ނަޝީދުގެ ވިސްނުމަކީ އާންމު ވޯޓު ދެ ފަހަރަށް ނަގަން ނުޖެހޭ އިސްތިސްނާއެއް ހިމެނުން
ނަޝީދުގެ ވިސްނުމަކީ އާންމު ވޯޓު ދެ ފަހަރަށް ނަގަން ނުޖެހޭ އިސްތިސްނާއެއް ހިމެނުން

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މިހާރު ބަހުސް ކުރަމުން އަންނަ ގަރާރު ފާސްވެ، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމަށް ރައްޔިތުންގެ ތާއީދު ލިބިއްޖެ ނަމަ، ގާނޫނުއަސާސީ ބަދަލުކުރަން އަލުން ރައްޔިތުންގެ ހިޔާލު ހޯދަން ނުޖެހޭ ގޮތަށް ހަދަން އިސްތިސްނާއެއް ހިމެނިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނިޒާމީ ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރަށް މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ކުރިއަށް ދިޔަ ބަހުސްގެ ތެރެއިން، ވެރިކަން ބަދަލުކުރަން ނަގާ ވޯޓުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ގާނޫނުއަސާސީގެ 261 މާއްދާގެ ދަށުން ގާނޫނުއަސާސީ އިސްލާހުކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބައެއް މެމްބަރުން ފާހަގަކުރެއްވި އެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން، އަސާސީ ހައްގުތަކާއި މިނިވަންކަން، މަޖިލީހުގެ އުމުރު، ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަދަލުކުރާ ބިލެއް ރައީސަށް ތަސްދީގުކުރެވޭނީ އާންމު ވޯޓެއް ނަގައިގެން އެކަން ކުރަން ރައްޔިތުންގެ އަޣުލަބިއްޔަތަށް ފެންނަ ނަމަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި ރިޔާސަތުން ނަޝީދު ވަނީ އެ ކަންބޮޑުވުން ގާނޫނީ ބައެއް ބޭފުޅުންގެ ފަރާތުން ވެސް ލިބިވަޑައިގެންފައިވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

"...އަޅުގަނޑަށް ފެންނަ ގޮތުގައި 262 އަށް އިސްލާހެއް ގެންނަންޖެހޭ. އޭގައި އެބަ ބަޔާންކުރަންޖެހޭ، 70 ގެ ދަށުން ކުރަމުންދާ މަސައްކަތެއްގައި، ނެގޭ ވޯޓަކާ ގުޅިގެން އުފެދުނު ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާއިރު ގައި އަނެއްކާ އަލުން އަނބުރާ ފެންނަ ނުފެންނަ ވޯޓަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެ [ކަމަށް]،" އެ މަނިކުފާނު ވިދާޅުވި އެވެ.

އޭރުން ނަޝީދު ވިދާޅުވި ގޮތުގައި، ދެ ފަހަރަށް ވޯޓު ނަގަންޖެހިދާނެ ކަމާ މެދު އޮތް ސުވާލަށް ޖަވާބު ލިބިގެންދާނެ އެވެ.

ރައީސްގެ ބައިވެރިވުމެއްނެތި މަޖިލީހުން އަމިއްލައަށް ނިޒާމީ ވޯޓު ނެގޭނެ ކަމަށް އިލްޔާސް ގަރާރު ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ. ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

އިލްޔާސްގެ ގަރާރުގައި ވަނީ އޮކްޓޯބަރު 30 ގައި ވޯޓު ނެގުމަށެވެ. އެކަމަށް މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީގެ އިއުތިރާޒެއް ނެތް ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ބަހުސްގައި ވާހަކަ ދައްކަވަމުން ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒް ވިދާޅުވީ، ފެހި ގާނޫނުއަސާސީ އެކުލަވާލެވުނު ފަހުން މިހާތަނަށް ބޭއްވި ކޮންމެ އިންތިހާބެއްގައި ވެސް ރައްޔިތުން އިންތިހާބު ކޮށްފައިވަނީ ގިނަ ބަޔަކު ބައިވެރިވެގެން އުފައްދާ ސަރުކާރަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ހާމަވީ އެކަން ކަމަށާއި ރިޔާސީ ނިޒާމެއްގައި މިގޮތަށް ވޯޓު ދެނީ ނިޒާމުގެ ސަބަބުންތޯ ރައްޔިތުން ކައިރީގައި އެހުމަށް ދެކޮޅު ނުހައްދަވާ ކަމަށެވެ.

ހިޔާލު ހޯދުމުގެ ނިޒާމީ ވޯޓު ނަގާނެ ވަގުތަކަށް ވިސްނާއިރު، ޑިމޮކްރެޓްސްއިން ހުށަހަޅާ ގޮތަށް މި މަހުގެ 28 ގައި އެކަން ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ގަރާރުގައިވާ ގޮތަށް އޮކްޓޯބަރު 30 ނެގިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މިއޮތް ތާރީޙުގައި އެކަން ކުރެވިދާނެ. އެކަން ކުރަނީ ރައްޔިތުންގެ މަޖިލީހަކުން ނޫން، އެކަން ކުރަނީ ސަރުކާރަކުން ވެސް ނޫން. ގާނޫނުއަސާސީގައި އެބަހުރި މުއައްސަސާއެއް ކަނޑައަޅާފައި، އެ ފަރާތުން ދައްކާ ވާހަކައަށް ބަލާއިރު 30 އޮކްޓޯބަރުގައި އެކަން ކުރުމަކީ ކުރެވިދާނެ ކަމެއް،" ޑިމޮކްރެޓްސްއާ އެކު ކުރެވުނު މަޝްވަރާތަކުގައި ވެސް މިއަދު ބައިވެރިވެ ވަޑައިގަތް އަލީ ނިޔާޒް ވިދާޅުވި އެވެ.