21 ސެޕްޓެމްބަރ 2023 - 12:24

ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު އަންނަ މަހުގެ 30 ގައި ނަގަން ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގަން ފާސްކުރި ގަރާރު މިއަދު ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް، މަޖިލީހުން އިއްޔެ ފާސްކުރި ގަރާރު ލިބިފައިވާ ކަމަށެވެ.
"މިކަމާ މެދު، އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ ގޮތުގެ ގާނޫނީ ލަފާ މިހާރު ކޮމިޝަނުން ދަނީ ހޯދަމުން،" އީސީން ކުރި ޓްވީޓެއްގައި ބުންޏެވެ.
އެކަމުގެ އިތުރު ތަފްސީލު ދެއްވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް "މިހާރު" އަށް ވިދާޅުވީ މަޖިލީހުން ފާސްކުރި ގަރާރާ މެދު ގާނޫނީ ލަފާ ހޯދައިގެން ކުރިއަށް ދެވޭނެ ގޮތަކާ މެދު ކޮމިޝަންގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތެއް މަޖިލީހުގެ އިދާރާއާ ވެސް ހިއްސާ ކުރެވޭނެ،" ހަބީބް ވިދާޅުވި އެވެ.
އިންތިހާބު ބޭއްވުމަށް މަދުވެގެން 30-45 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުންވާނެ ކަމަށާއި އެ ކަމަށް 40 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް އީސީން ކުރިން ވަނީ ބުނެފަ އެވެ.
މިފަދަ ވޯޓެއް ނެގުމުގެ ކުރިން އެންމެ މުހިންމު ކަމަކަށް ވާނީ އެ ވޯޓުގެ މަގުސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން ކަމަށް ވެސް ބުންޏެވެ.
ރިޔާސީ ނިޒާމަކަށް ރާއްޖޭގައި ވެރިކަން ކުރަން ފެށީ ގާނޫނުއަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އޮގަސްޓް، 18، 2007 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު އެވެ. އެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްފަ އެވެ.
އެ އިންތިހާބުގެ ކުރިން މަހެއްހާ ދުވަހުގެ ފޯރިގަދަ ކެމްޕެއިނެއް ކޮށްފައިވެ އެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސީ ނިޒާމަށް ތާއީދުކުރައްވައި ކެމްޕެއިނު ކުރެއްވިއިރު، އިދިކޮޅުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީން ތިބީ ބަރުލަމާނީ ނިޒާމަށް ތާއީދު ކޮށްގެންނެވެ.