ސީސްޕޯޓްސް ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ބުދަ ދުވަހު ފަށަނީ
ސީސްޕޯޓްސް ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ބުދަ ދުވަހު ފަށަނީ

މިއަހަރުގެ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ބުދަ ދުވަހު ފަށަން ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ތައްޔާރު ވެއްޖެ އެވެ.

މިދިޔަ އަހަރު ފެށި ޖޫނިއާ ޗެމްޕިއަންޝިޕްގެ މިއަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްއެސްއޭ އިން ވަނީ ސީގަލް ގްރޫޕު ޕްރައިވެޓް ލިިމިޓެޑުން ހިންގާ ސީ ސްޕޯޓްސް ހަމަޖައްސައި، މިދިޔަ މަހު އެކަން އިއުލާން ކޮށްފަ އެވެ.

އަންނަ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންދަން ހަމަޖައްސާފައިވާ މުބާރާތުގައި މިއަހަރު ޖުމްލަ 16 ރާޅާއެޅުންތެރިން ވާދަކުރާނެ އެވެ. މިއަހަރުގެ މުބާރާތުގައި ވެސް 14 އަހަރާއި 16 އަހަރު އަދި 18 އަހަރުން ދަށުގެ އުމުރުފުރާ ހިމެނެ އެވެ. އަދި ކޮންމެ އެތުލީޓަކަށް ވެސް ދެ ކެޓަގަރީއެއްގައި ވާދަކުރުމުގެ ފުރުސަތު އޮވެ އެވެ.

• 18 އަހަރުން ދަށުގެ ބައިވެރިން: ޝާނިފް ޝަފީގު، މުހައްމަދު ޒަޔާން، ސައްޔިދު ސަލާހުއްދީން، ރާއިން ހާޝިމް، މުހައްމަދު އިނާން އަބްދުލް ހަންނާން، އަހުމަދު ލުޒޭން، އަހުމަދު ނިހާލް، އަހުމަދު ޒަޔާން

• 16 އަހަރުން ދަށުގެ ބައިވެރިން: ޔަސީން އަހުމަދު ނާޝިދު، ނޫހު މުހައްމަދު ދުނައިމް އިރުޝާދު، ކަޔާން އަބްދުﷲ އަރީފް، ސައްޔިދު ސަލާހުއްދީން، ޔޫސުފް ކަޔާން ހަމްދާން ޒަކީ، ރާއިން ހާޝިމް، މުހައްމަދު އިނާން އަބްދުލް ހަންނާން، އަހުމަދު ލުޒޭން، އަހުމަދު ނިހާލް، އަހުމަދު ޒަޔާން، އަހުމަދު އާލް އާދިލް، މުހައްމަދު ސާއި އަހުމަދު ޝިބާއު

• 14 އަހަރުން ދަށުގެ ބައިވެރިން: ޔަސީން އަހުމަދު ނާޝިދު، ނޫހު މުހައްމަދު ދުނައިމް އިރުޝާދު، ކަޔާން އަބްދުﷲ އަރީފް، ޔޫސުފް ކަޔާން ހަމްދާން ޒަކީ، އަހުމަދު އާލް އާދިލް، މުހައްމަދު ސާއީ އަހުމަދު، މުހައްމަދު ސާއި އަހުމަދު ޝިބާއު

މިއަހަރުގެ މުބާރާތުން ވެސް އެކި އުމުރުފުރާތަކުން ވަނަތަކަށްދާ ރާޅާއެޅުންތެރިންނަށް އަންނަ އަހަރުގެ ގައުމީ ޖޫނިއާ ސާފިން ޓީމުން ފުރުސަތު ލިބޭނެ އެވެ.

މިދިޔަ އަހަރުގެ ޖޫނިއާ ޗެމްޕިއަންޝިޕްގައި 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. އަދި 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ޔަސީން އަހުމަދު ނާޝިދު ހޯދި އިރު، 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އަހުމަދު އަމީރެވެ.

މިއަހަރުގެ މުބާރާތުގައި ކަޔާން ޒަކީ އާއި ޔަސީން ވެސް 14 އަހަރާއި 16 އަހަރުން ދަށުގެ ކެޓެގަރީގައި ވާދަ ކުރާނެ އެވެ. މިދިޔަ އަހަރަކީ އަމީރު، ޖޫނިއާ ކެޓެގަރީގައި ވާދަކުރެވޭ ފަހު އަހަރެވެ.