23 ސެޕްޓެމްބަރ 2023 - 23:06

އަންނަ ޑިސެމްބަރު މަހު ބާއްވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ފުރަތަމަ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ނިންމަވައިފި އެވެ.
އެ ޕާޓީގެ ވަގުތީ ޗެއާޕާސަންކަން ވެސް ކުރައްވާ ހަސަން މިރޭ ކުރެއްވި ޓްވީޓެއްގައި، އެކަން އިއުލާނު ކުރައްވައި، ޕާޓީގެ މެންބަރުންގެ ތާއީދަށް އެހީތެރިކަމަށް އެދިވަޑައިގެންނެވި އެވެ.
ހަސަނަކީ ޖުލައި 12 ވަނަ ދުވަހު ރަޖިސްޓްރީކުރި ޑިމޮކްރެޓްސް ޕާޓީގެ މުއައްސިސެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވާ ޑިމޮކްރެޓްސް ޕާޓީގެ ފުރަތަމަ އިންތިހާބު އޮންނާނީ ޑިސެމްބަރު ދެ ވަނަ ދުވަހު ކަމަށް ނިންމީ މިއަދު ބޭއްވި ވަގުތީ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެ ތާރީހު އިއުލާން ކުރުމާ އެކު، ޑިމޮކްރެޓްސްގެ ރައީސް ކަމަށް ނުކުންނަވާނެ ކަން، ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބްގެ ރަނިންމޭޓް ހަސަން އަމްރު ވެސް ވަނީ އިއުލާނު ކުރައްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންގެ އިތުރުން، އިލްޔާސް ވެސް ވަނީ ރައީސް ކަމަށް ވާދަކުރައްވާނެ ކަމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެކަމަކު، މިހާތަނަށް އެކަން އިއުލާނުކުރައްވާފައެއް ނުވެ އެވެ.