ޑިމޮކްރެޓްސް 13 މެންބަރުންނާ އެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް
ޑިމޮކްރެޓްސް 13 މެންބަރުންނާ އެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް

އަލަށް އުފެއްދި ޑިމޮކްރެޓްސް އަށް ސޮއިކުރި ހުރިހާ މެންބަރުން މަޖިލީހުގެ ދަފްތަރުގައި ހިމެނުމާ އެކު، މައިނޯރިޓީ ޕާޓީއަށް އެ ޕާޓީ ވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމްޑީޕީން ވަކިވެ، މިހާރު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވާ 13 މެންބަރުން އެކަން ރަސްމީކޮށް މަޖިލީހަށް އަންގާފައިވާ ކަމަށާއި އެ މެންބަރުން މަޖިލީހުގެ ދަފްތަރުގައި ހިމަނައިފައިވާ ކަމަށެވެ.

އެ މެންބަރުން މަޖިލީހުގެ ދަފްތަރުގައި ހިމެނުމާ އެކު، ޑިމޮކްރެޓްސް ވެފައިވަނީ މަޖިލީހުގައި ދެ ވަނައަށް އެންމެ ގިނަ މެންބަރުން ތަމްސީލްކުރާ ޕާޓީއަށެވެ. އެ ޕާޓީގެ ޕީޖީ ގުރޫޕް އެކުލަވާލައި، ޕީޖީ ލީޑަރަކަށް މެދުހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އިންތިހާބުކޮށްފަ އެވެ. އެހެންވެ އާޒިމަކީ މިހާރު މަޖިލީހުގެ މައިނޯރިޓީ ލީޑަރަށެވެ.

މަޖިލީހުގައި މިހާތަނަށް މައިނޯރިޓީ ޕާޓީ އަކީ ޕީޕީއެމް އެވެ. މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.

މަޖިލީހުގެ ދަފްތަރު މިހާރު އެކުލެވިގެންވަނީ އެމްޑީޕީގެ 56 މެންބަރުން، ޑިމޮކްރެޓްސްގެ 13 މެންބަރުން، ޕީޕީއެމްގެ ތިން މެންބަރުން، ޕީއެންސީގެ ތިން މެންބަރުން، އެމްއެންޕީގެ ތިން މެންބަރުން، އެމްޑީއޭގެ ދެ މެންބަރުން، ޖޭޕީ ދެ މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތިން މެންބަރުންގެ މައްޗަށެވެ.

މި ބަދަލާއެކު، މެންބަރުންގެ ބަހުސްގެ ވަގުތަށް އައި ބަދަލާއި ދާއިމީ ކޮމިޓީތަކަށް އަންނާނެ ބަދަލު ފާސްކުރަން ހުށަހަޅާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށް ފަހު ގިނަ މެންބަރުން އެކަން މަޖިލީހަށް އަންގާފައިނުވާތީ ދާއިމީ ކޮމިޓީގެ މައްސަލަތައް އެކުލަވާލުމުގެ މައްސަލަ އޮތީ ދިގުލައިގެން ގޮސްފަ އެވެ. ދާއިމީ ކޮމިޓީތަކުގައި ޕާޓީތައް ނިސްބަތްވާ ގޮތަށް ބަދަލު ނުގެނެވި، ކޮމިޓީތަކާ އެކު މަޖިލީހުގެ މަސައްކަތްތައް ވެސް ހުއްޓިފައި އޮންނަތާ އެތައް މަހެއް މިހާރު ވަނީ ވެފަ އެވެ.