22 ސެޕްޓެމްބަރ 2023 - 23:28

އިންޑިއާއާ ގުޅުވައި ފަތުރަމުންދާ ދޮގު ހަބަރުތަކާއި އުފައްދަމުންދާ ނަފުރަތުގެ މައްސަލަތައް ތަހުގީގު ކުރަން އިންޑިއާ ހައި ކޮމިޝަނުން ގޮވާލައިފި އެވެ.
އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ތިއްބަވާ އިންޑިއާގެ ޑިޕްލޮމެޓުންނާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ އެގައުމަށް ނިސްބަތްވާ މީހުންނާ ގުޅުވައިގެން ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ރާވައިގެން ދޮގު ހަބަރުތައް ފަތުރަމުން އަންނަ ކަމަށެވެ.
އެ ގައުމާ ގުޅުވައިގެން ދޮގު ހަބަރު ފަތުރަނީ ދެ ގައުމު ދޭތެރޭ އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ފޯރުވުމަށާއި އަދި އެއީ ރާއްޖޭގައި ބިރުވެރިކަން ފެތުރުމަށް ކުރަމުން އަންނަ ކަމެއް ކަމަށް ވެސް އިންޑިއާއިން ބުންޏެވެ.
އިންޑިއާއިން ގެންގުޅޭ "ނެއިބާހޫޑް ފަސްޓް" ސިޔާސަތުގެ ދަށުން ރާއްޖެއަށް ހާއްސަ ކަމެއް ދީފައިވާކަން ފާހަގަކޮށް އެ ބަޔާނުގައިވަނީ ރާއްޖެ އަންނަ އެ ގައުމުގެ މަސައްކަތްތެރިންނާއި ޓޫރިސްޓުންނަށް ވެސް ދިވެހިންގެ މެހެމާންދާރީ އާއި ލޯބި ލިބޭ ކަމަށެވެ.
ދޮގު ހަބަރު ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އެކަން ބަލައި ތަހުގީގު ކުރަން އިންޑިއާއިން ވަނީ ރާއްޖޭގެ ސަރުކާރަށް ގޮވާލައިފަ އެވެ.
އެ ގައުމުން ބަޔާނެއް ނެރެފައި މި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ރާއްޖޭގައި ބޭރު އެއްވެސް ގައުމެއްގެ ސިފައިން އަސްކަރީ އެއްވެސް ބޭނުމެއްގައި ހަރަކާތްތެރިނުވާނެ ކަމަށެވެ.