22 ސެޕްޓެމްބަރ 2023 - 14:01

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ފަރާތްތައް ރަ-ޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ރީ-ރަޖިސްޓްރޭޝަންގެ ލިސްޓު އީސީގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ވެސް ޗެކު ކުރެވޭނެ ކަމަށެވެ. އެ ރަޖިސްޓްރީ އާ ބެހޭ ޝަކުވާ އޮތް ނަމަ، މާދަމާގެ ރޭގަނޑު 9:00 ގެ ކުރިން "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" މެދުވެރިކޮށް ހުށަހެޅުމަށް އީސީން ވަނީ އެދިފަ އެވެ.
ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ އަދި ފުވައްމުލަކުގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެވަނަ ބުރުގައި ރީ-ރަޖިސްޓަރީ ކުރަން 50،047 ފޯމު ހުށަހެޅި ކަމަށެވެ.
ނަމަވެސް، އޭގެ ތެރެއިން ފޮޓޯ އިން މީހާ ކަށަވަރު ނުވުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅި ފޯމުތައް ބާތިލުކުރުމަށްފަހު، 38،763 މީހުން ރީ-ރަޖިސްޓްރީ ކޮށްދެވިފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.
އެހެންކަމުން، މާދަމާގެ ރޭގަނޑު 9:00 ގައި ސުންގަނޑި ހަމަވުމުގެ ކުރިން ކޮންމެ މީހަކު ވެސް ދެވަނަ ބުރުގައި ވޯޓު ލުމަށް ރަޖިސްޓްރީ ވެފައިވާ ތަން ޗެކުކުރުމަށް ކޮމިޝަންގެ ފަރާތުން ހަބީބު އިލްތިމާސް ކުރެއްވި އެވެ.