21 ސެޕްޓެމްބަރ 2023 - 17:07

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު ނެގުމުގެ ކުރިން ސާފުކުރަން ޖެހޭ ކަންކަން ސާފުކުރުމަށްޓަކައި އިލެކްޝަން ކޮމިޝަން (އީސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، އާންމު ވޯޓު ނެގުމަށް، މަޖިލީހުން ފާސްކުރައްވާފައިވާ ގަރާރު، ކޮމިޝަނަށް މިއަދު ލިބި، ގަރާރާ މެދު، އަމަލު ކުރާނޭ ގޮތުގެ ގާނޫނީ ލަފާ ހޯދާފައިވާ ކަމަށެވެ.
ނަމަވެސް، އޭގެ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.
ހަބީބު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ކުރީން، ޖަވާބު ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން، ކޮމިޝަނުން މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ދަންނަވާފައި ކަމަށެވެ. އެ ކަންކަމުގެ ތަފްސީލެއް ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.
އިންތިހާބު ބޭއްވުމަށް މަދުވެގެން 30-45 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުންވާނެ ކަމަށާއި އެ ކަމަށް 40 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް އީސީން ކުރިން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރުން އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ. މި ގަރާރަކީ ބަރުލަމާނީ ނިޒާމް ރާއްޖެ ގެނައުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުންދާ "ދަ ޑިމޮކްރެޓްސް"ގެ އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރެކެވެ.
އިއްޔެ ގަރާރު މަޖިލީހުން ފާސްކޮށްފައިވަނީ އެމްޑީޕީގެ ބައެއް މެންބަރުންގެ ތާއިދާ ވެސް އެކުގަ އެވެ. ނަމަވެސް، ޕީޕީއެމް/ޕީއެންސީން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.
މަޖިލީހުގެ ގަރާރަކުން ނިޒާމީ ވޯޓަކަށް ދިޔުމަށް މަސައްކަތް ކުރާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލު ކުރައްވާ ގޮތުގައި ނިޒާމީ ވޯޓަކަށް ދެވޭނީ އެކަން މަޖިލީހުންގެ 4/3 އިން ފާސްކޮށްގެން، ތަސްދީގުކުރުމަށް ގެނައުމުންނެވެ. ނަމަވެސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވަނީ ރައީސްއާ ނުބައްސައި ސީދާ މަޖިލީހުން އާންމު ވޯޓަކަށް ގޮވާލުމަށެވެ.
ރައީސް ވެސް ވަނީ އަންނަ މަހު ނިޒާމީ ވޯޓަކަށް ދިޔުމަށް އިއުތިރާޒު ނުކުރައްވާކަން ހާމަކުރައްވާފަ އެވެ.
ރިޔާސީ ނިޒާމަކަށް ރާއްޖޭގައި ވެރިކަން ކުރަން ފެށީ ގާނޫނުއަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އޮގަސްޓް، 18، 2007 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު އެވެ. އެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްފަ އެވެ.
އެ އިންތިހާބުގެ ކުރިން މަހެއްހާ ދުވަހުގެ ފޯރިގަދަ ކެމްޕެއިނެއް ކޮށްފައިވެ އެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސީ ނިޒާމަށް ތާއީދުކުރައްވައި ކެމްޕެއިނު ކުރެއްވިއިރު، އިދިކޮޅުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީން ތިބީ ބަރުލަމާނީ ނިޒާމަށް ތާއީދު ކޮށްގެންނެވެ.