21 ސެޕްޓެމްބަރ 2023 - 19:45

ހުޅުމާލެ އިން ގޯތި ދިނުމަށްޓަކައި ހިއްކަން ހަމަޖެހިފައިވާ ފަޅު ތެރޭގައި ހުރި އުޅަނދުތައް ނަގައި މިރޭ ހިއްކަން ފަށާނެ ކަމަށް އާބަންކޯ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ މަސައްކަތް ނުފެށި ލަސްވީ ފަޅު ތެރޭގައި ހުރި އުޅަނދުތައް ނުނެގުމުންނެވެ.
އާބަންކޯ އިން ވަނީ މިއަދު އިރުއޮއްސި 6:00 ގެ ނިޔަލަށް ފަޅު ތެރޭގައި އަޅާފައި ހުރި ހުރިހާ އުޅަނދުތަކެއް ނެގުމަށް އެ އުޅަނދުތަކުގެ ވެރި ފަރާތަށް އަންގައިފަ އެވެ. އަދި އެކަން އާންމުކޮށް އިއުލާން ވެސް ކޮށްފަ އެވެ.
މިއަދު ބިން ހިއްކުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވީ ނަމަވެސް މީޑިއާތައް އެ ސަރަހައްދަށް ދިޔަ އިރު އަދިވެސް ނުނަގާ ތިން އުޅަނދެއް އޮތެވެ.
އާބަންކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ އުޅަނދުތަކަށް އެކި ފަހަރުމަތިން އަންގައިގެން ވެސް ނުނެގުމުން އެ އުޅަނދުތައް ޓޯ ކުރުމަށް ފަހު މިރޭ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ އެވެ.
"އެމްއެންޑީއެފް އާއި ފުލުހުން އަންނާނެ ޓޯ ކުރަން. އެއަށް ފަހު މިރޭގެ ވަގުތެއްގައި ހިއްކުމުގެ މަސައްކަތް ފެށޭ ވަރުވާނެ،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ފޭސް ދޭއްގެ ފަޅު ތެރެ ހިއްކާ ތިން ވަނަ ފޭސްގެ ގޮތުގައި ހިންގާ މި މަޝްރޫއުގެ ތެރެއިން 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
ފޭސް ތިނެއްގެ މަސައްކަތްތައް އާބަންކޯ އިން ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް (ސީއެމްސީ) ކުންފުނިންނެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ.