18 ސެޕްޓެމްބަރ 2023 - 23:15

ވެރިކަމުގައި ހުންނެވިއިރު، ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިފައި ނޯންނާނެ ކަމުގެ ޔަގީންކަން ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ދެއްވައިފި އެވެ.

މާފަންނު ސަހަރާ ކަންމަތީގައި މިރޭ ބޭއްވި ކެމްޕެއިނު ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އަމިއްލަ މަންފާއަށް އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށާއި އެފަދަ ތުހުމަތެއް ވެސް ކުރެވެން ނޯންނާނެ ކަމަށެވެ.

"ޔަގީންކޮށް މި އަރުވަނީ ދައުލަތުގެ ލޯ ލާރިއެއްގައި ވެސް އަޅުގަނޑު ނުޖެހޭނެ ވާހަކަ. މިއަދު ވެސް ބައްލަވަން ވީ، އަޅުގަނޑު ވެރިކަމުން ފޭބީމާ ވެސް ބައްލަވަންވީ. ޔަގީން ކޮށް މި ދަންނަވަނީ އަޅުގަނޑާ ދޭތެރޭ ތުހުމަތު ކުރާނެ ކަމެއް ވެސް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
"އޭސީސީއާ ތަންތަަނަށް ހުށަހަޅުއްވާ ކަމެއް އޮވެއްޖެއްޔާ. އަޅުގަނޑުމެންގެ ތެރެއަކު ނޯންނާނެ."
ވާދަވެރިންނަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހުމުގެ ކަންކަން ކުރައްވަނީ "ފައިސާ ފޮތީގެ ދެ ފުށް" އޮންނަކަން އެނގިގެން ކަމަށާއި "އެއް ފުށް ފެންނަ ބަޔަކަށް" އިގްތިސޯދު ނުދެމެހެއްޓޭނެ ކަމަށެވެ.
އެކުގައި ތިއްބެވި ކޯލިޝަން ލީޑަރުންގެ ތެރޭގައި ޓޫރިޒަމްގެ އެންމެ އިސް ބޭފުޅުން ތިއްބެވި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިޔާސަތުތައް ކަނޑައަޅުއްވަނީ އެ ބޭފުޅުންގެ މަޝްވަރާއާ އެކު ހުރިހާ ރައްޔިތުންނަށް ފައިދާ ވާ ގޮތަށް ކަމަށެވެ. އަދި، ކޯލިޝަންގެ ތިން ޕާޓީގައި ވެސް އޮތީ އެއް މަގުސަދެއް ކަމަށާއި އެއީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމުގައި ވިދާޅުވި އެވެ.
މި އިންތިހާބު ގެއްލި މި ސަރުކާރު ވެރިކަމުން ފައިބައިފިނަމަ، ރައީސް ވިދާޅުވި ގޮތުގައި މި ރާއްޖެ ބަނގުރޫޓުވާ މަންޒަރު ފެނިވަޑައިގަންނަވަ އެވެ.
ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ ދެވަނަ ބުރުގައި ވޯޓު ލާން ރީ-ރެޖިސްޓްރީ ކުރި މީހުންގެ އަދަދު އިތުރުވާތީ އިދިކޮޅުން ސުވާލު އުފާއްދާތީ އެކަމަށް ވެސް ރައްދު ދެއްވައިފަ އެވެ. މިއީ ފުރަތަމަ ބުރުގައި އެކި ސަބަބުތަކާ ގުޅިގެން ވޯޓު ނުލާ ތިބި މީހުން، އެމްޑީޕީގެ މަސައްކަތުން ހޯދާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ، އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަނީ އެ ކަން އެނގޭތީ ކަމަށް ވިދާޅުވެ ފުރަތަމަ ބުރު ނިމިގެން ދިޔައިރު ވެސް ސުވާލެއް އުފައްދާފައިނުވަނީ ކީއްވެތޯ ސުވާލުކުރައްވައިފަ އެވެ.
"މިއަދު އިލެކްޝަނަށް ގޮސް އެ އެދެނީ ލިސްޓު ދޭށޭ، ތިމަންނަމެން ބަލަން ބޭނުމޭ، ބަލަ އެ މީހުން ވެސް މަސައްކަތް ކުރިނަމަ އެކަން ވާނެ ނޫންތޯ، ގައިމު ވެސް އަޅުގަނޑުމެން ތެރެއިން އެކަކު ވެސް ނުދޭ ލިސްޓު ހޯދާކަށް،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީ އޮތީ ހަމަޖެހިގެން ކަމަށާއި މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.