19 ސެޕްޓެމްބަރ 2023 - 12:27

ހައި ކޯޓުގެ ފަނޑިޔާރެއް ޗުއްޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު ޝަރީއަތް އަނެއްކާވެސް ލަސްވާނެ ކަމަށް ބެލެވޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފަނޑިޔާރަކު ޗުއްޓީ އަށް ވަޑައިގަންނަވާ ކަމަށް އެ ޕާޓީން ބުނި ނަމަވެސް، އެކަން ކޯޓުން ދޮގުކުރެ އެވެ. ހައި ކޯޓުން ބުނީ 23 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރަކު ޗުއްޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ނެތް ކަަމަށާއި 23-25 އަށް ފަނޑިޔާރެއްގެ ރަސްމީ ދަތުރެއް ރޭވިފައިވާ ކަމަށެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރީ ފެބުރުއަރީ މަހު އެވެ.
މައްސަލަ ހައި ކޯޓުގައި ކުރިއަށް ދަނިކޮށް ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީ އަށް ވަޑައިގެންނެވުމުން މައްސަލާގެ އަޑުއެހުންތައް މަޑުޖެހުނެވެ. އޭގެފަހުން މައްސަލާގެ އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް އަނެއްކާވެސް ވަނީ އަޑުއެހުންތައް މަޑުޖެހިފަ އެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ހައި ކޯޓަށް މިއަދު ވަޑައިގެން ޝަރީއަތް އަވަސްކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް، ހައި ކޯޓުން ލިބުނު މައުލޫމާތުން ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ވެސް އަޑުއެހުމެއް ބޭއްވޭނެ ކަމަކަށް ނުބެލެވޭ ކަމަށް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.
"މައުލޫމާތު ލިބުނު ގޮތުގައި ބެންޗުގައި ހިމެނޭ އެއް ފަނޑިޔާރަކު 23 ވަނަ ދުވަހުން ފެށިގެން އެބަ ޗުއްޓީ ނަންގަވާ. އަދި 25 އިން ފެށިގެން ހައި ކޯޓުގެ ބޭފުޅުން ރަސްމީ ދަތުރުފުޅެއްގަ އެބަ ވަޑައިގަންނަވާ. އެހެންވީމަ މި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިއަށް ބަލާއިރު ނެތޭ ރައީސް ޔާމީންގެ މައްސަލަ ތާވަލުކުރުމަށް ބަލާފައެއް،" ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
ހައި ކޯޓުގެ ބޭރުގައި ނޫސްވެރިންނަށް ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިއީ ސަރުކާރުން ރާވައިގެން ޔާމީނަށް ގަސްތުގައި އަނިޔާ ދިނުމަށް ހިންގާ ކަމެއް ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން އެނގުނު ކަމަކީ ގިނަ ރައްޔިތުން ބޭނުން ވަނީ ޔާމީން މިނިވަން ކުރަން ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ޝަރުއީ ދާއިރާގެ ބޭފުޅުން ވެސް އިސްކަން އެބަ ދެއްވަންޖެހޭ ކަންނޭނގެ ރައްޔިތުންގެ ބަހަށް. ރައްޔިތުންގެ ބަސް އެބަ އަޑުއަހަން ޖެހޭ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން. އިންތިހާބުން ވަރަށް ސާފު ރައްޔިތުންގެ ވިސްނުން ހުރި ގޮތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް އެންމެ ފަހުން އޮތީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.
އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ވެސް ޝަރީއަތެއް ހިނގަމުންދެ އެވެ.