20 ސެޕްޓެމްބަރ 2023 - 08:42

ކޮންމެ ސަރުކާރަކުން ކޮންމެ ނިޔަތެއްގައި ދިވެހިންނަށް ކޮށްދޭން އިއުލާންކުރާ ކަންކަން އޭނާގެ ސަރުކާރެއްގައި ނުހުއްޓުވާނެ ކަމަށް އިިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

"އެއްވެސް އެއްޗެއް ނުހިފަހައްޓާނަން. ދޭން ބުނި އެއްޗެއް ދޭނަން. ދިވެހި ސަރުކާރު މިހާރު ވެސް އޮތީ. ދެން ވެސް އަންނާނީ ދިވެހި ސަރުކާރު،" ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.
"އެހެންވީމާ ދިވެހި ސަރުކާރުން އެއްވެސް ނިޔަތެއްގައި އެ ދޭ ލުޔެއް އަޅުގަނޑު އިސްވެ ހުންނަ ސަރުކާރެއްގައި ދަމަހައްޓާނަން. ބަދަލެއް ނުގެންނާނަން."
އޭނާ އެހެން ވިދާޅުވީ، މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުއްލި ގޮތަކަށް އިތުރު، ބޮޑެތި ވައުދުތަކެއް ވަމުން ގެންދަވާތީ "މިހާރު" އާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް އިއްޔެ ވަނީ ވެހިކަލް ގަރާޖު ސިޓީ އުވާލައްވައި އަންނަ މަހުން ފެށިގެން ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ. ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ އެންމެންނަށް މާލޭން ގޯއްޗާއި ފްލެޓް ދޭން ނިންމައި އެކަމާ ގުޅޭ ހައުސިން ސްކީމެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.
އަދި ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓްގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އަދަދު ބޮޑު ކަމުގެ ޝަކުވާ ލިބޭތީ އެ އަގު ކުޑަކޮށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ މި ސަރުކާރުން ދީފައިވާ ވަޒީފާތަކާއި ގޯތިތަކާއި ފްލެޓްތަކާއި އިތުރުކުރަން ވައުދުވާ އެލަވަންސްތަކާއި މުސާރަތަކާއި ލޯނުތައް ނުހުއްޓުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އެކަމަކު، ސިޔާސީ މަގާމުތަކަށް ބަދަލު އަތުވެދާނެ ކަމަށް ވިދާޅުވި އެވެ.
"ދޭން ނިންމި އެއްޗެއް ވެސް ބަދަލެއް ނުކުރާނަން. އޭގެ ބަދަލުގައި އިތުރު ފަރާތްތަކަށް ވެސް އިތުރު ލުއިތަކާއި ފަސޭހަތަކާއި އިތުރު ކަންކަން ކުރެވޭނެ ނިޒާމެއް ގާއިމު ކުރާނީ. ދިން އެއްޗެއް އަތުލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
"އެ ވެދާނެ ގޯސްކޮށް ދީފައިވާ އެއްޗަކަށް ވެސް. ސަރުކާރަކުން ނޫންތޯ އެ ކަމެއް ކޮށްދެނީ."
ނަމަވެސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދޫކުރި ބައެއް ފްލެޓްތައް ފަހުން ކެންސަލް ކޮށްފަ އެވެ. އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެރިމީހާ ބަދަލުވިޔަސް ދިވެހި ސަރުކާރެއް މި އުފެދެނީ. ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާ އުފެދޭ ބޮންޑެއް މިއީ. އެ މުއާމަލާތްތައް ފެއިލް ކޮށްފިއްޔާ ސަރުކާރުގެ އިތުބާރު ރައްޔިތުމީހާގެ ކުރިމަތީގައި ބަލިކަށިވޭ. އެހެން ހެދީމާ ރަނގަޅެއް ނޫން،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
"މިސާލަކަށް 100 މީހުން އުޅޭ ރަށެއްގެ ފެނަކައަށް 30 މީހުން ވަޒީފާ އަށް ނެގުން. އެއީ ރަނގަޅު ކަމެއް ނޫން. އެކަމަކު ދިނީމާ އަޅުގަނޑު ކުރިއަށް ގެންދާނަން. އެކަމަކު އެ މީހާ އެ ރަށުގެ ކޮންމެވެސް އެހެން ވަޒީފާއަކަށް ބަދަލުވެދާނެއޭ ފެނަކަ އަށް އެހާ އަދަދަށް މީހުން ބޭނުން ނުވާ ކަމަށް އަޅުގަނޑުމެން ހަދާ އެލަނަލިސިސް އިން ފާހަގަވާ ނަމަ. އޭރުން ސީދާ ފެނަކަ ޖޮބްގައި ނުހުރެދާނެ. އެކަމަކު އެހެން ވަޒީފާއެއްގައި އެ މުސާރައިގައި އަޅުގަނޑުމެން ދޭނަން."