24 ސެޕްޓެމްބަރ 2023 - 08:02

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު، ގެދޮރުވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހީގައި، ހިއްކާފައި އޮތް އުތުރު ތިލަފަޅުން ގޯއްޗާއި ހުޅުމާލެ އިން ފްލެޓަށް ކުރިމަތިލާން ރޭ ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓާއި ގޯތި ކޮމިޓީގެ ޗެއާމަން، އަކްރަމް ކަމާލުއްދީން ވިދާޅުވީ ގެދޮރުވެރިޔާގެ ސްކީމުން ފުރަތަމަ ހުޅުވާލައިގެން ކުރިމަތިލީ ޕޯޓަލް އިން މިފަހަރު ވެސް ފްލެޓާއި ގޯއްޗަށް އެދެވޭނެ ކަމަށެވެ. މި ފިޔަވަހީގައި ހުޅުމާލެ އިން 8،000 އަށް ވުރެން ގިނަ ފްލެޓާއި 4،500 އަށް ވުރެން ގިނަ ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ކަނޑައަޅާފައި މިހާރު އޮތް އަދަދަށް ވުރެން ވެސް ގޯތި އިތުރުވެދާނެ ކަަމަށާއި އަމާޒަކީ 5،000 އަށް ވުރެން ގިނަ ގޯތި ދޫކުރުމެވެ.
މި ސްކީމް ހުޅުވާލީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ވެސް ގޯއްޗަށް އެދި ކުރިމަތިލެވޭ ގޮތަށެވެ. ފުރަތަމަ ފިޔަވަހިން ފުރުސަތު ދިނީ މާލޭ ރައްޔިތުންނަށް އެކަންޏެވެ.
މިފަހަރު ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވާ އެއް ސަރަހައްދަކީ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ކަމުގެ ތުހުމަތުކުރަމުންދާ އުތުރު ތިލަފަޅެވެ. ކޯސްޓުގާޑުގެ އުޅަނދުތައް މަރާމާތުކުރާ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރާ އެތަނުގައި 15 ހެކްޓަރު ބިން މިހާތަނަށް ހިއްކާފައިވާ އިރު، މުޅި މަޝްރޫއު ނިންމަން ޕްލޭންކޮށްފައި އޮތީ ޖެނުއަރީ، 2025 އަށެވެ.
ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހި، ގިރާވަރު އުތުރުފަޅު (އުތުރު ތިލަފަޅުން) ވީހާވެސް ގިނަ ބަޔަކަށް ބަންޑާރަ ކަށަވަރުކުރެވޭނެ ގޮތަށް، އުސޫލް ވެސް މިހާރު އޮތީ ގެޒެޓްކޮށްފަ އެވެ.
ގޯއްޗަށް އެދުމުގެ ޝަރުތުތަކަކީ ދިވެހި ރައްޔިތެއް ކަމުގައި ވުމާއި އުމުރުން 18 އަހަރުވުމުގެ އިތުރުން ބިންވެރިޔާ ސްކީމުން މީގެ ކުރިން ގޯއްޗެއް ލިބިފައި ނުވުމެވެ. ފްލެޓެއް ލިބިފައި އޮތަސް މި ފިޔަވަހިން ގޯއްޗަށް އެދެވޭނެ ކަމަށް ސްޓޭޓް މިނިސްޓަރު އަކްރަމް ވިދާޅުވި އެވެ.
އުސޫލްގައިވާ ގޮތުން، ވަކިން ކުރިމަތިލާ ނަމަ ލިބޭނީ 1250 އަކަފޫޓެވެ. އެކަަމަކު ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ކުރިމަތިލާ ނަމަ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރެވޭނެ އެވެ. ޖޮއިންޓް އެޕްލިކޭޝަންގައި ހަތް މީހުންނަށް ވުރެން ގިނައިން ތިބި ނަމަ 4،000 އަކަފޫޓް ލިބޭނެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ފްލެޓް ދޫކުރުމުގެ އުސޫލްގައި ވެސް އޮތީ، އެ ފިޔަވަހީގެ ބޭނުމަކީ ކަނޑައެޅިފައިވާ ހަމަތަކެއްގެ މަތިން ތަނަވަސް ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ފުރުސަތު ކަށަވަރުކޮށްދިނުން ކަމަށެވެ. މާލޭގައި ދިރިއުޅޭތާ 15 އަހަރުވީ ދިވެހި ރައްޔިތުންނަށް މި ފްލެޓަށް ކުރިމަތިލެވެ އެެވެ. ޖޮއިންޓްކޮށް ކުރިމަތިލުމުގެ ފުރުސަތު ވެސް އޮތީ ހުޅުވާލައިފަ އެވެ.
ފްލެޓަށް ކުރިމަތިލާ މީހާގެ ޝަރުތުތަކުގެ ތެރޭގައި އަމިއްލަ ފަރާތަކުން ވިއްކާފައިވާ ފްލެޓެއް ގަނެފައި ނުވުމާއި މަހަކަށް ޖެހޭ އާމްދަނީ 60،000 ރުފިޔާ އަށް ވުރެން އިތުރު ނުވުން ހިމެނެ އެވެ.
ގެދޮރުވެރިޔާ ސްކީމުން ފްލެޓާއި ގޯއްޗަށް އެދި ފުރަތަމަ ބުރުގައި ހުޅުވާލުމުން ގިނަ ބަޔަކު ކުރިމަތިލައި އޭގެ ތެރެއިން ބައެއް މީހުންނަށް މިހާރު ވަނީ ގޯތި ހަވާލުކޮށްފަ އެވެ. ގިރާވަރުފަޅުން މި ހަފުތާގައި ގޯތި ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ފުރަތަމަ ބުރުގައި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓް ވެސް އޮތީ އިއުލާންކޮށްފަ އެވެ. ސަރުކާރުން ބުނެފައި ވަނީ ހުޅުމާލޭގައި އިމާރާރްކޮށްފައިވާ އެ ފްލެޓްތަކުގައި މި ދައުރު ނިމުމުގެ ކުރިން މީހުން ދިރިއުޅެން ފަށާނެ ކަމަށެވެ.