ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ރައޫފް ޕީޕީއެމާ ގުޅިވަޑައިގެންފި
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ރައޫފް ޕީޕީއެމާ ގުޅިވަޑައިގެންފި

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި އިތުރު ބައެއް މީހުން އިދިކޮޅު ޕީޕީއެމާ މިރޭ ގުޅިވަޑައިގެންފި އެވެ.

އެ ޕާޓީގެ އޮފީހުގައި ބޭއްވި ކުޑަ ހަފުލާއެއްގައި ރައޫފާއި މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޖޭޕީ މެންބަރު އަހުމަދު ހަމީދު (ފްލައި) ވެސް ޕީޕީއެމަށް ސޮއިކުރެއްވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެ ދެ ބޭފުޅުންގެ އިތުރުން ޕީޕީއެމާ އަލަށް ގުޅިވަޑައިގަންނަވާ 50 އަށް ވުރެ ގިނަ މީހުންގެ ފޯމު މިއަދު އެ ޕާޓީއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމުން ރައޫފް އިސްތިއުފާ ދެއްވީ ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށާއި އެ ކަމުގެ ބަދަލެއްގެ ގޮތުން އެ ކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމެވި ކަމަށް ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުންނެވެ.

އެ މައްސަލައިގެ ކުރިން، ރައޫފް ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ގައި އޭނާގެ ނަން ފޮނުއްވި އެވެ. ނަމަވެސް ފްލެޓުގެ މައްސަލައިގެ ތުހުމަތާއެކު ރައޫފް ސުޕްރީމް ކޯޓަށް އައްޔަން ކުރުން މަޑުޖައްސާލީ އެވެ.

ރައޫފް ހައި ކޯޓުން އިސްތިއުފާ ދެއްވި އިރު އޭނާއަކީ އޭރު އެ ކޯޓުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އެއް ފަނޑިޔާރެވެ.