23 ސެޕްޓެމްބަރ 2023 - 22:41

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ލައި ނިމި، އޭގެ އަނެއް ދުވަހު އަލިވިލޭނީ މިނިވަން، ދިވެހީންގެ ރާއްޖެއަކަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ގިރާވަރު ކޮމިއުނިޓީ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކައިގައި, މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ މުއިއްޒު ވިދާޅުވީ، ފެނިގެންދަނީ ކުރެވޭ ކަމަކުން ދަރިންނާއި އެ ދަރީންގެ މުސްތަގްބަލު ބަނަކަމެއްގެ ތެރެއަށް ހިނގައިދާނެ މަންޒަރު ކަމަށެވެ.
"ލޯ މަރާލެވިގެން ނުވާނެ ނުވާނެ ކަންތައްތައް ހިނގަމުން މި ދަނީ. މިނިވަންކަން އެއީ ލޯކުރިމަތީގައި ބީވެގެންދާ އެއްޗެއްގެ ގޮތުގައި ވާން ދޫކޮށްލެވިގެން ނުވާނެ. މިއަދު އަޅުގަނޑުމެންނަށް އެ ފެނިގެން ދަނީ މަންޒަރު." މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ކަރުދާސްކޮޅެއްގައި ޖަހާ ފާހަގައަކީ ގައުމު ސަލާމަތް ކުރުމަށް އަތްމައްޗަށް ބާރު ލިބޭ ދުވަސް ކަމަށާއި އެއީ މުސްތަގުބަލު ކަނޑައެޅުމުގެ ބާރެއް ކަމަށެވެ.
"މިއަދު ލިބޭ މަދު ފައިސާކޮޅަކަށް، ހެދޭ ޑީލްތަކަކަށް، ލިބޭ މަގާމަކަށް، ލިބޭ ޕްރޮޖެކްޓަކަށް އެއިން ކަމަކަށް އަޅުގަނޑުމެންގެ މިނިވަންކަން ވިއްކާލާ ފަދަ ޗީޕް ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެޔޭ. އެހާ އަގުހެޔޮ ގޮތެއްގައި އަމިއްލަ އަތުގައި އޮތް ބާރެއް ޒިންމާ ކުޑަ ގޮތެއްގައި ދޫކޮށްލާ ބަޔަކަށް ވެގެން ނުވާނޭ،" މުއިއްޒު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެކެއް އޮކްޓޯބަރުގައި އަލި ވިލޭނީ މިނިވަން ޖައްވަކަށް، ދިވެހިންގެ ރާއްޖެއަކަށް ދިއުމަށް ފެށޭ ފުރަތަމަ ދުވަސް."
މުއިއްޒު ވަނީ، ގައުމުގެ މިނިވަންކަން ދިފާއުކޮށް ޔަގީން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިރޭ ވެސް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ، އާމްދަނީ އިތުރުކޮށްދިނުމާއި އުމްރާނީ މަސައްކަތްތަކާއި ބޯހިޔާވަހިކަމުގެ މަސައްކަތްތައް ވެސް އަންނާނީ އެއަށް ފަހު ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ތަރައްގީ ގެންނާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަންކަން އަމަލުން ދައްކަވާނެ ކަަމަށެވެ. އަދި، ދައްކާ ވާހަކަތަކަކީ ހަމަ ހުރެލާފައި ދައްކާ ވާހަކައެއް ނޫން ކަމަށާއި ކަންކަން ކުރާނެ ކަމަށް ވިދާޅުވަނީ ޓެކްނިކަލް ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.