18 ސެޕްޓެމްބަރ 2023 - 23:53

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ކާމިޔާބުކޮށްފިނަމަ، ގައުމު ބަނގުރޫޓުވެ އަނދަވަޅަކަށް ވެއްޓޭ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މާފަންނު ސަހަރާ ކަންމަތީގައި މިރޭ ބޭއްވި ކެމްޕޭނު ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހުމުގެ ކަންކަން ކުރައްވަނީ "ފައިސާ ފޮތީގެ ދެ ފުށް" އޮންނަކަން އެނގިވަޑައިގެން ކަމަށާއި "އެއް ފުށް ފެންނަ ބަޔަކަށް" އިގްތިސޯދު ނުދެމެހެއްޓޭނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ސަރުކާރަށް ބޭރުގެ އެހީއާއި ލޯނު ލިބެނީ އެ ޕާޓީީން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުންނެވެ.
އިދިކޮޅު ވެރިކަމުގައި ހާރިޖީ ސިޔާސަތު ހުރި ގޮތް 2013 އިން 2018 އަށް ފެނިގެން ދިޔަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން އެދިގެން މާލީ އެހީ ދޭނެ ބައިނަލްއަގްވާމީ އެތައް ފަރާތްތަކެއް މިއަދު ވެސް އެބަ ތިބި ކަމަށެވެ.
"އަޅުގަނޑުމެންނަށް [އެހީ ދެނީ] އެ ފައިސާ ދެއްކޭނެކަން އެބޭފުޅުންނަށް އެނގޭތީ. މިއަދު އަޅުގަނޑުމެންނަށް މި އިންތިހާބު އަދި ކުރެވޭ ކަމަކުން ގެއްލިއްޖެ ނަމަ މި ގައުމު ބަނގުރޫޓުވެގެން ދާތަން އަޅުގަނޑަށް ފެނޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމު ބަނގުރޫޓުވުމުގެ ފުރުސަތު ނުދެއްވާނެ ކަަމަށާއި ރިޔާސީ އިންތިހާބުގެ ދެ ވަނަ ކާމިޔާބު ކުރައްވާނެ ކަމަށެވެ.