެށިގެން އުތުރު ތިލަފަޅާ ހަމައަށް ބްރިޖުން ގުޅައިލާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.