ނިޒާމީ ގަރާރު ފާސްކުރި ވޯޓުގައި ޕީޕީއެމް ބައިވެރިއެއް ނުވޭ
ނިޒާމީ ގަރާރު ފާސްކުރި ވޯޓުގައި ޕީޕީއެމް ބައިވެރިއެއް ނުވޭ

ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު އަންނަ އޮކްޓޫބަރު މަހުގެ 30 ގައި ނަގަން ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގޮތަށް މަޖިލީހުން މިއަދު ފާސްކުރަން ނެގި ވޯޓުގައި މައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ބައިވެރިވަޑައެއް ނުގެންނެވި އެވެ.

ނިޒާމީ ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން އޭނާ ވަނީ އެ ގަރާރަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

އޭނާ ހުށަހެޅުއްވީ، އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނެގުމަށް ސީދާ މަޖިލީހުން އީސީ އަށް އެންގުމަށެވެ.

އެ އިސްލާހާ އެކު މުޅި މަޖިލީހުގެ ކޮމިޓީން އެ ގަރާރު ފާސްކޮށް، މަޖިލީހުން އެ ގަރާރު ފާސްކުރަން ވޯޓު ނެގި ވަގުތު ތަޅުމުގައި ތިއްބެވީ ޕީޕީއެމް/ޕީއެންސީގެ ޖުމްލަ އަށް މެމްބަރުންގެ ތެރެއިން ދެ މެމްބަރުންނެވެ. އެއީ އޭދަފުށި ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމާއި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމެވެ.

އެ ދެ މެމްބަރުން ވެސް ގަރާރު ފާސްކުރަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ނިޒާމީ ވޯޓު ނެގުމާ ގުޅޭގޮތުން އިލްޔާސް ހުށަހެޅުއްވި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް، މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ 19 އެމްޑީޕީ މެމްބަރުންގެ ތާއީދާ އެކު އެވެ.

އެކަމަކު ވޯޓު ނެގި ވަގުތު ޖުމްލަ 58 މެމްބަރުން ތަޅުމުގައި ތިއްބެވި އިރު، ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ މެމްބަރުންގެ ތެރޭގައި އެމްޑީޕީ 16 މެމްބަރަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ ތެރޭގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވެސް ހިމެނިވަޑައިގެންނެވި އެވެ.

ރައީސްގެ ބައިވެރިވުމެއް ނެތި މަޖިލީހުން އަމިއްލަ އަށް ނިޒާމީ ވޯޓު ނެގޭނެ ކަމަށް އިލްޔާސް ގަރާރު ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ. ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

ބަހުސްގެ ތެރެއިން އެކަމާ އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވައި ވާހަކަ ދެއްކެވި އެވެ.

އިލްޔާސްގެ ގަރާރު މިދިޔަ ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވި ފަހުން، ތަޅުމަށް ވަޑައިނުގަނެ އެމްޑީޕީ މެމްބަރުން ތިއްބެވުމަށް ފަހު، އިއްޔެގެ ޖަލްސާގެ ފަހު ދަންފަޅިއަށް އެމްޑީޕީ މެމްބަރުން ވަޑައިގެން ގަރާރަށް ތާއީދުކުރެއްވީ މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެކަމަކު ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުން އެމްޑީޕީއަށް ހުށަހަޅަން ފާސްކޮށްފައިވާ ޝަރުތަކީ މި މަހުގެ 28 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމެވެ. ފަހު ވަގުތު އެމްޑީޕީން ދޫދީ، އޮކްޓޯބަރު 30 ގައި ނިޒާމީ ވޯޓު ނަގަން ތާއީދުކޮށްފައިވާ އިރު، ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ތާއީދު ކުރުމާ މެދު ދެން އަމަލުކުރާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ.