ރިޔާސީ އިންތިހާބަށް ފަހު ނިޒާމީ ވޯޓަކަށް ދާން ޕީޕީއެމް/ޕީއެންސީ ވެސް ތާއީދު
ރިޔާސީ އިންތިހާބަށް ފަހު ނިޒާމީ ވޯޓަކަށް ދާން ޕީޕީއެމް/ޕީއެންސީ ވެސް ތާއީދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ފަހު، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ވޯޓަކަށް ދާން މައްސަލައެއް ނެތް ކަމަށް އިދިކޮޅު، ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފި އެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަން ރައްޔިތުންގެ ވޯޓަކަށް ދިއުމާ މެދު ބަހުސްކުރަމުންދާ މި ދަނޑިވަޅުގައި ޕީޕީއެމްގެ ސެކްރެޓްރީ ޖެނަރަލް މުހައްމަދު ތޮލާލު ވިދާޅުވީ ރިޔާސީ ނިޒާމާ މެދު މިދިޔަ 16 އަހަރު ކުރެވުނު ތަޖުރިބާއާ އެކު އަނެއްކާވެސް ވެރިކަމުގެ ނިޒާމާ މެދު ރައްޔިތުން ގޮތެއް ނިންމުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"ނިޒާމީ ވޯޓަކަށް ގޮސްގެން ރައްޔިތުން ގޮތް ނިންމާނީ. އަޅުގަނޑުމެން ވަކި ނިޒާމެއް ޕްރޮމޯޓްކުރަނީއެއް ނޫން. އަޅުގަނޑުމެން ބަރުލަމާނީ ނިޒާމަށް ތާއިދުކުރަނީއެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެން ނިޒާމީ ވޯޓަކަށް ދާން މައްސަލައެއް ނެތޭ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮލާލު ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބުގެ ފަހުން ނިޒާމީ ވޯޓަކަށް ދާން، ރައްޔިތުންގެ ގާތު އަހަން އަޅުގަނޑުމެން ތާއީދު."

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނުކަން ވެސް ކުރައްވާ ތޮލާލު ވިދާޅުވީ ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ތާއީދުކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށެވެ. ނަމަވެސް، ރާއްޖޭގައި މި ވަގުތު އޮތް ސިޔާސީ މާހައުލަށް އެ ނިޒާމް ފިޓް ނޫން ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވާ ކަމަށް ވެސް ތޮލާލު ވިދާޅުވި އެވެ.

"އެއީ ވަރަށް ގިނަ ސަބަބުތަކާ ހުރެ، އެކަން ކުރެވޭނީ ވަރަށް ހަރުދަނާ ގާނޫނުތަކެއް ގެނެސްގެން. އެ ހަރުދަނާ ގާނޫނުތައް ތަންފީޒުކުރެވޭ ކަމަށްވާ ނަމަ، ބަރުލަމާނީއަށް ދިއުމުގައި މައްސަލައެއް ނެތޭ،" ތޮލާލް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ވޯޓަކަށް އެހުމަށް ގޮވާލައި ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ލަބީބު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފަ އެވެ. އެ ގަރާރުގައިވާ ހުށަހަޅާފައިވަނީ އޮކްޓޯބަރު 30 ގައި ނިޒާމީ ވޯޓަކަށް ދިޔުމަށެވެ. މަޖިލީހުން މިއަދު ވަނީ އެމްޑީޕީ ބައެއް މެންބަރުންގެ ތާއީދާ ވެސް އެކު އެ ގަރާރު ބަލައިގެންފަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެއްވެސް މެންބަރަކު މި ގަރާރަށް ވޯޓު ދެއްވާފައެއް ނުވެ އެވެ. ނަމަވެސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ނިޒާމީ ވޯޓަކަށް އަހަން މައްސަލައެއް ނެތް ކަމަށް މަޖިލީހުގައި މިއަދު ވިދާޅުވެފަ އެވެ.

މި ގަރާރަށް ތާއިދުކުރުމަށް ޑިމޮކްރެޓްސް އިން ވަނީ އެމްޑީޕީ އަށް ޑިމާންޑްކޮށްފަ އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެ ޕާޓީގެ ތާއީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޭނުންވެފައި ވާއިރު ރައީސް މިއަދު ވިދާޅުވީ، މަޖިލީހުން ފާސްކޮށްފި ނަމަ އަންނަ މަހު ނިޒާމީ ވޯޓަށް އެހިދާނެ ކަމަށާއި އެކަން ކުރަން އިލެކްޝަން ކޮމިޝަނުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.