ބެލިންހަމް އުފަންވީ ރެއާލް އަށް ކުޅެން: ނަޗޯ
ބެލިންހަމް އުފަންވީ ރެއާލް އަށް ކުޅެން: ނަޗޯ

މެޑްރިޑް (ސެޕްޓެމްބަރު 21) - ޖޫޑެ ބެލިންހަމް އުފަންވީ ރެއާލް މެޑްރިޑަށް ކުޅެން ކަމަށް، އެ ކްލަބްގެ ކެޕްޓަން ނަޗޯ ފެނާންޑޭޒް ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަންގެ ޔޫނިއަން ބާލިންއާ ދެކޮޅަށް ރެއާލް މޮޅުކޮށް ދިނީ ބެލިންހަމެވެ. މެޗުގެ ފަހު ވަގުތުގައި އޭނާ ވައްދާލި ބޯޅައިން ރެއާލް މޮޅުވީ 1-0 ންނެވެ.

ރެއާލްގައި މިހާތަނަށް ކުޅުނު ހަ މެޗުގެ އިންގްލެންޑްގެ މިޑްފީލްޑަރު ވަނީ ހަ ލަނޑު ޖަހައިފަ އެވެ.

އަހަރެން ދެކޭ ގޮތުގައި ޖޫޑް އުފަންވީ ރެއާލް މެޑްރިޑަށް ކުޅެން. އޭނާ ހުރުމަކީ އަހަރެމެންނަށް ނަސީބެއް. އުންމީދުކުރަން އޭނާ ލަނޑު ޖަހަމުން ގެންދާނެކަމަށް،" ރޭގެ މެޗަށް ފަހު ނަޗޯ ބުންޏެވެ.

ޔޫނިއަން ބާލިންއާ ދެކޮޅަށް ބެލިންހަމް ޖެހި ލަނޑަކީ މި ސީޒަނުގައި މެޗުގެ އިތުރު ވަގުތުގައި ރެއާލް މޮޅުކޮށް ދިން ދެވަނަ ފަހަރެވެ. މި މަހު ގެޓާފޭ އަތުން ބާނެބެއު ގައި އޭނާ ރެއާލް މޮޅުކޮށް ދިނީ 95 ވަނަ މިނެޓްގައި ޖެހި ލަނޑުންނެވެ.

މެޗަށް ފަހު ބެލިންހަމް ބުނީ މެޗުގެ ކޮންމެ ވެސް ހިސާބެއްގައި ރެއާލް އަށް ލަނޑެއް ޖެހޭނެކަމަށް އޭނާ ގަބޫލުކުރި ކަމަށެވެ.