21 ސެޕްޓެމްބަރ 2023 - 12:37

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލް ކޮށްފި އެވެ.
މިއަދު މެންދުރު ފަހަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ހައި ކޯޓުން ބުނި ގޮތުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ. އަޑުއެހުން ކެންސަލް ކުރަން ޕީޖީން އެދުނީ އެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ޖުޑިޝަރީއާ ގުޅިގެން ހިންގާ ޓްރެއިންއެއްގައި ބައިވެރިވުމަށް ވަކީލުން މާލެއިން ބޭރަށް ދާންޖެހުމުންނެވެ.
މީގެ ކުރިން ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެން އިސްތިއުނާފުގެ އަޑުއެހުން ކަންސަލް ކޮށްފައި ވެ އެވެ.
ޔާމީންގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ މައްސަލާގައި އަޑުއެހުމެއް އެންމެ ފަހުން އޮތީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އަޑުއެހުންތައް ލަސްވެފައިވާތީ، ޔާމީންގެ ވަކީލުން ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ.
ހައި ކޯޓުން ކުރިއަށް ގެންދާ އިސްތިއުނާފީ މައްސަލައަކީ ވ. އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ އިސްތިއުނާފެވެ.
އެ މައްސަލަތަކުގެ ތެރެއިން ޖޫރިމަނާގެ ހުކުމުން މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ފަސްކޮށްދީފައި ވެ އެވެ. ޖަލު ހުކުމް ވެސް ފަސްކޮށްދޭން ޔާމީންގެ ފަރާތުން އެދުނަސް، އެ އަމުރު ހައި ކޯޓުން ނެރެ ނުދެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުން ޔާމީނަށް ފުރުސަތު ގެއްލުނީ ވެސް ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް އެ މަނިކުފާނުގެ މައްޗަށް އިއްވާފައި އޮތުމުންނެވެ.