ގާކޮއްޓާއި އަރަބިއްޔާ ފްލެޓްތަކުގެ އަގުބޮޑުވީ މުއިއްޒުގެ ޑީލަކާ ހެދި: އަކްރަމް
ގާކޮއްޓާއި އަރަބިއްޔާ ފްލެޓްތަކުގެ އަގުބޮޑުވީ މުއިއްޒުގެ ޑީލަކާ ހެދި: އަކްރަމް

މާލޭގެ ގާކޮށީގަ އާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ހެދި ފްލެޓްތަކުގެ އަގު ބޮޑުވީ ހައުސިން މިނިސްޓަރު ކަމުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެން ހެއްދެވި ޑީލެއްގެ ސަބަބުން ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އަކްރަމް ކުރެއްވި ޓްވީޓްތަކެއްގައި މިހެން ވިދާޅުވީ، އިންޑިއާގެ ޓާޓާ ކުންފުންޏަށް ދީގެން ހެދި އެ ފްލެޓްތަކުގެ އަގަކީ ސޯޝަލް ހައުސިންއަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގެއް ކަމަށް ވިދާޅުވެ، އެ ފްލެޓް ގަންނަން މީހުން ނެގި ލޯނުތައް ދައްކަން ފަސޭހަ ގޮތެއް ހަމަޖައްސައި، ފްލެޓަށް ދައްކަން ޖެހޭ އަގު ކުޑަކުރުމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު ވަނީ މިފަހުން ވިދާޅުވެފަ އެވެ.

ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މުއިއްޒުގެ އެ ވާހަކަތަކަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ގާކޮއްޓާއި އަރަބިއްޔާގެ ފްލެޓްތަކުގެ އަގު ބޮޑުކަމަށް މުއިއްޒު މިހާރު ވިދާޅުވާއިރު، އެ އަގުތައް ކަނޑައެޅުއްވި ބޭފުޅަކީ އެއީ ކަމަށެވެ.

"ބަލަ އޭގެ އަގު، ކުލި ކަނޑައެޅީ ކޮން ބޭފުޅެއްތޯ؟ ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން އެކަން ކުރެއްވި ބޭފުޅަކީ އެއީ. އަޅުގަނޑުމެން ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ގާކޮއްޓާއި އަރަބިއްޔާގެ ފްލެޓްތަކުގެ އަގު ކަނޑައެޅީ ހަމަ އެ ބޭފުޅުން. މިއަދު އެ ދޮގުތައް ހަނދަމުން ދާއިރު އަޅުގަނޑުމެން ވިސްނަންވާނެ،" ރައީސް ވިދާޅުވި އެވެ.

އެ އަގަކީ ސަރުކާރުން އެތަނަށް ކުރަންޖެހުނު ހަރަދާ އަޅާބަލާއިރު ބޮޑު އަގެއް ނޫން ކަމަށް މިނިސްޓަރު ކަމުގައި މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަމަށް އިޝާރަތް ކުރައްވަމުން އަކްރަމް ވިދާޅުވީ، މިފަދަ އޮޅުވާލުންތަކާ އެކު ވޯޓް ހޯއްދަވަން ރައްޔިތުން ގުނބޯ ހެއްދުމަކީ ހިތާމަ ހުރިކަމެއް ކަމަށެވެ. އަކްރަމް ވިދާޅުވީ ބޮޑުއިންޓްރަސްޓްގައި ލޯން ނަގައިގެން އެތަންތަނަށް މީހުން ވަނީ ބޯހިޔާވަހިކަން ލިބޭނެ އެހެން ގޮތެއް ނެތިގެން ކަމަށާއި އެ މީހުންނަށް މިސަރުކާރުން ލުޔެއް ހޯދައިދީފައިވާނެ ކަމަށެވެ.

"މި ސަރުކާރުން ވަކި ބަޔަކަށް ލޯ އިންޓްރަސްޓްގައި ލޯނު ހަމަޖައްސައިދީ، ބޮޑު އިންޓްރަސްޓްގައި ލޯން ނަގަން މަޖުބޫރުވި ފަރާތްތަކަށް މި ސަރުކާރުން އަޅާ ފްލެޓް ދޭނެކަމުގެ ސިޓީ ވާނީ ދީފައި،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ތުހުމަތުކުރެއްވި ގޮތުގައި ފްލެޓްތަކުގެ ހަރަދު ބޮޑުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ފަހު މުއިއްޒު މިނިސްޓްރީއާ ހަވާލުވެ ވަޑައިގެން އެ ޕްރޮޖެކްޓް މަސައްކަތް އެތައް ދުވަހަކަށް ހުއްޓާލާފައި އޮތުމަށް ފަހު ހެދި ޑީލަކުން އަލުން ފެށުމުން ކަމަށެވެ.