05 ފެބުރުއަރީ 2017 - 10:57

ލިވަޕޫލް (ފެބްރުއަރީ 5) - ޓީމުގެ ހާލަތު އިތުރަށް ދަށް ނުވަނީސް ލިވަޕޫލް ކުޅުންތެރިން ހޭލަން ވެއްޖެ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
މި އަހަރު ފެށި ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ލިވަޕޫލް މޮޅުނުވެ އެވެ. އަދި ލީގު ކަޕާއި އެފްއޭ ކަޕުން ވެސް އެ ޓީމު ވަނީ ކަޓައިފަ އެވެ.
ލީގުގެ ހަތަރު ވަނައިގައި މި ވަގުތު ލިވަޕޫލް އޮތީ 24 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ މެންޗެސްޓާ ސިޓީ ކުޅޭ މެޗުން އެ ޓީމު ސްވަންސީ ސިޓީ އަތުން މޮޅުވެއްޖެނަމަ ލިވަޕޫލް ފަސް ވަނަ އަށް ވެއްޓޭނެ އެވެ.
ލީގުގައި ރޭ ހަލް ސިޓީ އަތުން 2-0 އިން ބަލިވި މެޗަށް ފަހު ކްލޮޕް ބުނީ ސީޒަން ސަލާމަތްކުރަން ބޭނުންނަމަ ކުޅުންތެރިން އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.
"އަހަރެމެންނަށް ނެތް ވާދަވެރި އެހެން ޓީމުތަކާ އަޅާކިޔޭކަށް. އެއީ މި ވަގުތު އަހަރެމެން އޮތް ހާލަތުން ފާޑުކިޔުންތައް އަމާޒުވާނެ. އެކަމަށް ޖަވާބުދެވެން އޮތީ ކުޅުންތެރިންގެ މަސައްކަތުން ޓީމުގެ ހާލަތު ރަނގަޅު ކޮށްގެން. ކުޅުންތެރިން ހޭލަން ވެއްޖެ. އެ ނޫން ގޮތަކަށް ނެތް ކުރިއަށް ދެވޭކަށް،" ކްލޮޕް ބުންޏެވެ.
ފާއިތުވި ހަ އަހަރު ތެރޭ ލިވަޕޫލުން ޗެމްޕިއަންސް ލީގުގައި ކުޅުނީ އެންމެ ސީޒަނެއްގަ އެވެ. ލިވަޕޫލަށް މި ސީޒަނަށް ދެން ކަނޑައަޅާފައިވާ ޓާގެޓަކީ ލީގުގެ ގަދަ ހަތަރެއްގައި އޮވެ، އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމެވެ.
ކްލޮޕް ބުނީ މިހާރު އެ ޓީމުން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ޗެމްޕިއަންސް ލީގުގެ ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ކަމެއް ގޮތުގައި ނުދެކޭ ކަމަށެވެ.
"އަހަރެމެންގެ ފޯމު ދަށަށް މިދަނީ. މި ހާލަތުގައި ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތަށް ވިސްނައިގެން ކުރިޔަށް ދިއުން މުހިއްމެއް ނޫން. ފުރަތަމަ މި ޓީމުގައި ހުރި މައްސަލަތައް ހައްލުކޮށްގެން ކުރިއަށްދާންވީ. ދެން އިތުރު މުބާރާތްތަކާ މެދު ވިސްނެން އޮތީ،" ކްލޮޕް ބުންޏެވެ.
ލިވަޕޫލް ދެން ލީގުގައި ކުޅޭ މެޗުގައި އަންނަ ހަފްތާގައި ނުކުންނާނީ ލީގުގެ ދެ ވަނައިގައި މި ވަގުތު އޮތް ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ.