05 ފެބުރުއަރީ 2017 - 09:02

ލަންޑަން (ފެބްރުއަރީ 5) – އާސެނަލް އަތުން 3-1 އިން މޮޅުވެ ޕްރިމިއާ ލީގު ހޯދުމުގެ ރޭހުގައި ލިބުނު ބޮޑު ކުރިއެރުމާ އެކު ކުޅުންތެރިންނާ މެދު އިތުރަށް ސަމާލުވާނެ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ރޭގެ މޮޅާ އެކު 59 ޕޮއިންޓް ހަމަކޮށް ޗެލްސީ ވަނީ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑު ދަމަހައްޓައިފަ އެވެ. އާސެނަލް ބަލިވުމާ އެކު އެ ޓީމު ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. އާސެނަލަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. ދެ ވަނަ އަށް 50 ޕޮއިންޓާ އެކު އެރީ ރޭ މިޑްލްސްބަރާ އަތުން 1-0 އިން މޮޅުވި ޓޮޓެންހަމް ހޮޓްސްޕާސް އެވެ.
އެކަމަކު ކޮންޓޭ ބުނީ ކުޅުންތެރިޔެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ކުރި ތަޖުރިބާގެ އަލީގައި، ޓްރޮފީ އަތަށް ނުލިބޭހާ ހިނދަކު ލީގު ނިމުނީ ކަމަށް ނުދެކޭނެ ކަމަށެވެ.
"އަހަރެން ޅަ އެއްޗެއް ނާޅާނަން. އަހަރެން ކުޅުންތެރިން އަތުން މީތި ދޫވިޔަކަ ނުދޭނަން. އަހަރެންގެ ސްކޮޑުގައި އެބަތިިބި ވަރަށް ތަޖުރިބާކާރު ކުޅުންތެރިން. އެ ކުޅުންތެރިންގެ ކެރިއަރުގައި ވަރަށް ގިނަ ކާމިޔާބީ ހޯދައިފި. އެ ކުޅުންތެރިންނަށް އެނގޭނެ މިވަގުތާ ހަމަޔަށް އަހަރެމެންނަށް ލީގު ނުލިބޭކަން،" ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ އޭނާގެ ކެރިއަރުގައި ވަރަށް ގިނަ ކާމިޔާބީ ލިބުނު ކަމަށާއި ހަމައެގޮތަށް ވަރަށް ގިނަ ފަހަރު ނާކާމިޔާބު ވެސް ވި ކަަމަށެވެ. ޔުވެންޓަސްއާ އެކު 1995 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކޮންޓޭ ކާމިޔާބުކުރި ނަމަވެސް ޖެހިގެން އައި ދެ ފައިނަލުން އަދި 2003 ވަނަ އަހަރުގެ ފައިނަލުން ވެސް ބަލިވީ އެވެ.
"އަހަރެންގެ ކެރިއަރުގައި، ބާކީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދަން ޖެހިފައި އޮވެމެ ލީގު ކާމިޔާބުކުރިން. ހަމައެގޮތަށް އޮތް ހާލަތެއްގައި އަހަރެމެން އަތުން ލީގެއް ގެއްލުނު ވެސް މެ،" ކޮންޓޭ ބުންޏެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މާކޮސް އަލޮންސޯ އެވެ. އޭނާ މި ގޯލް ބޮލުން ޖެހީ، އެ ބޯޅައަށް އެރީ އާސެނަލްގެ ހެކްޓަ ބެލެރިންގެ ކޮނޑުމަތީގައި އަތްއަޅާ ކޮއްޕާ ވައްޓާލުމަށް ފަހު ކަމަށް ބުނެ އާސެނަލުން މައްސަލަ ޖެއްސި އެވެ. އެއީ ސަތޭކަ ޕަސެންޓް ފައުލެއް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނިއިރު ކޮންޓޭ ބުނީ ޕްރިމިއާ ލީގުގައި އެއީ ރަނގަޅު ގޯލެއް ކަމަށެވެ. ކޮންޓޭ ބުނީ ދެ ކުޅުންތެރިން ވެސް އަރަނީ ބޯޅައަށް ކަމަށާއި ބެލެރިން އަށް ވުރެ މައްޗަށް އަލޮންސޯ ފުންމައިގެން އަރައި ގޯލް ޖެހީ ކަމަށެވެ. އަދީ ޕްރިމިއާ ލީގަކީ ފިޒިކަލް ލީގެއް ކަަމަށް އިޝާރާތްކޮށް ކޮންޓޭ ބުނީ އިޓާލިއަން ލީގުގައި ނަމަ މިއީ ފައުލެއް ކަަމަށް ވެދާނެ ކަމަށެވެ.
ޗެލްސީގެ ދެ ވަނަ ލަނޑު 53 ވަނަ މިނެޓުގައި އެޑިން ހަޒާޑް ޖެހިއިރު ތިން ވަނަ ގޯލް 85 ވަނަ މިނެޓުގައި ޖެހީ ސެސް ފެބްރިގާސް އެވެ. އާސެނަލްގެ ހަމައެކަނި ލަނޑު 90 ވަނަ މިނެޓުގައި ވައްދާލީ އޮލިވާ ޖިރޯ އެވެ.
"އަހަރެމެން ޑިފެންސްގައި ދިޔައީ ވަރަށް ދަށްކޮށް. އަހަރެމެން އަތުން މާގިނައިން ބޯޅަ ގެއްލުނީ. ޗެލްސީ ފެނުނީ ވަރަށް އޯގަނައިޒްކޮށް. ކައުންޓާ އެޓޭކުގައި ވަރަށް ރަނގަޅަށް ޗެލްސީ ކުޅުނު،" ސަސްޕެންޝަނުގެ ސަބަބުން ކުޅިބަލާ މީހުންގެ ތެރޭ ހުރެ މެޗު ބެލި އާސެނަލްގެ ކޯޗު ވެންގާ ބުންޏެވެ.