ޖަދަލު
ޖަދަލު

ބުދަ ދުވަހާ ގުޅޭ

"ފަހަތްބަލާލަބަލަ!" އޭނަ ބުންޏެވެ.

އާމިރާ ބަލައިލި އިރު، ކުޑަ ތަންކޮޅެއް ދުރުގައި އަނދިރި ހިޔަންޏެއްހެން މީހަކު ފެންނަންހުއްޓެވެ. އަންހެނެއްކަން އެނގެއެވެ. ވަށައިގެން ހޯދައިލުމަށް ފަހު އެ ދިމާއަށް އާމިރާ ދިޔައެވެ. ގާތަށް ދިޔުމުން އެއީ ކާކުކަން އާމިރާއަށް ޔަގީންވިއެވެ.

"ހާދަ ދުވަހެއްކޮށްފައޭ މި ދިމާވީ ދޯ؟" އާމިރާ ބުންޏެވެ.

ސީމާ ހުރީ ހިނިތުންވެފައެވެ. އެކަމަކު އާމިރާ އެ ފަދައިން ރައްދެއްނުދިނެވެ. ރަނގަޅު ކިތަންމެ ސިފައެއް ހުއްޓަސް، ސީމާ ކުރި ކުށް އާމިރާގެ ހިތަކުން ނުފިލައެވެ.

"ކީއްވެ ގެއަށް ނައިސް މި ތަނުން މީޓްކުރަން ބުނީ؟" އާމިރާ ސުވާލުކުރިއެވެ.

ސީމާ ކިޔައިދިނީ ސީމާގެ އަމިއްލަ ރާގަކަށް ހަދައިފައިވާ ލަވައެކެވެ. އޭގައި ހުރީ، ސީމާ ކުށްވެރިނުވާ ގޮތަށް އަތުރައިފައިވާ ޅެންބަހުރުވައެވެ.

"ދައްތަ ސުއިސައިޑްކުރީމަ އެ ކަން އަހަރެންގެ ބޮލުގައަޅުވައިގެން، އަހަރެން ޖަލަށްލައިގެން އަނގަބަންދުކޮށްލަން ވެސް މީހަކު ޓްރައިކުރި. އަހަންނަށް އެނގޭ އެއީ ކާކުކަން އެކަމަކު ހެއްކެއް ނެތް،" ސީމާ ބުންޏެވެ. "އެހެންވެ އަހަރެން ގެއްލުނީ. ނަސީބެއް އާމިރާއްތަޔާ ދިމާވިކަން. މާދަމާ ރޭ ފުރާނަން. ދެން ރާއްޖެއަކަށް ނާންނާނަން."

"ތި ބުނީނު ގެއިން ނުކުތީއޭ! ކީއްވެ ނުކުތީ؟" އާމިރާ އެހިއެވެ.

އެ ވާހަކަ ނުބުނަން މަސައްކަތްކުރާކަމަށް ސީމާ ހެދުނެވެ. އާމިރާ ދިޔައީ ކީއްވެގެންތޯއާއި، އިންޑިޔާގައި ކުރީ ކީއްތޯއާއި، އައީ ކީއްވެގެންތޯ ވެސް އެހިއެވެ. އެއިން ކޮންމެ ސުވާލަކަށް އާމިރާ ޖަވާބުދެއެވެ. ދީފައި އަނެއްކާ ވެސް ސުވާލުކުރެއެވެ.

"ދެން ބުނެބަލަ!" އާމިރާ ބުނެއެވެ. "ގެއިން ނުކުތީ ކީއްވެ؟ ނުބުނަންވެގެންތަ ތި އުޅެނީ؟"

"އާނ! ވަރަށް މަސައްކަތް އެބަ ކުރަން،" އެ ފަހަރު ސީމާ ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން އެ ވާހަކަދައްކައިގެން އާމިރާއްތަ ފެމެލީގަ މައްސަލަޖެހޭކަށް. ދައްކާކަށް އެއީ މާ ރީތި ވާހަކައެއް ވެސް ނޫން. އާމިރާއްތަ މާލެއައިކަން އެނގުނީމަ ނުގުޅަންހުރީ ވެސް ތި ސުވާލުކުރާނެކަން އެނގޭތީ. އެކަމަކު ގުޅާފަ، މީޓްކުރަން ބުނީމަ ނޫނެކޭ ބުނަން ވެސް ނުކެރުނީ. އާމިރާއްތައަކީ ވަރަށް ހެޔޮ، ނައިސް ދައްތައެއް. އެހެންވެ އެހާ ގިނަ ދުވަހު އަހަންނަށް އެ ގޭގަ ހުރެވުނީ. އެކަމަކު އާމިރާއްތަ ހަމަ ފުރާ އިރަށް.."

ވާހަކައިގެ ޑުރާމާވަންތަކަން ބޮޑުކުރުމަށް ޓަކައި ސީމާގެ ވާހަކަ މެދުކަނޑައިލިއެވެ. އާމިރާގެ ހިތުވިންދު އަވަސްވާން ވަގުތުކޮޅެއްދިނެވެ.

"ހޫނ! ކިޔާބަލަ ކިޔާބަލަ!" އާމިރާ އެދުނެވެ.

"އެއްރޭ އަހަރެން ނިދާފައޮއްވާ ހޭލެވުނީ ދޮރުގަ ނޮކްކުރާ އަޑަށް،" ހަތިޔާރު ތޫނުކުރުމުގެ މަސައްކަތް ސީމާ ފެށިއެވެ. "ޒިޔާން ނޮކެއް ނުކުރާނެ. އާމިރާއްތައަށް އެނގޭނެ އެ ކަން. ދެން ކާކު ހުންނާނީ؟ އަހަރެން ދޮރެއް ނުހުޅުވަން. ފޯނުކުރީ. ރިންގުވީ ދޮރުކައިރިން. އެނގޭ އޭނަ އަތުގަ ޑަބަލް ކީ އޮންނާނެކަން ވެސް. އެކަމަކު އަހަރެން ދޮރެއް ނުހުޅުވަން. ދެވަނަ ރޭ އަހަންނަށް ހޭލެވުނު އިރު އޭނަ ހުރީ ކުރިމަތީގަ. އަހަރެން ހަޅޭއްލަވައިގަތީމަ އަނގަމަތީގަ އަތްއެޅީ. ދެން.."

"ދެން ހެވޭ!" އާމިރާ އެދުނެވެ.

ކޮޅު ތޫނުކޮށްފައި ސީމާ ފޮނުވާލި ލަފުޒުތައް އޭގެ އަމާޒަށް ވާސިލުވިއެވެ.

"ސީމާ ކީއްވެ ޕޮލިހަށް ނުގުޅީ؟" އާމިރާ އެހިއެވެ.

"ކިހިނެއް ގުޅާނީ؟" ސީމާ ދެރަވެފައި ބުންޏެވެ. "އޭރުން ޒިޔާނަށް ކިހިނެއްވާނީ؟"

ސީމާ ދެއްކީ ގަބޫލުކުރެވޭ ކަހަލަ އުޒުރެކެވެ. އާމިރާގެ އިތުރު ސުވާލެއް ނެތެވެ.

"މިހާރު ދެން އެ ކަން ނިމިއްޖެ! އަހަރެން ހަނދާން ވެސް ނައްތާލައިފިން،" ސީމާ ބުންޏެވެ. "އާމިރާއްތަ ވެސް ހަނދާންނައްތާލާ! އެ ވަރުކަމަކާ ޑިވޯސްވީމަ ޒިޔާނަށް ހުރިހާ ދެރައެއް ލިބޭނީ. އަހަރެންގެ ފަރާތުން، ދުވަހަކު ވެސް މި ވާހަކަ ލީކެއް ނުވާނެ. އާމިރާއްތަ ނޭހި ނަމަ ނުވެސް ބުނީމުސް."

ޓެކުސީގެ ފަހަތު ސީޓުގައި އިށީނދެގެން އިން އާމިރާގެ ސިކުނޑީގައި ހިޔާލުތައް އެނބުރެމުންދިޔައެވެ. ކާރު އެ ވަގުތު އޮތީ ސިނަމާލެ ބުރިޖުމަތީގައެވެ. އާމިރާ މޫދަށް ނަޒަރުހުއްޓައިލިއެވެ. އެއީ ސިއްރު ނޭނގޭ ފުން އަނދިރިކަމެކެވެ. އެހެނަސް، އެއް ކަމެއް އާމިރާއަށް ޔަގީނެވެ. ތިރީގައި ކަނޑު އޮންނާނެއެވެ. މަތީގައި އުޑު އޮންނާނެއެވެ. ފައިސަލާ މެދު ވެސް އާމިރާއަށް، ހަމަ އެ ފަދަ ޔަގީންކަމެއް އޮތެވެ. ފިރިމީހާ ކޮށްފައި ނުކުރާނެކަންތައް އާމިރާއަށް އެނގެއެވެ. އާމިރާގެ ނަޒަރުގައި، ކޮންމެ އަންބަކަށް ވެސް އެ ނިންމުން ނިންމެންވާނެއެވެ. ދަރިން ލިބޭ އިރު ވެސް އެ ފަދަ ނިންމުމެއް ނިންމޭ ވަރަށް ފިރިމީހާ ދަސްނުވުމަކީ އަންބަކަށް ކުފޫހަމަނުވާކަމުގެ ހެއްކެކެވެ.

"ގެއަށްތޯ؟" ޑުރައިވަރު އެހި އަޑުއިވުނެވެ.

އާމިރާ ބަލައިލީ، ޑުރައިވަރު ކައިރީގައި ހުރި ލޯގަނޑަށެވެ. ޑުރައިވަރު އިނީ އެ ލޯގަނޑުން އާމިރާއަށް ބަލަހައްޓައިގެންނެވެ.

"ފައިސަލްގެ ވައިފް ދެއްތޯ؟" ޑުރައިވަރު އެހިއެވެ.

"އާނ ގެއަށް!" އާމިރާ ޖަވާބުދިނެވެ.

އާމިރާ ގެއަށްއައި އިރު ފައިސަލް ސޯފާގައި އިނެވެ. ފައިސަލްގެ މޫނުމަތިން ފެނުނީ ނުރުހުމުގެ އަސަރެވެ.

"ކޮންތާކުން ތި އައީ؟" ފައިސަލް އެހިއެވެ. "ހާދަ އިރެއްވެއްޖޭ!"

އާމިރާއަށް އެރުނީ ފައިސަލްގެ ރައްޓެއްސެއް ދުއްވި ޓެކުސީއަކަށެވެ. ވީމާ، ކަންތައްވީ ގޮތް އާމިރާއަށް ލަފާކުރެވުނެވެ. ސީމާ ދެއްކި ވާހަކަތައް އޭރު ވެސް އާމިރާގެ ދުލުކުރީގައި ހުއްޓެވެ. ކުރީގެ އާމިރާ ނަމަ، އެ ވާހަކަތައް ފައިސަލަށް އިއްވީހެވެ. އެހެނަސް އާމިރާ އިހުތިޔާރުކުރީ ހަނުހުރުމެވެ.

"ހުޅުމާލެއަށް ގޮއްސަ ދޯ ތި އައީ؟" ފައިސަލް އެހިއެވެ.

ދެން ވެސް އާމިރާ އެއްޗެއް ނުބުނެއެވެ. ވީ ގޮތް ތެދަށް ބުނުން ބުއްދިވެރި ނޫންވީމައެވެ.

"އެއްޗެއް ނުބުނީމަ އޭގެ މާނައަކީ ނުބައެއް އެބައުޅެޔޭ!" ފައިސަލް ބުންޏެވެ. "އާމިރާ ހައްޕުކިޔާނީ ގޯހެއްހެދުނީމަ. އިނދެގެން މިހާ ދުވަސްވާ އިރު އަހަންނަށް އާމިރާ އެނގޭނެއްނު!"

އާމިރާ ހައިރާންވިއެވެ. އާމިރާއަށް ފައިސަލް އެނގޭ ވަރަށް ފައިސަލަށް އާމިރާ ނޭނގުނީތީއެވެ.

"ފައިސަލަކަށް ނޭނގޭ!" މަޑުމަޑުން އާމިރާ ބުންޏެވެ. "އަހަރެން ކުރާނެކަންތައް އެކަންޏެއް ނޫނޭ ފައިސަލަށް އެނގެންޖެހޭނީ. ނުކުރާނެކަންތައް ވެސް އެނގެންޖެހޭނެ. ދުރުހިލޭމީހަކާ ދެމަފިރިންގެ ތަފާތަކީ އެއީ. އަހަންނަށް އެނގޭ ފައިސަލް ނުކުރާނެކަންތައް. ދުވަހަކު ވެސް ފައިސަލް އެ ކަމެއް ނުކުރާނެ."

އެހެން ބުނެފައި އާމިރާ ގޮސް ކޮޓަރިއަށް ވަނެވެ. ފައިސަލް ހައިރާންވެފައި ވިސްނަން ހުއްޓެވެ. ފައިސަލް ދެއްކި ވާހަކަޔާ އާމިރާ ދެއްކި ވާހަކަ ދިމާނުވީމައެވެ. ކޮޓަރިތެރޭގައި އާމިރާއަށް ވެސް ވިސްނަން ހުރެވުނީއެވެ. ހިތަށްއެރިއެވެ. ނަސީބުގައި ނެތް ލޯތްބެއް ނުލިބޭނެއެވެ. ކިތަންމެ ބޭނުންވިޔަސްވެހެވެ. ބައެއް މީހުންނަށް ލިބޭނީ ލޯތްބެވެ. ފިރިއެއް ނުލިބޭނެއެވެ. ބައެއް މީހުންނަށް ލިބޭނީ ފިރިއެކެވެ. ލޯތްބެއް ނުލިބޭނެއެވެ. ލޯބިވާ ފިރިއެއް ލިބޭނީ މަދު މީހަކަށެވެ.

އިރާކޮޅު ކަސްރަތު ނިންމައިލައިފައި ފައިސަލާއި ސިރާޖު ތިބީ ތޮށިގަނޑު މަތީގައި އިށީނދެލައިގެންނެވެ. ފައިސަލް އިނީ މޫދަށް ކުރިމަތިލައިގެންނެވެ. ސިރާޖު އިނީ އެއްގަމަށް ކުރިމަތިލައިގެންނެވެ. ކޮންމެ މީހަކު އަތުގައި ވެސް ފެންފުޅިއެއް އޮތެވެ. އެއްޗެއް ނުބުނެ އިރުކޮޅެއްވަންދެން ތިބެފައި ފުރަތަމަ ވާހަކަދެއްކީ ސިރާޖެވެ.

"އެ ވެސް މުޅިއަކުން ދޮގެއް ނޫން،" ސިރާޖު ބުންޏެވެ. "ކަލެއަށް މިހާރު ކިހާ ޓައިމެއް ދެވިއްޖެ؟ ތިހެން ތި ކަމެއް ނުވާނެ. މަ މިހާރު ހަނދާންވަނީ މަގޭ އަންހެނުން ގެންގުޅުނު ގުރާ."

"މި ކަމާ ކަލޭ އަންހެނުން ގެންގުޅޭ ގުރަޔާ ގުޅެނީ ކިހިނެއްކަން ބުނެދީބަލަ!" ފައިސަލް އެދުނެވެ.

"އޭނަ އެ ގުރާ ދެކެ ލޯބިވާވަރުން އަބަދު ކޮއްޓަށްލައިގެން ގެންގުޅޭކަށް ބޭނުމެއް ނޫން. އެކަމަކު ފިޔަކޮށާކަށް ބޭނުމެއް ނޫން. ޗޭނުޖަހާކަށް ވެސް ބޭނުމެއް ނޫން،" ސިރާޖު ބުންޏެވެ. "އެންމެ ދުވަހަކު ކޮށިން ނެރުނީ. އެ ސޮރު ބަޗައިފި!"

"ދެން ތި ކަމާ އަހަންނާ އޮތް ގުޅުމަކީ؟" ފައިސަލް ސުވާލުކުރިއެވެ.

"އެއްވެސް ކަމަކަށް އެއް ހާސް ހައްލެއް ނޯންނާނެ. ދެތިން ހައްލެއް އޮންނާނީ،" ސިރާޖު ތަފުސީލުކޮށްދިނެވެ. "ކަލެއަށް އޮތީ ހަތަރު ހައްލު،" އިނގިލި މަޅަމުން ސިރާޖު ބުންޏެވެ. "ރިންދާ ދޫކޮށްލުން. އާމިރާ ދޫކޮށްލުން. ދެމީހުންނާ އިނުން. އެކަކާ ވެސް ނީނދެ ހުރުން. މީގެން އެއްގޮތަކަށް ވެސް ކަލެއަކަށް ނުނިންމުނު. ދެން ވާނެ ގޮތް އެނގޭތަ؟"

"ބުނެދީބަލަ!" ފައިސަލް ބުންޏެވެ.

"ދެ ގުރާ ވެސް ބަޗާނީ!" ތެދުވަމުން ސިރާޖު ބުންޏެވެ.

ގަޑިން ދަންވަރު ދޭއްޖަހަނީއެވެ. ފައިސަލާއި އާމިރާ ތިބީ އެނދުގެ ދެކޮޅަށް އެނބުރިގެންނެވެ. ލޯބީގެ ކުނޑިކޮޅެއް ސަލާމަތުންހުރި ނަމަ އެ ވެސް ހުރީ ވިއްސިވިހާލިވެފައެވެ. ތަންމަތީގެ މެދުގައި ފަޅަށްހުރި ހުސްތަނަށް ފެތުރިފައިވަނީ އުދާހާއި މާޔޫސްކަމެވެ. އުންމީދުގެ އެންމެ ފަހު ހުޅުކޮޅު ވެސް ނިވިއްޖެ ކަހަލައެވެ.

އާމިރާ މެންދުރަށް ކައްކައި ނިންމައިލައިފައި ތެލީގެ މަތިޖެހިއެވެ. ވިސްނައިލާފައި، ޕާސްޕޯޓުގެ މުއްދަތުހަމަވާ ތާރީހު ކަށަވަރުކޮށްލިއެވެ. މޭޒުމަތީގައި އޮތް ފޯނަށް ބަލައިލިއެވެ. ނިމުން ރީތިކުރަން ކުރެވެންހުރި ހުރިހައިކަމެއް ކުރަން އާމިރާ ބޭނުމެވެ. އޮފީހުގެ ކޮފީމެސިނު ކައިރީގައި ފައިސަލް ކޮޅަށް ހުއްޓައި، މޭޒުމަތީގައި އޮތް ފޯނު ރަނގަބީލުވާން ފެށިއެވެ. ފައިސަލް ފޯނު ނަގަމުން ގޮނޑީގައި ހަމަޖެހިލިއެވެ.

"ކީކޭ؟" ފައިސަލް ބުންޏެވެ.

"މި އުޅެނީ ޒިޔާން ގޮވައިގެން ނުކުމެލަން. ހެޔޮތަ؟" އާމިރާގެ އަޑު ވަރަށް ސީރިޔަސްއެވެ.

"އެއީ އާމިރާގެ ވެސް ދަރިއެކޭ،" ފައިސަލް ބުންޏެވެ. "އަހާކަށް ނުޖެހޭނެއްނު!"

"ފަހަރެއްގަ އަހަރެން ހުޅުމާލެއަށް ވެސް ގޮއްސާނަން. ފަހަރެއްގަ އަހަރެން.." އާމިރާއަށް ބުނެވުނީ އެ ހިސާބަށެވެ.

"ދާންވީނު!" ފައިސަލް ބުންޏެވެ. "އޭރުން ތި ދެ މީހުން ބޮޑަށް ކްލޯސްވާނީ ވެސް."

އާމިރާ އެއްޗެއް ނުބުނެ މަޑުކޮށްލިއެވެ. ވިސްނައިލިއެވެ. ކުރަން ހިތުލި ސުވާލު ނުކޮށް ދޫކޮށްލާކަށް އާމިރާ ބޭނުމެއް ނޫނެވެ.

"ފައިސަލް އަސްލު ވެސް ބޭނުންތަ ޒިޔާން އަހަންނާ ކްލޯސްވާން؟" އާމިރާ އެހިއެވެ.

"މަންމައާ ދަރިފުޅު ކްލޯސް ނުވިއްޔާ ދެން ކާކާ ވާނީ؟" ފައިސަލް ބުންޏެވެ. "ބުނަންތަ ވާހަކައެއް އާމިރާ؟ މައްސަލަޖެހިގެން އަހަރުމެން ދުރުގަ ތިއްބަސް، މައްސަލަ ނުޖެހި ވެސް އަހަރުމެން އެތައް ޒަމާނެއް ވަންދެން އުޅުނީމެއްނު! ދެން ވެސް އުޅެވޭނެ! އިނދެގެންއުޅޭ އިރު މައްސަލަޖެހޭނެ. ޒުވާބު ވެސް ކުރާނެ. ހައްލު ވެސް ހޯދޭނެ. އެކަމަކު މިހާރު ވެސް އަހަންނަކަށް ނޭނގެ ކޮން ވަގުތަކުކަމެއް އާމިރާ އިންޑިޔާއަށް ނައްޓާލާނީ."

"މި ނައްޓާލަނީ! ހަމަ މިހާރު!" އާމިރާ ބުންޏެވެ.

-ނުނިމޭ-