22 ސެޕްޓެމްބަރ 2023 - 18:31

ދަބަހަކަށް ބަނގުރާ ފުޅިތަކެއް އަޅައިގެން އެމްޓީސީސީގެ ބަހަކަށް އަރަން އުޅުނު ބިދޭސީއަކު އަތުލައިގަނެ، ފުލުހުންނާ ހަވާލުކޮށްފި އެވެ.
މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި ރޭ މާލެއިން އިންޑިޔާ ފިރިހެނަކު ދަބަހެއް ހިފައިގެން ބަހަށް އަރަން އުޅެނިކޮށް ބަހުގައި ތިބި އެމްޓީސީސީގެ މުވައްޒަފުންނަށް ޝައްކުވެގެން ދަބަސް ހުޅުވާފައި ދައްކަން އެދުނެވެ.
އެކަމާ އެ މީހާ ފުރަތަމަ ދެކޮޅު ހެދުމަށްފަހު، ދަބަސް ކުޑަކޮށް ހުޅުވާލި ވަގުތު އޭގެ ތެރޭގައި ހުރި ބަނގުރާ ފުޅިތައް އެމްޓީސީސީގެ މުވައްޒަފުންނަށް ފެނުމުން، ދަބަސް އެއްލާލާފައި ފިލަން އުޅުނު ކަމަށް އޭނާ ބުންޏެވެ.
"ދެން ބަހުގައި ހުރި ކޮންޑަކްޓަރު އެ މީހާ ފަހަތުން ދުވެފައި ގޮސް ހުއްޓުވީ." އޭނާ ބުންޏެވެ.
އެ މީހާ ހިފެހެއްޓުމަށްފަހު ފުލުހުންނާ އެ މީހާ ހަވާލުކުރި ކަމަށް ބުންޏެވެ.
ފުލުހުން ބުނީ ބަނގުރަލުގެ މައްސަލައެއްގައި ރޭ މާފަންނު ބަސް ޓާމިނަލް ކައިިރިން 43 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާ ބަލާފާސްކުރި އިރު، ބަނގުރާ ކަމަށް ބެލެވޭ 26 ފުޅި އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އެ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.