21 ސެޕްޓެމްބަރ 2023 - 22:02

ހައްގުތައް ކަށަވަރުކުރަން އާ އިދާރާއެއް އުފައްދަނީ އެޗްއާރުސީއެމްގެ ވެސް ބާރު ކަނޑުވާލައި މުއައްސަސާތަކުގެ ބާރުތައް އަތުލައި ސަރުކާރަށް ޖަމާކުރަން ކަމަށް، ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެ ކޮމިޝަންގެ ކުރީގެ މެމްބަރު ޖީހާން މަހުމޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރ. ހުޅުދުއްފާރަށް ވަޑައިގެން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ހައްގެއް ނުލިބޭ ކަމުގެ ޝަކުވާ ހުށަހެޅޭނެ މުއައްސަސާއެއްގެ ގޮތުގައި ސިވިލް ރައިޓްސް ޑިޕާޓްމަންޓެއް އުފައްދާނެ ކަމަށް ވިދާޅުވެފަ އެވެ.
އެއީ އެހެން ގައުމުތަކުގައި ވެސް ހުންނަ އޮފީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަށް ރައްދުދެއްވައި، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރް ޖީހާން ވިދާޅުވީ ހައްގުތަކަށް ކަށަވަރުކުރުމުގެ ނަމުގައި ވަކި ތަނެއް ހަދަނީ، ވަކި ގާނޫނެއްގެ ދަށުން އުފައްދާފައިވާ އެޗްއާރުސީއެމްގެ ބާރު ކަނޑުވާށެވެ.
ޖީހާން ވިދާޅުވީ އެއީ "އެޓޯލްސް މިނިސްޓްރީ" ހަދައިގެން އެލްޖީއޭގެ ބާރު ކަނޑުވަން އުޅޭ ގޮތަށް ކުރާ ކަމެއް ކަމަށް ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބާރުތައް އަތުލައި ސަރުކާރަށް ޖަމާކުރުމަށް މަސައްކަތްކުރާތީ ކަންބޮޑުވާ ކަމަށް ޖީހާންގެ ފޭސްބުކް ޕޯސްޓުގައިވެ އެވެ.
"މިއީ 2013-2018 ގައި ޕީޕީއެމްގެ ސަރުކާރުގައި އެޗްއާރްސީއެމް ގެ ބާރު ކަނޑުވާލައި ސަރުކާރުގެ އެންގުމަށް ސުޕްރީމް ކޯޓުން އެޗްއާރްސީއެމްގެ މަސައްކަތަށް ނުފޫޒު ފޯރުވި ދުވަސްތައް ހަނދާންވާ ކަމެއް." އޭނާ ވިދާޅުވި އެވެ.
ޖީހާން ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެޗްއާރުސީއެމްގެ މެމްބަރުންގެ މައްޗަށް ސުއޯމޯޓޯ މައްސަލައެއް ބަލައި ގައުމަށް ޣައްދާރުވި ކަމަށް ތުހުމަތުކޮށްފަ އެވެ.
އެ މައްސަލަ އޭރު ބަލާފައިވަނީ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) އަށް ހުށަހެޅި ރިޕޯޓަކީ ގާނޫނާ ހިލާފަށް ހުށަހެޅި ރިޕޯޓެއް ބުނެ އެވެ.
ސުޕްރީމް ކޯޓުގެ އެ ސުއޯ މޯޓޯ މައްސަލައަކީ އޭރުގެ ސަރުކާރު ފަހަތުގައި ތިބެގެން ކޯޓުތަކުގެ ބޭނުންކޮށްގެން އެޗްއާރްސީއެމްގެ ބާރު ކަނޑުވާލަން ކުރި މަސައްކަތެއް ކަމަށް ބޭރުގެ އެކި ފަރާތްތަކުން އޭރު ބުންޏެވެ.