ޖަދަލު
ޖަދަލު

ރިންދާގެ ތުންފަތަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ. ލޯބިން ނުކުރެވޭ ކަންކަން ގަދަބާރުން ކުރަން ރިންދާ ދަނެއެވެ. ދޮގާއި މަކަރަކީ ރިންދާ އަތްފޯރާ ފަށުގައި ހުންނަ، ކުޅެފަރިތަ ހަތިޔާރުތަކެކެވެ.

"ކޮބާ ކަލޭ؟" ސިރާޖު އެހިއެވެ.

ސިރާޖުގެ ފޯނުއައި އިރު ފައިސަލް އިނީ، ހުޅުމާލޭގައި ހުރި ކެފޭއެއްގައެވެ. އެ ތަނަށް ފައިސަލް އައީ ރިންދާޔާ އެކީގައެވެ. ސިރާޖު ގުޅި އިރު ރިންދާ ވީ ފާހާނައިގައެވެ. އެ ހުރިހައި ވާހަކައެއް ފައިސަލް ބުންޏެވެ.

"ވަރަށް ސަކަރާތްވެއްޖެ!" ސިރާޖު ބުންޏެވެ. "ދެންމެ އާމިރާ ގުޅި. އޭނަ އުޅެނީ ފުރަން. އޭނަ ހުއްޓުވާ!"

"މާ ކުރިން ވެސް އެނގޭ އޭނަ ނުހުންނާނެކަން،" ފައިސަލް ވަރަށް ފޫހިވެފައި ބުންޏެވެ. "ތިޔޭ މައްސަލައަކީ. އޭނަ ކިހާ ޗޭންޖުވެއްޖެކަން، އޭނައަށް ކިހާ ވިސްނޭކަން އަދި ކިރިޔާ އަހަންނަށް މި ވިސްނަން ފެށީ. މިހާރު އެ ނައްޓާލަނީ! ދަރިފުޅު ހަނދާންވާތީ އައި މީހަކަށް ކެރޭނެތަ އެހެން ހަދަން؟ އަހަރެން މީހަކާއިންނާތީ އާމިރާ އައީ. ބުނެބަލަ ނޫނެކޭ!"

"މަ ބުނާނެ އެއްޗެއް އެނގޭނީ މަށަށް. ކުރިން އާމިރާއަކީ، ދުރުގަ ހުއްޓަސް ފާޑެއްގެ ރޮއްޖަކުން ގުޅިފަހުރި މީހެއް. މިހާރު އެ އުޅެނީ ރޮދިކެނޑެން. އެ އުޅެނީ އާމިރާ ގެއްލެން،" ސިރާޖު ދޭން ބޭނުންވީ ކުރު މެސެޖެކެވެ. "މީހެއްގެ މުހިންމުކަން އެނގޭނީ އެ މީހަކު ގެއްލުނީމަ."

ފަތިސްނަމާދަށް ބަންގިގޮވަން ފެށި އިރު ފައިސަލް އޮތީ ހޭލައެވެ. އޭގެ މާ ކުރިން ފައިސަލްގެ ލޮލާ ނިދި ރުޅިވެއްޖެއެވެ. ސިރާޖު ބުނި ފަހު ޖުމުލަ ފައިސަލްގެ ކަންފަތަކުން ނުފިލިއެވެ. އެ ޖުމުލައިގައި އަޖައިބެއް ކަހަލަ ޖަޒުބާތެއް ހުއްޓެވެ. ފައިސަލް ވިސްނަންއޮއްވައި ފަތިސްނަމާދަށް ބަންގިގޮވަން ފެށިއެވެ. ފައިސަލާއި އާމިރާއަށް ތެދުވެވުނީ އެކުއެކީގައެވެ. އާމިރާގެ ލޮލުން ވެސް ނިދި މަހުރޫމުވެފައިވާކަން ފައިސަލަށް އެނގުނީ އެ ހިސާބުންނެވެ. އެކަމަކު އެ ވާހަކައެއް ނުދެކެވެއެވެ. އެ ރޭ އާމިރާއާއި ފައިސަލް ނަމާދުކުރީ އެކުގައެވެ. ދެމަފިރިން ވެސް އެ ތަޖުރިބާކުރީ އަލަށެވެ. އެއިން ލިބުނު ހިތްހަމަޖެހުން ވެސް އިހުސާސްކުރީ އަލަށެވެ. ނަމާދުކޮށް އަވަދިވި އިރު، ދެމަފިރިންގެ ވިސްނުމަށް ހުރީ ބަދަލުތަކެއް އައިސްފައެވެ. އެކަމަކު، ހިތުގައި އުފެދުނު ސުވާލު، ދުލާ ހަމައަށް ގެންނާނެ ހިތްވަރު ފުރަތަމަ ލިބުނީ އާމިރާއަށެވެ.

"މިހާރު ފަތިސްނަމާދު ވެސް ކުރަންތަ؟ ތީ ހާދަ ރަނގަޅު ޗޭންޖެކޭ!" އޯގާވެރި ރާގެއްގައި އާމިރާ ބުންޏެވެ.

އާމިރާއަކީ ވެސް ކުރިން ފަތިސްނަމާދު، ވަގުުތުގައި އަދާކުރާ މީހެއް ނޫނެވެ. އެ ވާހަކަ ބުނަން ފައިސަލް ހިތަށްއެރި ނަމަވެސް، ފައިސަލް ދެއްކީ އެހެން ވާހަކައެކެވެ.

"އާމިރާ ދިޔަފަހުން ހާދަ ކަމެއް ހިނގައިފިޔޭ!" ހަމަ އެހާމެ އޯގާވެރި ރާގެއްގައި ފައިސަލް ބުންޏެވެ. "ބަދަލަކީ، ހަމަ ހުރެފަ އަންނަ އެއްޗެއް ނޫން. ސަބަބެއް ނެތި ބަދަލެއް ނާންނާނެ."

އެނދުގެ ދެ ފަރާތުގައި، ދެ ބުރަކަށި ދިމާވާ ގޮތަށް އިށީނދެގެންތިބެ ދެމަފިރިން ވާހަކަދެއްކިއެވެ. ހަތަރުކަޅި ހަމަކުރަން ދެމީހުން ވެސް ބޭނުމެވެ. އެ ކަމަށް ހުރަސްއެޅީ ހާލަތެވެ. މާޒީއެވެ. އޭނަ ބުނި މިވެނި އެއްޗެކެވެ. މީނަ ކުރި އެވެނި ކަންތަކެވެ. ފުރިފައިހުރި ތަށްޓަކަށް އެއްޗެއް އެޅުމުގެ ކުރިން، ފުރަތަމަ އެ ތަށި ހުސްކުރަންޖެހޭނެކަމެއް އެކަކަށް ވެސް ނުވިސްނެއެވެ. ފަސްއެނބުރި ބަލަން ހުރިހައި ހިނދަކު، ކުރިޔަށް ހިނގައިނުގަނެވޭނެކަމެއް ވެސް ނުވިސްނެއެވެ.

"ފައިސަލް މިހާރު އަހަރެން ދެކެ ލޯބިވޭތަ؟" އާމިރާ ސުވާލުކުރިއެވެ. " ވޭ ނޫނީ ނުވޭ، ކޮންމެ ޖަވާބެެއްދިނަސް އަހަންނަށް އޯކޭ."

ފައިސަލް ބުނަންޖެހެނީ ދެ އަކުރެވެ. ނުވަތަ އެއް އަކުރެވެ. އެހެނަސް، އެ ލަފުޒު ފައިސަލަށް އެހައި ދިގުވީ ކީއްވެގެންކަމެއް ފައިސަކަލަކަށް ނޭނގެއެވެ. އިސްޖަހައިލައިގެންއިނދެ، އެތައް އިރަކު ފައިސަލް ވިސްނިއެވެ. އަނެއްކޮޅުން، އާމިރާއަށް ކޮންމެ ސިކުންތެއް ގަޑިއިރަކަށް ބަދަލުވަމުންދިޔައެވެ.

"ވޭ!" ފައިސަލް ބުންޏެވެ.

ބޯޅަ ޕޮޓަށް ވެއްޓުނެވެ. ބާސްކެޓު ކުޅެންތިބީ ފައިސަލާއި ޒިޔާނެވެ. އެއީ އެހައި ސީރިޔަސް ކުޅުމެއް ނޫނެވެ. ބޯޅަ ބިންމައްޗަށް ވެއްޓުމާއެކު ޒިޔާން ބޯޅަ ނެގިއެވެ. ބޯޅަ އެއްލުމަށް ޒިޔާން ތައްޔާރުވަމުންދިޔަ އިރު ފައިސަލް ހުރީ، ޒިޔާނަށް ހުރަސްއަޅަން ތައްޔާރުވެގެންނެވެ.

"ބައްޕަ ކޮންމެ ވެސް ވަރަކަށް މި ކަން ވެސް ކުރީމޭ!" ފައިސަލް ބުންޏެވެ. "ވަރަށް ގިނަ ފަހަރު އަމާޒުވާނެ."

"ޑެޑީއަށް ހާދަ ގިނަ ސްޕޯޓްސް އެނގެޔޭ!" ޒިޔާން ބޯޅައެއްލަމުން ބުންޏެވެ. "އެކަނިތަ ދަސްކުރީ؟"

އެ ބޯޅަ ކާމިޔާބެއްނުވިއެވެ. ފައިސަލް ބޯޅަނެގިއެވެ. އެއްލަން ތައްޔާރުވިއެވެ.

"އުހުނ! މީސްމީހުން ކައިރިން ދަސްކުރަނީ." ބޯޅަ އެއްލަމުން ފައިސަލް ބުންޏެވެ.

އެ ބޯޅަ ކާމިޔާބުވިއެވެ. ޒިޔާން ތަރުހީބުދިނެވެ.

"ޔޭ!" އަތްތިލަބަޑިޖަހަމުން ޒިޔާން ބުންޏެވެ. "ދަސްކޮށްދޭން މީހަކު ހުރެއްޖެއްޔާ ޒިޔާން ވެސް ވަރަށް މޮޅުވާނެ. އެކަމަކު، ކުރަހަން ވެސް ރަނގަޅަށް ދަސްނުވަނީސް ރިންތަ އެ އުޅެނީ ފުރަން. ޑެޑީ ޖެހޭނެ ރިންތަ ހިފާއްޓަން. ޕްލީޒް!"

ފައިސަލް ބޯޅަ ހިފައިގެން ޒިޔާން ގާތަށް އައެވެ. ކުޅުމަށްވުރެ އެ ވާހަކަ ފައިސަލަށް މާ މުހިންމުވިއެވެ.

"އެއީ ކިހިނެއް؟ ޑެޑީއަށް ކީއްކުރެވޭނީ؟" ފައިސަލް އެހިއެވެ.

"ރިންތައާ މެރީކުރާނީ،" ޒިޔާން ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ސިންޕަލް!"

ޒިޔާނަކީ ބުއްދިވެރި ސުވާލުކުރާ ކުއްޖެކެވެ. އެކަމަކު، އެންމެ ފަހުން ޒިޔާން އެ ބުނި އެއްޗަކީ ޒިޔާންގެ އަމިއްލަ ބުއްދި ބޭނުންކޮށްގެން ބުނި އެއްޗެއްކަމާމެދު ފައިސަލަށް ޝައްކެވެ.

"ރިންތަ ދެއްކި ވާހަކައެއްތަ ތީ؟" ފައިސަލް ސުވާލުކުރިއެވެ.

ފައިސަލް ހިތްހަމަނުޖެހުނުހެން ޒިޔާނަށް ހީވިއެވެ. އެހެންވެ، ޖަވާބުނުދީ ބޯޅަހިފައިގެން ދާން ޒިޔާން އުޅުނެވެ. ފައިސަލް ބޯޅައެއްް ނުދިނެވެ. އަނެއްކާ ވެސް ސުވާލު ތަކުރާރުކުރިއެވެ. ހަރުކަށިކޮށެއް ނޫނެވެ.

"ޑެޑީ ތި އުޅެނީ ރިންތައަށް އެއްޗެހިކިޔަންތަ؟" އިނގެރޭސިން ޒިޔާން އެހިއެވެ.

"އުހުނ! ހަމަ އަހާލީ." އެ މައްސަލަގަނޑު ތެރެއަށް ޒިޔާން ވައްދަން ބޭނުންނުވާތީ ފައިސަލް ބުންޏެވެ.

ފައިސަލް ކުއްލިއަކަށް ރެކިލާފައި ބޯޅަ އެއްލިއެވެ. އެ ބޯޅަ ވެސް ޕޮޓަށް އަމާޒުވިއެވެ. ދެބަފައިން އަތްޖަހައިލިއެވެ. ހަގީގަތުގައި އެ މައްސަލަ އެހައި ހިސާބުން ނިމުނީކީ ނޫނެވެ. ގަޑިން ރޭގަނޑު ދިހައެއްޖެހި އިރު ވެސް ތަހުގީގު ދިޔައީ ކުރިޔަށެވެ.

"ދެން ކީކޭތަ ތި ބުނަނީ؟" ތަންކޮޅެއް މަޑުން އެހެން ބުނި ނަމަވެސް ރިންދާ ހުރީ ހިތްހަމަނުޖެހިފައެވެ. "އާނ! އަހަންނަކަށް ހަމަ ނުވިސްނުނު."

ރިންދާ ހުރީ ފައިސަލްގެ ގޭގައެވެ. ކައިރީގައި ސޯފާހުރި ނަމަވެސް ދެމީހުން ވެސް ތިބީ ކޮޅަށެވެ. ބަހުސް ހޫނުވަމުން ގޮސް، ތެދުވެވުނު އިރު ވެސް އެމީހުންނަކަށް ނޭނގެއެވެ.

"އަހަރެން މި ބުނަނީ އެއީ ރިންދާ ކުރި ކަޑަކަމެކޭ!" ފައިސަލް ވެސް ވާހަކަދެއްކީ މަޑުންނެވެ. "ޒިޔާނަށް ފާޑުފާޑުގެ ޗިޕުނުޖަހާ! އަދި އެ ގޮތަށް ޓަސްލާފަ ޒިޔާނަށް ދެން ލަންޗަށް އިންވައިޓު ވެސް ނުކުރާތި! ފޭސްކުރަން ވަރަށް އުނދަގޫ!"

"ފޭސްކުރަން އަހަންނަށް ވެސް އުނދަގުލޭ!" ރިންދާގެ އަޑު ތަންކޮޅެއް ބާރުވިއެވެ. "ބައްޕައަށް ދޮގުހަދާފަ، މަންމައަށް ދޮގުހަދާފަ، ދައްތައަށް ދޮގުހަދާފަ ދެން ކިހިނެއް އެ މީހުންނާ ފޭސްކުރަނީ؟ އަހަރެން ނުދެނަހުރިން ޒިޔާނާ ވާހަކަދެއްކުން އަހަންނަށް މަނާކަމެއް. ޒިޔާން ކިހާ ވަރަކަށް އަހަންނާ ދުރުކުރަން ތިއުޅެނީ؟" އެ ހިސާބުން ރިންދާ ފެންކަޅިވިއެވެ. "ތިހެން ނަހަދާ ބުނެބަލަ ރިންދާ އައި ގޮތަކަށް ދާށޭ، އޭރުން މަ ހިނގައިދާނަމޭ! ކޮންމެ މީހަކު ވެސް ބޭނުންކެނޑުނީމަ އަހަރެން އެއްލާލާ! އަހަރެންގެ ނޯންނާނެ ހިތެއް ވެސް."

ކަރުނައިގެ ހަތިޔާރު ނެގުމުން ފައިސަލްގެ ހިތް ޒަހަމުވާލެއް އަވަހެވެ. ރިހުން އުފެދޭ ވަރު ވެސް ބޮޑެވެ.

"ތި ވިސްނުން ވެއްޖެ ބަދަލުކުރަން! ސީރިޔަސްކޮށް!" ވިސްނައިދޭ ރާގުގައި ފައިސަލް ބުންޏެވެ. "މީހަކު ރިންދާ އެއްލައެއްނުލައޭ! އާމިރާ ވެސް ބުނަފައެއްނު އޮތީ ރިންދާ ބޭނުން އިރަކު މި ގެއަށް އަންނާށޭ!"

"އާނ އޭރުންތާ ތި ދެ މީހުންގެ ރޮމޭންޓިކް ޑްރާމާ އަހަންނަށް ދެއްކޭނީ،" ރިންދާ ބުންޏެވެ. "ސޮރީ! އަހަންނަކީ އާމިރާއެއް ނޫން. ބަލަން ފޫހިވާ ޑްރާމާއެއް އަހަރެން ނުބަލާނެ. އަހަރެން މަޑަކުން ވެސް ނުހުންނާނެ. ރުޅި ވެސް އަންނާނެ. ޖެލަސް ވެސް ވާނެ. ހެޔޮނުވާނެ ފައިސަލް ކޮންމެ ވެސް އެއްގޮތަކަށް މި ކަން ނިންމާލަބަލަ! އަހަރެން މިހާރު ވަރުބަލިވެއްޖެ!"

"ވިސްނަން ޓައިމް ބޭނުން." ފައިސަލް ދިނީ ކުރިން ވެސް ދޭ ޖަވާބެވެ.

"ކިހާ ޓައިމެއްހޭ ދޭންވީ؟" ރިންދާއަށް ހަޅޭއްލަވައިގަނެވުނެވެ. "ބައްޔެއްނު!"

އެ ވަގުތު ޒިޔާންގެ ކޮޓަރިން ޒިޔާން ބޯދިއްކޮށްލިއެވެ. އޭނަ ހުރީ ނިދާހެދުމުގައެވެ. މޫނުމަތިން ނިދީގެ އަސަރު ފާޅުވާންހުއްޓެވެ. ރިންދާ ރުޅިއައިސްގެން ނުކުމެގެންދިޔައީއެވެ. ފައިސަލް އައިސް ޒިޔާން ގޮވައިގެން ކޮޓަރިއަށް ވަނެވެ.

"މަންމަ ކޮބާ؟" އޮށޯންނަމުން، ނިދިއަޑަކުން ޒިޔާން އެހިއެވެ.

"މަންމަ ވީ ފްރެންޑެއް ފުރުވަން އެއާޕޯޓަށް ގޮސް،" ބާލީސް ރީތިކޮށްލަމުން ފައިސަލް ބުންޏެވެ. "ޝަހާދަތްކިޔައިފިން؟"

އޮށޯތެއްކަމަކު ޒިޔާން ނިދިފިލައިފިއެވެ.

"އާނ!" ޒިޔާން ބުންޏެވެ. އަދި ވިސްނައިލިއެވެ. "ޑެޑީ! ޒިޔާން ހީކުރީ ޑެޑީ ދެކެ ރިންތަ ވަރަށް ލައިކުވާކަމަށް."

"ދަރިފުޅާ ބުނަން ވާހަކައެއް؟" ހީނގެންފައި ފައިސަލް ބުންޏެވެ. "ލައިކުވާ މީހަކާ ދިމާލަށް ހަޅޭކެއް ނުލަވާނެ."

ފުރާގިމަތައަށް އެކުވެރިޔާ ވަނުމުން އާމިރާ ގޮސް ޓެކުސީއަކަށް އެރިއެވެ. ޓެކުސީ ދުއްވައިލިއެވެ. މާލެޔާ ދިމާއަކަށް ނޫނެވެ. ހުޅުމާލެއަށެވެ. އެކުވެރިޔާ ފުރުވުމުގެ އިތުރަށް، އެހެން ކަމެއް ވެސް އާމިރާ އޮތީ ހަމަޖައްސައިފައެވެ. ލިބިފައިވާ މައުލޫމާތު ޑުރައިވަރަށް ކިޔައިދީގެން އާމިރާ ދަތުރުކުރިއެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވެއެވެ. އާމިރާއަށް ހީވަނީ ފައިސަލަށް ޝައްކުވެދާނެހެންނެވެ. ޓެކުސީ ހުއްޓިއެވެ.

"މީ އެ ތަނަކީ،" ޑުރައިވަރު ބުންޏެވެ. "މީ ވަރަށް ޕާޓޭން އުޅޭ ހިސާބެއް. ރައްޓެހިކުއްޖާ އަންނަންދެން އަޅުގަނޑު މަޑުކޮށްލަންތޯ؟"

"ނޫން އޯކޭވާނެ،" ފައިސާދެމުން އާމިރާ ބުންޏެވެ. "ނައްޓާލާ!"

އާމިރާ ފޭބުމުން ވެސް ޑުރައިވަރު ނުގޮސް މަޑުކޮށްގެން އޮތެވެ. ކާރުގެ ލައިޓު ވެސް ނިއްވައެއްނުލައެވެ. ކޮންމެވެސް ނުބައެއްއުޅޭހެން ޑުރައިވަރަށް ހީވީއެވެ. އެހެނަސް، އާމިރާ އަތުގެ އިޝާރާތުން ދާށޭ ބުނުމުން ޓެކުސީ ނައްޓައިލިއެވެ. އާމިރާ ވަށައިގެން ނަޒަރުހިންގައިލިއެވެ. އެ ވަގުތު ފޯނެއްއައެވެ.

"ކޮބާ؟" ފޯނު ނަގައިފައި އާމިރާ އެހިއެވެ.

"ފަހަތްބަލާލަބަލަ!" އޭނަ ބުންޏެވެ.

-ނުނިމޭ-