22 ސެޕްޓެމްބަރ 2023 - 00:08

ހައިކޯޓުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ކުރާ މަސައްކަތުގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ނުފަތުރަން އެ ކޯޓުން މިރޭ އިލްތިމާސްކޮށްފި އެވެ.
މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިން ކުރާ މަސައްކަތަށް ޝުކުރު އަދާކުރަމުން، އެ ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ މި ފަހަކަށް އައިސް ހައި ކޯޓުގެ ފަނޑިޔާރުންނާއި އެ ކޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ހަބަރުފަތުރާ ވަސީލަތްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ފަހިކޮށްދީފައިވާ ހައްގެއް ކަމަށާއި އެއީ އެހެން މީހުންނާއި މުޖުތަމައުގެ ހައްގުތަކަށް ފުރިހަމައަށް އިހުތިޔާރުކުރަން ޖެހޭ ޒިންމާދާރު މިނިވަންކަމެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ނަމަވެސް، ގާނޫނު އަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އެ އުސޫލުތަކާ ހިލާފަށް ހައިކޯޓުގެ ދުސްތޫރީ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ކުރާ މަސައްކަތާ މެދު އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފެދޭ ގޮތަށް އަދި ކަމުގެ ހަގީގަތް އޮޅޭގޮތަށް ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށް، ނަސޭހަތްދީފައިވެ އެވެ.
ހައިކޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ދޮގު ހަބަރު ނުފަތުރަން އިލްތިމާސްކުރިއިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ މި ފޯރިގަދަ ދުވަސްވަރު ޝަރުއީ ދާއިރާއާ ގުޅޭގޮތުން އެކި ވާހަކަތައް ދަނީ ފަތުރަމުންނެވެ.