ޖެނުއަރީން ފެށިގެން މުސާރަތައް ބޮޑުކޮށް ސްޓޫޑެންޓް ލޯނު މާފުވާނެ ގޮތެއް ހަމަޖައްސަން ރައީސްގެ ވައުދެއް
ޖެނުއަރީން ފެށިގެން މުސާރަތައް ބޮޑުކޮށް ސްޓޫޑެންޓް ލޯނު މާފުވާނެ ގޮތެއް ހަމަޖައްސަން ރައީސްގެ ވައުދެއް

ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެ ކަމަށާއި އެކަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ޖެނުއަރީން ފެށިގެން މުސާރަތައް ބޮޑުކޮށް ސްޓޫޑެންޓް ލޯނު މާފުވާނެ ގޮތެއް ހަމަޖައްސަން ރައީސްގެ ވައުދެއް
ޖެނުއަރީން ފެށިގެން މުސާރަތައް ބޮޑުކޮށް ސްޓޫޑެންޓް ލޯނު މާފުވާނެ ގޮތެއް ހަމަޖައްސަން ރައީސްގެ ވައުދެއް

ގަލޮޅުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވިއްޖެ ކަމަށާއި އެހެން ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް ވެސް އަންނަ އަހަރުން ފެށިގެން ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

އޭގެތެރޭގައި، ސިފައިންނާއި ފުލުހުންނާއި ޝަރުއީ ދާއިރާ އާއި ސިވިލް ސާވިސް އާއި މިނިވަން މުއައްސަސާތަކާއި އިމިގްރޭޝަނާއި ކަސްޓަމްސް އާއި ކައުންސިލްތަކާއި އިމާމުންނާއި މުދިމުންގެ މުސާރައަށް ބަދަލު ގެނައުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އަންނަ މަހު މަޖިލީހަށް ހުށަހަޅާ 2024 ވަނަ އަހަރުގެ ބަޖެޓްގައި އިރާދަކުރެވިއްޔާ މިކަން ހިމަނައި އަޅުގަނޑުމެން ފާސްކުރާނަން،" ރައީސް ވިދާޅުވި އެވެ.

މާލޭގެ ގިނަ ގެތަކަށް ކޮންމެ ދުވަހަކު ވެސް ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް ރައީސް ކުރިއަށް ގެންދަވާއިރު، ލިބިވަޑައިގަންނަވާ އެއް ޝަކުވާއަކީ ސްޓޫޑެންޓް ލޯނު ދެއްކުމުގައި ދަތިވެ، އެ ނުދެއްކުމުގެ ސަބަބުން ކޯޓަށް ދާންޖެހޭ ހިސާބުގައި ތިބެން ޖެހުން ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

"އެކަމާ ކަންބޮޑުނުވުމަށް އަޅުގަނޑު ދަންނަވަން. އަޅުގަނޑުމެން މި ދަނީ ސްޓޫޑެންޓް ލޯނު ވަކި އުސޫލަކުން މާފު ކުރެވޭނެ ގޮތްތަކެއް ހަދަން. އިރާދަކުރެއްވިއްޔާ އެ ލުއި އަޅުގަނޑުމެން ދޭނަން،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި މާޒީއަށް ބަލާއިރު ފެންނަނީ އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނާމާންކަމެވެ.

އެ ވެރިކަން ބަދަލުކުރަން 2018 އަހަރު އެންމެން ނުކުތީ އެހެންވެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ބިރުވެރިިކަމުގެ ތެރޭގައި ރާއްޖޭގެ ރަށްތައް އޮތީ އަސާސީ ހިދުމަތްތަކުން ވެސް މަހުރޫމްވެފައި ކަމަށް ވިދާޅުވެ އެކަން ރައީސް ދެއްކެވީ ތަފާސްހިސާބުންނެވެ. ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރަށް 152 ރަށުގައި ކަރަންޓުގެ ހިދުމަތް، 141 ފެނާއި ނަރުދަމާގެ ނިޒާމް، 125 އަށްވުރެ ގިނަ ރަށްރަށުގެ ބަނދަރު، 128 ރަށުގައި އެމްބިއުލާންސް ހިދުމަތް ގާއިމްކުރަން ޖެހުނެވެ.

"އެހެންވީމަ ރާއްޖެ އޭރު އޮންނާނެ ހާލަތު ވަޒަންކޮށްލަން ޖެހޭ. ވާދަވެރިންނަކީ މި ހާލު ޖެއްސި މީހުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ޓީމް އޮތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ވެސް ތައްޔާރުވެގެން ކަމަށާއި އެކަމަށް ވިސްނައި ޕްލޭން ވެސް ކޮށްގެން ކަމަށެވެ. ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަދި ކުޅެވުނީ އެއް ހާފު. އޮތީ ތިން ގޯލް އެއް ގޯލްގައި، ހާފް ޓައިމްގަ ޗޭންޖިން ރޫމަށް ވަދެ މި ތިބީ އަލަށް ރާވާލައިގެން. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންނާއި ފޯވާޑުން މި ތިބީ. ދެވަނަ ހާފަށް މި ނުކުންނަނީ މާގަދަކޮށް. މާގަދަކޮށް. މި އިންތިހާބު ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން،" ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންނާ އެކު އަމާން ރާއްޖެއަކަށް ދާން އަޅުގަނޑުމެން މި ކުރާ ދަތުރު ކާމިޔާބު ވާނެ."