ޔާމީންގެ މައްސަލަ ނިންމައިދީ، ކުރިއަށް ދާންވީ މަގު އެނގޭނީ އޭރުން: ޖަމީލު
ޔާމީންގެ މައްސަލަ ނިންމައިދީ، ކުރިއަށް ދާންވީ މަގު އެނގޭނީ އޭރުން: ޖަމީލު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ލަސްކުރަމުންދަނީ ސީދާ ނުފޫޒު ފޯރުވައިގެން ކަމަށާއި މި މައްސަލައިގައި ކުރިއަށް ދެވޭނެ މަގެއް ދެން އެނގޭނީ ވެސް މައްސަލަ ނިންމައިދީގެން ކަމަށް އެމަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުމެއް ހައި ކޯޓުން މިއަދު ތާވަލުކުރި ނަމަވެސް، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެން ވަނީ ކެންސަލްކޮށްފަ އެވެ. މިއަދުގެ އަޑުއެހުން ކެންސަލްކުރީ ޝަރީއަތް ލަސްވާކަމުގެ ކަންބޮޑުވުން ވަކީލުން ފާހަގަކުރައްވާފައިވަނިކޮށެވެ.

އެންމެފަހުން އަޑުއެހުމެއް ބޭއްވީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.

އެކަމާ ގުޅިގެން ޔާމީންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލު ވިދާޅުވީ ޔާމީންގެ ޝަރީއަތް ލަސްކުރަން ސީދާ ނުފޫޒު ފޯރުވާ ކަމަށެވެ.

މީގެކުރިން ވެސް ދައުލަތުން އެދިގެން ޔާމީންގެ އަޑުއެހުން ކެންސަލްކޮށްފައިވެ އެވެ.

"އަޅުގަނޑުމެންނަށް ޔާމީންގެ މައްސަލާގައި މި ފެންނަނީ ދައުލަތެއް އިސްވެ އޮވެ އަދުލުއިންސާފަށް ހުރަސްއަޅާފައި އޮތް ތަން،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ، މައްސަލާގައި މިހާރު އޮތީ އަޑުއެހުންތައް ނިމިފައި ކަމަށާއި ދެން އޮތީ އެންމެ ފަހު ބަސް އިއްވުން ކަމަށެވެ. އެކަމަށް މާދިގު އަޑުއެހުމެއް ވެސް ބޭނުން ނުވާނެ ކަމަށާއި އެހެންކަމުން މައްސަލަ އޮތީ ވަރަށް އަވަހަށް ނިންމާލެވޭ ހިސާބުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އާދޭހާ އެކު އެދެނީ މިކަމަށް ދައުލަތުން ހުރަސް ނޭޅުމަށް ކަމަށާއި ޖަލުގައި ޔާމީން ހޭދަކުރައްވާ ކޮންމެ ދުވަހަކީ ވެސް އަނިޔާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

"ހުކުމެއް ކޮށްދެއްވާށޭ، އޭރަށްތާ ދެން އެނގޭނީ އަޅުގަނޑުމެންނަށް ދެން އޮތް މަގުން ވެސް ހިނގަން،" ޖަމީލު ވިދާޅުވި އެވެ.

ޔާމީންގެ އިސްތިއުނާފީ ހައްގު ގެއްލިގެންދާއިރު ވެސް އެޗްއާރްސީއެމް ފަދަ މުއައްސަސާތަކުން އެއްޗެއް ނުބުނާތީ ވެސް ޖަމީލު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި، ޔާމީންގެ މައްސަލަ ނިމެންދެން އެންމެ ކުޑަމިނުން ގެއަށް ބަދަލުކޮށްދިނުމަށް ވެސް ޖަމީލު ވަނީ އެދިވަޑައިގެންފަ އެވެ.

ހައި ކޯޓުގެ އިސްތިއުނާފު މައްސަލައިގެ ތެރެއިން ޖޫރިމަނާގެ ހުކުމުން މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ފަސްކޮށްދީފައި ވެ އެވެ. ޖަލު ހުކުމް ވެސް ފަސްކޮށްދޭން ޔާމީންގެ ފަރާތުން އެދުނަސް، އެ އަމުރު ހައި ކޯޓުން ނެރެ ނުދެ އެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުން ޔާމީނަށް ފުރުސަތު ގެއްލުނީ ވެސް ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް އެ މަނިކުފާނުގެ މައްޗަށް އިއްވާފައި އޮތުމުންނެވެ.