ބަޔާން ލީޑެއްގައި އޮތަސް އަންޗެލޮޓީ ހިތްހަމަނުޖެހިފައި
ބަޔާން ލީޑެއްގައި އޮތަސް އަންޗެލޮޓީ ހިތްހަމަނުޖެހިފައި

މިއުނިކް (ފެބްރުއަރީ 5) - ޖަރުމަނު ލީގުގައި ރޭ ޝާލްކާއާ 1-1 އިން އެއްވަރުވެ ލީގު އެއް ވަނައިގައި ބަޔާން މިއުނިކުން ލީޑުފުޅާކުރި ނަމަވެސް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ހިތްހަމަނުޖެހިއްޖެ އެވެ.

ބަޔާން އެއް ވަނައިގައި އޮތީ 19 މެޗުން 46 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާރްބީ ލިޕްޒިގު ރޭ ކުޅުނު މެޗުން ވަނީ 1-0 އިން ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަލިވިއިރު، ލިޒްޕިގަށް ލިބިފައިވަނީ 19 މެޗުން 42 ޕޮއިންޓެވެ.

ރޭގެ މެޗުގެ ނުވަ ވަނަ މިނިޓްގައި ބަޔާނަށް ލީޑުނަގައިދިނީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ. މިއީ މި ފަހަރު ލީގުގައި ލެވަންޑޯސްކީ ޖެހި 15 ވަނަ ލަނޑެވެ. ލަނޑު ލިސްޓުގެ ކުރީގައި އުޅެނީ ޑޯޓްމަންޑުގެ ޕިއޭ އެމެރިކް އޮބާމަޔަންގް އެވެ. އޭނާ ވަނީ ލީގުގައި 17 ލަނޑު ޖަހައިފަ އެވެ.

މެޗަށް ފަހު ބަޔާން ކޯޗު އަންޗެލޮޓީ ބުނީ ފާއިތުވި މެޗުތަކެކޭ އެއްގޮތަށް މި މެޗުގައި ވެސް ބަޔާންގެ ކުޅުން ދަށް ކަމަށެވެ.

"ބަޔާނަކީ ކޮލިޓީ ޓީމެއް. މި ޓީމުގެ ކުޅުންތެރިންގެ ފެންވަރާ މެދު ސުވާލު އުފެއްދޭކަށް ނެތް. މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެވޭ ފެންވަރުގެ ޓީމަކަށް އެ ކުޅުން ނުދެއްކުމަކީ މައްސަލައެއް. އަހަރެން ގަބޫލުކުރަނީ މި ޓީމަކީ ކޮންމެ ޓީމެއް ކައިރީގައި ވެސް އެޓޭކް ކުރެވޭނެ ޓީމެެއްގެ ގޮތުގައި. އެކަން ނުފެނުމަކީ މައްސަލައެއް،" ކުރިން އޭސީ މިލާނާއި ޗެލްސީ އަދި ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން އަންޗެލޮޓީ ބުންޏެވެ.

ރޭގެ މެޗުން ލިޒްޕިގު އަތުން ހޯދި މޮޅާ އެކު ޑޯޓްމަންޑް ލީގުގެ ތިން ވަނައިގައި އޮތީ 19 މެޗުން 34 ޕޮއިންޓާ އެކު އެވެ.

ޑޯޓްމަންޑުގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އޭނާގެ ޓީމުން ސީޒަން ފެށީ ގޯސްކޮށް ކަމަށާއި މިހާރު އެ ޓީމު އޮތް ފޯމުގައި ކުރިއަށް ގޮސްފިނަމަ ރަނގަޅު ހިސާބެއްގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.