ހޮނު
ހޮނު

ނަވާރަ ސަތޭކަ ތޭވީސްވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަންސަވީސްވަނަ ދުވަހުގެ ރެއެވެ. ފަހުމީގެ އުމުރުން އޭރު ތިރީސް ފަސް އަހަރެވެ. އެ ރެއަކީ އާދަޔާ ޚިލާފަށް ވައި ބާރު ރެއެކެވެ. ފަހުމީގެ އަންހެނުން އައިމިނަ އޮތީ ބިއްދޮށަށް އެނބުރިގެން ގަދަ ގުގުރީގައެވެ. ފަހަކަށް އައިސް އައިމިނަގެ ނިދި އިންތިހާއަށް ގަދައެވެ. ގަޑިން އޭރު މެންދަމު ދޭއްޖަހައިފިއެވެ. ފަހުމީގެ މުޅި ހަޔާތުގައި ވެސް، މާލެއަށް އެ ފަދަ ވިއްސާރައެއް ނުކުރެއެވެ. ވައިޖެހޭލެއް ބާރުކަމުން ހީވަނީ ގޭގެ ފުރާޅު އެއްލައިލަފާނެހެންނެވެ. ގޯތިތެރޭގައި ހުރި ބޮޑެތި ގަހުގެ އޮފިތައް އިރައިގެންދާ އަޑާއި، ކުރުނބާތައް ބިމަށް ފައިބާ އަޑު އިވެއެވެ. ގޭގޭގެ ޓިނުތަކާއި އީޓުތައް އުކާލާ އަޑާއި، ޖަހާލާ ގުގުރީގެ އަޑު އެހާ ގަދައެވެ. ކިޔާ އަޑުފައްގަނޑުން ނިދޭވަރެއް ނުވިއެވެ. ވިދުވަރުގެ އަލި ކަނޑައިގެން ނުދެއެވެ. ހޮނުއެޅި އަދަދެއް ނޭނގެއެވެ. ދެން ވާނީ މަޑޭ ހީކޮށް ހެޔޮ އެއްޗެހި ކިޔަކިޔާ ފަހުމީ އޮއްވައި، އިހުނަށް ވުރެ ވައި ގަދަވިއެވެ. އޭރު ގަޑިން ހަތަރުގަޑި ބައިވެއްޖެއެވެ. ގެގަނޑު ބޯމައްޗަށް ވެއްޓިދާނެކަމުގެ ބިރަށްޓަކައި، އެނދުން ތެދުވެގެން ފަހުމީ ނުކުތެވެ. ގޯތިތެރެއެކޭ ކުނިގޮނޑެކޭ އެއްފަދައެވެ. އެގޮތަކުންމިގޮތަކުން މަގުމައްޗަށް ނުކުތެވެ. ކުރިމަތިން ފެންނަންއޮތީ، ހުޅިނަގައި ރާޅުބިންދަމުންދިޔަ ގޮނޑުދޮށެވެ. ފަހުމީއަށް ދެން ފެނުނީ ހައިރާންވާ ކަހަލަ މަންޒަރެކެވެ. ދުނިޔެމައްޗަށް ވެރިވެފައިއޮތީ ޒާތެއްގެ ދަނބުކުލައެކެވެ. ކުލަ އެންމެ ގަދައީ ދެކުނު ހުޅަނގު ފަރާތު އުދަރެހުގައެވެ. ފަހުމީ ދުއްވައިގަތީ ގަނޑުވަރާ ދިމާއަށެވެ. ތެޅެމުންފޮޅެމުން ގޮސް ގަނޑުވަރުގެ ދޮރުމައްޗަށް ހުއްޓުނެވެ. ދޮރުފާރަވެރިއަކަށް ހުރީ ޢަލިފުޅެވެ. ފަހުމީގެ ބޮޑުބޭބެއެވެ.

"ބޮޑުބޭ ކަމަކުދާކަށް ނެތް،" މައިނޭވާލެވިފައި ފަހުމީ ބުންޏެވެ. "ކިލެގެފާނުންގެ ފައިންޕުޅު ފެންނާނެގޮތެއް ހަދައިދީ."

ޢަލިފުޅު ދެ ފަޔަށް ބާރުލައިފައި ދުއްވައިގަތެވެ. އެއީ، ރަންނަބަނޑޭރި ކިލެގެފާނު ފަތިސްނަމާދުން ފައިބައިވަޑައިގެންނެވި ވަގުތެވެ. ފަހުމީގެ ވާހަކަ ދެންނެވުމުން ކިލެގެފާނު ފެންޑާއަށް ނުކުމެވަޑައިގަތެވެ. އޭރު އެހެން މީހަކު ވެސް ހަމަ އެ ޚަބަރައިގެން ކިލެގެފާނުގެ އިންތިޒާރުގައި ހުއްޓެވެ. ހުޅަނގުފަރާތު މެދުއުޑު އޭރު އޮތީ ރަތްކުލައަކަށް ބަދަލުވެފައެވެ. ކިލެގެފާނު އަވަހަށް ވަޑައިގަތީ އުއްތަމަފަނޑިޔާރު އަރިއަހަށެވެ.

"ހުސެއިން ކޮއްކޯ!" ކިލެގެފާނު ދެންނެވިއެވެ. "އަވަހަށް މެދުޒިޔާރަތްދޮށަށް ހިންގަވާ! އަހަރުމެން ދުވަހަކު ވެސް ނުދެކޭވަރުގެ ވިއްސާރައެއް ބޯމަތިކޮށްފި!"

ދެ ބޭފުޅުން އެކުގައި ހިންގަވައިވަޑައިގަތުމުން، ސައްޔިދުކިލެގެފާނާއި އެ ކިލެގެފާނުންގެ އަރިހުގައި ތިއްބެވި ހައެއްކަ މުދިންބޭކަލުން ވެސް ވަޑައިގަތެވެ. މެދުޒިޔާރަށްދޮށަށް ވަޑައިގެން ދުޢާފުޅު ކުރެއްވުމަށްފަހު އެ ބޭކަލުން ހުކުރުމިސްކިތަށް އަރައިވަޑައިގެން ނަމާދުފުޅެއް ކުރައްވައި ދުޢާފުޅެއް ވެސް ކުރެއްވިއެވެ. އެ ޖަމާޢަތުގައި ފަހުމީ ވެސް ބައިވެރިވިއެވެ. ނަމާދުން އަވަދިވެގެން ފަހުމީ ހިނގައިގަތީ ގެއާދިމާއަށެވެ. ކުއްލިއަކަށް ވައިރޯޅި މަޑުވިއެވެ. ވާރޭ ހުއްޓައިލިއެވެ. އެއީ ހައިރާންވާ ކަހަލަ ގޮތަކަށް ވީކަމެކެވެ. ވެއްޓިފައިވާ ގަސްތަކުން ނެއްޓެމުން، ބައެއްފަހަރު ހަތަރެސްފައި ޖަހައިގެން ކަހަލަ ގޮތަކަށް ވެސް ފަހުމީ ހިނގަންޖެހުނެވެ. އެހެން އުޅުމުގެ ތެރޭގައި ގަހެއްގައި ނިކަން ބާރަށް ފަހުމީގެ ބޯޖެހުނެވެ. ގެއަށް ވަންއިރު އައިމިނައެއް ނެތެވެ. ގޮވައިގޮވައި އަޑެއް ވެސް ނީވުނެވެ. ގޯތީގައި ހެދިފައިވާ ފެންގަނޑުގައި "ފަތައިފައި ގޮސް" ގެއަށް ވަންއިރު މުޅި ގޭގައި އޮތީ ކަށިމައްޗާ ހަމައަށް ފެންބޮޑުވެފައެވެ. ފެނު އަޑީގައި ހުރި އެއްޗެހި ހުރީ ބޭނުން ނުކުރެވޭ ވަރު ވެފައެވެ. ފެންމަތީގައި ހުރި އެއްޗެހި އޮޔާ ގޮސް ނިމިއްޖެއެވެ. އައިމިނަ އޮތީ ބިއްދޮށަށް އެނބުރި ނިދައިފައެވެ.

"އައިމިނާ!" ފަހުމީ ހަޅޭއްލަވައިގަތެވެ.

އައިމިނަ ކުއްލިއަކަށް އެނބުރުނެވެ. ދެ ލޯ ބޮޑުކޮށްލައިފައި ފަހުމީއަށް ބަލައިލިއެވެ. އެ ބެލުމަކީ ވެސް ފަހަކަށް އައިސް އައިމިނަގެ ކަށީގައި ހިފި ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އަނެއް ކަމަކީ އައިމިނަ ކެއުންބުއިމާ ދުރުވިކަމެވެ. ބަސްމަދުވިކަމެވެ. ކުރިއަށް ވުރެ ކަންނެތްވިކަމެވެ. ގެއިން ނުކުންނަން ބޭނުން ނުވާކަމާއި، ގިފިލީގައި އާދަޔާ ޚިލާފަށް ގިނައިރުވާކަމެވެ.

"ކަލޭ މަދެކެ ރުޅިއަންނަނީ މަށަށް ދަރިއަކު ނުލިބޭތީތަ؟" ވަރަށް ހަރުކަށި ރާގަކަށް އައިމިނަ ސުވާލުކުރިއެވެ. "މަ ދަރިއަކު ވިހާފާނަމޭ. އެކަމަކު، މަދެކެ ކަލޭ ލޯބިވާ ދުވަހަކުން ކަލެއަށް ދަރިފުޅު ގައިގަ އިނގިލި ކުރި ޖައްސައިލެވޭނީ ވެސް."

އައިމިނަ ބުނި އެއްޗެއްގެ މާނައެއް ފަހުމީއަކަށް ނޭނގުނެވެ. ފަހުމީ ގައިގަ އައިމިނަ ލޯބިން ފިރުމައިލި ދުވަހެއް ފަހުމީ ހަނދާނެއް ނެތެވެ. ވީއިރު ފަހުމީ ލޯބި ނުވެގެން އައިމިނައަށް އެ ކަން ބޮޑުވާންވީ ކީއްވެ ހެއްޔެވެ؟

"ބޭކާރު ވާހަކަނުދައްކާ ފެންހިއްކަން ހިނގާ!" އަމުރުވެރި ރާގަކަށް ފަހުމީ ބުންޏެވެ.

"ތަންކޮޅެއް ލޯބިން ބުނެބަލަ!" އައިމިނަ ލާނެތް ރާގެއްގައި ބުންޏެވެ.

ރުޅިއައިސްފައި ހުރެފައި އެހާ އަވަހަށް ލާނެތްވުމަކީ އައިމިނަގެ ކިބައިގައި ހުންނަ ހުނަރެއް ނޫނެވެ.

"ތީ ހަމަ މަގޭ އައިމިނަތަ؟" ޝައްކުގެ ރާގެއްގައި ފަހުމީ އަހައިލިއެވެ.

ގަދަފަދަ ގުގުރިއެއް ޖަހައިލައިފައި އަނެއްކާ ވެސް ކުރިން ވެހުނު ވަރަށް ވާރޭ އޮއްސައިލިއެވެ. ވައި ގަދަވިއެވެ. އެ ފަހަރު ހޮނުއެޅީ ގޯތީގައި ހުރި އެންމެ ދިގު ރުކަށެވެ. ރުށް މެދުން ބިންދައިގެން ވެއްޓުނުއިރު ބިންގަނޑަށް ލޮޅުންއަރައިގެންދިޔައެވެ. ފަހުމީ ދިޔައީ ސިއްސައިގެންނެވެ. އައިމިނައަށް އަޑެއް އިވުނުހެން ވެސް ހީނުވެއެވެ.

މުޅި ދުވަހު ގަދަފަދަ ވަޔާ އެކުގައި ވާރޭ ވެހުނެވެ. މަޑުވާން ފެށީ އިރު އޮއްސެނިކޮށެވެ. ގޭގެއާއި މަގުތަކުގައި ފެންގަނޑު ބޮޑުވެ ގަސްތައް މުލުންލައިފައިވާތީ، މަގުތަކުގައި ހިނގައިއުޅުމަކަށް ކުޅަދާނަވާ ވަރެއް ނޫނެވެ. ފަހުމީ އުޅުނީ ގޯތިތެރެ ސާފުކުރުމުގައެވެ. އައިމިނަ ވަރަށް އެހީވިއެވެ. އެއީ ވެސް ކުރިން އައިމިނަގެ ހުންނަ ސިފައެއް ނޫނެވެ. ފަހުމީ މަސައްކަތެއް ކުރަންޏާ އައިމިނަ އޮންނާނީ ޖޯލީގައި އޮށޯވެގެންނެވެ. އުނަގަނޑެއް ނުވަތަ އަރިކަށްޓެއްގައި ރިއްސާތީއެވެ. ކިތަންމެ ލޯބިން ކައިވެނިކުރި ނަމަވެސް، ދަރިއަކު ނުލިބޭތީ އެ ކައިވެނީގައި ވަނީ ގަދަފަދަ ލައްގަނޑެއް ޖެހިފައެވެ.

ފަހުމީގެ ބޮލުގައި ރިއްސަންފެށިއެވެ. ލޮލުގައި ކުޑަ ފުސްކަމެއް އުފެދުނެވެ. ގެއަށް ވުރެ ގިނަ ވަގުތު ފަހުމީ އުޅެންޖެހުނީ ބަނދަރުމަތީގައެވެ. ރައްޔިތުންނާ އެކުގައެވެ. އުތުރު ހަޅައިގެ ދުވަސްވަރަށް ވީތީ، ބަނގަލާފަހަރު އަޅައިފައި ހުރީ އިރުވައި ބަނދަރުގައެވެ. ހަތް ބޯޓު އޮތެވެ. އޭގެތެރެއިން ހަތަރު ބޯޓަށް ވީ ގޮތެއް ނޭނގެއެވެ. އެއީ، މޫސާބަހާއީ ޝައިޚް ހިބަތުއްﷲ ބަހާއީގެ ގަންޖާ ޢަލީ މަދަދާއި، ޖީވަންޖީ ނޫރު ބަހާއީގެ ގަންޖާ މަޖިލީހާއި، އީޖީ އާދަމް ޢަލީގެ ހާޖީ ގަންޖާއާއި، އެން އާދަމްޖީގެ ޖަލްސާއެވެ. ޢަލީ މަދަދާއި މަޖިލިސް އޮތީ ކަރަންޓީނުގައެވެ. ޖަލްސާ އެރީ ދޫނިދޫ ދެކުނު ފަރާތު ފަރަށެވެ. ހާޖީ ގަންޖާ ވިހަމަނާފުށީ ފަރުގައި ޖެހިފައި ނައްޓައިލައިގެން ދިޔައީއެވެ. މަޖިލިސް ޖެހުނީ ފުރަންނަފުށީ ތޮށީގައެވެ. ޢަލީ މަދަދު ޖެހުނީ ހުޅުލެއާ ގާދުއާ ދޭތެރޭގައެވެ.

ފަހުމީ ނިދަން ގެއަށް އައީ އެ ރޭ ދަންވަރުއެވެ. އޭރު ވާރޭ ހުއްޓައިލައިފިއެވެ. ވައި މަޑުވެ ކަނޑު ވެސް މަޑުވެއްޖެއެވެ. ނިދާލެވޭ ވަރަށް ގޭތެރެ ހަންމަތަ ކުރުމަށް ފަހު އެނދުގައި ޖައްސައިލިތަނާ ނިދުނީއެވެ. ދޭތެރެއަކުން ސިއްސައިގެން ގޮސްފައި ހޭލެވެއެވެ. އައިމިނައަށް ބަލައިލާއިރު އޭނަ އޮންނަނީ ދެ ލޯ ދެ ކާށްޓަށް ހަދައިގެން ފަހުމީއަށް ބަލަހައްޓައިގެންނެވެ. އައިމިނަގެ އެ އަޖައިބެއް ފަދަ މިޒާޖުގެ ޙަޤީޤަތެއް ފަހުމީއަކަށް ނޭނގެއެވެ.

މަގުތަކުން ފެންގަނޑު ހިނދުނީ ހައެއްކަ ދުވަސް ފަހުންނެވެ. ގޭގޭގައި އުނދުނަށް އަލިފާން ލެވޭނެ ފަދަ ގޮތެއް ނެތިގެން ބަނޑޭރިގެއިން ބޮޑުސަމާވަރުގައި ސައި ކައްކައިގެން ބަނޑޭރި ބޭކަލުން ގޭގެއަށް ސައި އުފުލައިދިނެވެ. ފަހުމީގެ ގެއަށް އައީ ޖަމީލެވެ. އޭރު ވެސް ފަހުމީ އުޅުނީ ލޯމައްޗަށް ފުސްއަރާތީ އެ ކަން ރަނގަޅު ނުވެގެންނެވެ. ޖަމީލުގެ ކާފައަކީ ދިވެހިބޭހަށް މަޝްހޫރު މީހެކެވެ. އެހެންނަމަވެސް، ޖަމީލު މަޝްހޫރުވެފައިވަނީ ރޯނުއެދުރެއްގެ ގޮތުގައެވެ.

"ތީ އެއްވެސް ކަމެއް ނޫނެއްނު!" ޖަމީލު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ތި ވާނީ ބޯ ޖެހުނު ގޮތަކުން ވީ ކަމެއްކަމަށް. މުށިމަހުގަ ގަރުދިޔަ ކައްކައިފަ އޭގެ ލޯ ކެއީމަ ތި ކަން އިސާހިތަކު ރަނގަޅުވެދާނެ. މީ ހަމަ މުޖައްރިބު ފަރުވާއެއް."

ޖަމީލުގެ ވާހަކައަށް ފަހުމީ މާ ބޮޑު އިތުބާރެއް ނުކުރެއެވެ. އެކަމަކު ދިން ޔަގީންކަމެއްގެ ބޮޑުކަމާއި، އެ ކަމުން ވާނެ ގެއްލުމެއް ނެތުމުން ތަޖުރިބާކޮށްލަން ބޭނުންވިއެވެ. ކަންދިމާކުރި ގޮތުން، ވިއްސާރަ އަލިވުމާއެކު ފަޅުތެރެއަށް ބޮޑު މުށިމަސްގަނޑެއް ވެސް އޮތީ ވަދެފައެވެ. އަތިރިމައްޗަށް ދިޔުމުން ހިލޭ ވެސް މަސް ލިބެއެވެ.

ފަހުމީ ފުރަތަމަ ގެނައީ ފަސް މުށިމަހެވެ. ގަރުދިޔަ ކައްކައިފައި މަސްތައް ގެނައިއިރު ދެ މަހުގެ ލޮލެއް ނެތެވެ. މަސްތައް ކެނޑީ ފަހުމީއެވެ. އެކަމަކު، ކެއްކުމުގެ ތެރޭގައި ވެސް ލޯ ވަކިވެދާނެއޭ ހިތަށްއެރިއެވެ. ދެވަނަ ދުވަހު ހަ މުށިމަސް ގެނައެވެ. އެ ފަހަރު ތިން މަހަކު ލޮލެއް ނެތެވެ. އައިމިނަޔާ ސުވާލު ކުރުމުން ލިބުނީ ފަހުމީ ހީ ވެސް ނުކުރާ ކަހަލަ ޖަވާބެކެވެ.

"ބައެއް މަސްމަހުގެ ލޯ ގިރި ހުސްވާނެ،" އައިމިނަގެ އަޑުގައި ހުރީ ސާބިތުކަމެވެ. "ލޮލަކީ ފެން. އެކި މީހުންގެ ލޮލަށް ފެންނަ ގޮތް ވެސް ތަފާތެއްނު."

ލޯ ކެއުމަކުން ފަހުމީގެ ލޮލުގެ ފެނުމަށް އައި ބަދަލެއް ނެތެވެ. އެ އަށް ވުރެ ފަހުމީއަށް މުހިންމުވީ މަސްތަކުގެ ލޮލަށް ވާ ގޮތެއް ބެލުމެވެ. ޖަމީލުގެ ފަރާތުން އެނގުނު ގޮތުގައި މަސްމަހުގެ ލޮލަކަށް އެހެނެއް ނުވާނެއެވެ. ދުވަސްވަރަކީ ދިވެހިންގެ ދީނީ ހޭލުންތެރިކަން ކުޑަ ދުވަސްވަރެކެވެ. ޒިޔާރަތަށް ނަދުރުބުނުމާއި، އަލިބެއަށް ބޯހުނި ހިލުމާއި، އޮޑިދޯނިފަހަރު ބާލައިރު ކިޔެވެލިކިޔުން ފަދަ ކަންކަމަކީ އާންމު ކަންކަމެވެ. ފަންޑިތަޔާ ނުލައި އެއްކަމެއް ވެސް ވާކަމަކަށް ނުވެއެވެ.

"ކަލޭ އެ މަސްތަކަށް މި ރޭ ފާރަލާބަލަ!" ޖަމީލަށް ފެންނަ ގޮތް ބުނެދިނެވެ. "މަށަށް ހީވަނީ މަސްކައްކަން އުދުމުގެ ކުރިން މަސްތައް ބެހެއްޓިފަ ހުންނަ ތަނަށް އެހެން އެއްޗެއް އަންނަނީހެން. އަޅެ ބަލާބަލަ! އައިމިނަ ގާތުގަ ވެސް ބުނެފަ ބާއްވާ އެހެން. އޭރުން އޭނަ ވެސް ބަލާނެއްނު."

ފަހުމީ އެއްބަސްވިއެވެ. އެކަމަކު، އައިމިނަ ގާތުގައި އެއްވެސް ވާހަކައެއް ފަހުމީ ނުބުނެއެވެ. އައިމިނަޔާ ދޭތެރޭގައި ފަހުމީއަށް ޝައްކެވެ. އެއީ ކުރީގެ އައިމިނަހެނެއް ފަހުމީއަކަށް ހިއެއްނުވެއެވެ.

ނުނިމޭ