ނަޝީދަށް އިންސާފު ހޯދައިދޭނީ އަޅުގަނޑުގެ ސަރުކާރުން: މުއިއްޒު
ނަޝީދަށް އިންސާފު ހޯދައިދޭނީ އަޅުގަނޑުގެ ސަރުކާރުން: މުއިއްޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެމަނިކުފާނަށް އަދިވެސް އިންސާފު ނުލިބޭ ކަމަށާއި އެކަން ކޮށްދޭނީ އޭނާގެ ވެރިކަމެއްގައި ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިރޭ މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރު ވާނީ އިންސާފަށް މަސައްކަތް ކުރާ އަދި އެކަމުގައި "ޗެމްޕިއަން" ސަރުކާރަކަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހަގީގީ މާނާގައި ޝަރުއީ ދާއިރާ މިނިވަންކޮށް، ވަކި މީހަކަށް ބެލުމެއް ނެތި ހަމަހަމަ ކަމާ އެކު، އެންމެނަށް އިންސާފު ގާއިމްކޮށްދޭނެ އެވެ. އެ ވާހަކައިގެ ތެރެއިން މުއިއްޒު ވިދާޅުވީ ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދޭން މި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.

"...ރައީސް ނަޝީދު، އެމަނިކުފާނަށް ދިން، މާލޭގެ މެދުގައި، މަޖީދީ މަގުގައި ދިން އަނިޔާވެރި އުދުވާނީ ހަމަލާ، އެ ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދީފައެއް ނުވޭ. މި ސަރުކާރުން އެކަމަށްޓަކާ ދޭންވާ ސަމާލުކަން ދީފައެއް ނުވޭ. އެހެންވީމާ އިންސާފުވެރި ސަރުކާރެއް ގާއިމްކުރަން އަޅުގަނޑުމެން މި އަންނަނީ،" ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދެވި މުއިއްޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިޔާ އެމަނިކުފާނަށް [ނަޝީދަށް] ވެސް އިންސާފު ގާއިމްކޮށްދޭނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި."

މުއިއްޒު ވިދާޅުވީ މި ގައުމަށް ހަމަޖެހުން ގެންނަން ޖެހޭ ކަމަށާއި އެކަން ވާނީ އަދުލުވެރިކަން އިސްކޮށް، އިންސާފުވެރިކަން ހަގީގީ މާނާގައި ގާއިމްކޮށްދީގެން ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެކަން ކުރައްވާނެ ކަމުގެ ޔަގީން ކަން މިރޭ މުއިއްޒު ދެއްވި އެވެ.

ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނައިން ވޯޓު ހޯދި ޕާޓީ، ޑިމޮކްރެޓްސްގެ ތާއީދު ދެވަނަ ބުރުގައި ހޯދުމަށް މުއިއްޒު ވަނީ އެ ޕާޓީއާ މަޝްވަރާ ވެސް ކުރައްވައިފަ އެވެ. މުއިއްޒުއާ ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ޑިމޮކްރެޓްސްއާ އެކު ކޯލިޝަން ހެދުމަށް މަޝްވަރާކުރެއްވި އިރު، އެ ޕާޓީން ނިންމާ ގޮތެއް މިރޭ އިއުލާންކުރާނެ އެވެ.

މެއި 6، 2021 ގައި ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މީހުންގެ ތެރެއިން ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. ބާކީ ތިބި ހަތް މީހުންގެ ޝަރީއަތް އަދިވެސް ނުނިމެ އެވެ.