20 ސެޕްޓެމްބަރ 2023 - 12:41

އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އިއުތިރާޒެއް ނެތް ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ނިޒާމީ ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރަށް މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން، ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒް ވިދާޅުވީ، ފެހި ގާނޫނުއަސާސީ އެކުލަވާލެވުނު ފަހުން މިހާތަނަށް ބޭއްވި ކޮންމެ އިންތިހާބެއްގައި ވެސް ރައްޔިތުން އިންތިހާބު ކޮށްފައިވަނީ ގިނަ ބަޔަކު ބައިވެރިވެގެން އުފައްދާ ސަރުކާރަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ހާމަވީ އެކަން ކަމަށާއި ރިޔާސީ ނިޒާމެއްގައި މިގޮތަށް ވޯޓު ދެނީ ނިޒާމުގެ ސަބަބުންތޯ ރައްޔިތުން ކައިރީގައި އެހުމަށް ދެކޮޅު ނުހައްދަވާ ކަމަށެވެ.
"އެއީ ވެރިކަމުގެ ނިޒާމުގެ ސަބަބުންތޯ ބެލުމަށް އަޅުގަނޑުމެން ދެކޮޅެއް ނުހަދަން. އެހެންވީމާ މި ގަރާރުގައި މި ބުނާ ހިޔާލު ހޯދުމުގެ ވޯޓެއް ހުށަހެޅުމާ ރައްޔިތުންނާ ހަމައަށް ދިއުމާ ދޭތެރޭގައި އަޅުގަނޑުމެންގެ އިއުތިރާޒެއް ނެތް. އަޅުގަނޑުމެން އެއަށް ތާއީދުކުރަން،" އަލީ ނިޔާޒް ވިދާޅުވި އެވެ.
ހިޔާލު ހޯދުމުގެ ނިޒާމީ ވޯޓު ނަގާނެ ވަގުތަކަށް ވިސްނާއިރު، ޑިމޮކްރެޓްސްއިން ހުށަހަޅާ ގޮތަށް މި މަހުގެ 28 ގައި އެކަން ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ގަރާރުގައިވާ ގޮތަށް އޮކްޓޯބަރު 30 ނެގިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިއޮތް ތާރީޙުގައި އެކަން ކުރެވިދާނެ. އެކަން ކުރަނީ ރައްޔިތުންގެ މަޖިލީހަކުން ނޫން، އެކަން ކުރަނީ ސަރުކާރަކުން ވެސް ނޫން. ގާނޫނުއަސާސީގައި އެބަހުރި މުއައްސަސާއެއް ކަނޑައަޅާފައި، އެ ފަރާތުން ދައްކާ ވާހަކައަށް ބަލާއިރު 30 އޮކްޓޯބަރުގައި އެކަން ކުރުމަކީ ކުރެވިދާނެ ކަމެއް،" ޑިމޮކްރެޓްސްއާއެކު ކުރެވުނު މަޝްވަރާތަކުގައި ވެސް މިއަދު ބައިވެރިވެ ވަޑައިގަތް އަލީ ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވަނީ އެމްޑީޕީގެ އެހެން މެންބަރުން ވެސް ގަރާރަށް ތާއީދު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
އިލްޔާސްގެ ގަރާރުގައި އޮކްޓޯބަރު 30 ގައި ވޯޓު ނަގަން އޮތް ނަމަވެސް، އޭނާ ނިސްބަތްވާ ޑިމޮކްރެޓްސް އިން ފާސްކޮށްފައިވަނީ މި މަހުގެ 28 ގައި އެ ވޯޓު ނެގުމަށް ހުށަހެޅުމަށެވެ. އެނގިފައިވާ ގޮތުގައި ގަރާރުގައިވާ ތާރީހު ބަދަލުކުރުމަށް ކޮމިޓީގެ ކުރިން މިއަދު ކުރިއަށް ދިޔަ ޕާޓީތަކުގެ މަޝްވަރާގައި އެ ޕާޓީން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައިވާ ގޮތުގައި މި މަހު ވޯޓު ނެގުުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އިންތިހާބުގެ ކުރިން ރައްޔިތުން ހޭލުންތެރިކުރުމަށް އެއް މަސް ދުވަސް ބޭނުންވާނެ ކަމަށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.