ޖައްވީ ފަޅުވެރިންނަށް ބޮއިން ކުންފުނިން އާ ހެދުމެއް
ޖައްވީ ފަޅުވެރިންނަށް ބޮއިން ކުންފުނިން އާ ހެދުމެއް

ބޮއިންގެ އުޅަނދެއްގައި އެސްޓްރޮނޯޓުން އަންނަ އަހަރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދަތުރުކުރާނެ އެވެ. އެ ދަތުރަށް ޚާއްސަ ހެދުމެއް ވެސް ބޮއިން ކުންފުނިން ވަނީ ތައްޔާރުކޮށްފަ އެވެ. އެ ދަތުރަށް ފަހު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ތެރޭގައި އުޅޭއިރު ފަޅުވެރިން އުޅޭނީ އެ ހެދުން ލައިގެންނެވެ.

އެސްޓްރޮނޯޓުން އުޅަނދު ތެރޭގައި މިހާރު ލައިގެން އުޅޭ ހެދުމަށް ވުރެ ބޮއިން އިން އުފެއްދި އާ ހެދުން ލުއިވާނެ އެވެ. އެ ހެދުމަށް ކިޔަނީ "ބޮއިން ބްލޫ" އެވެ. ޖައްވީ އުޅަނދުން ބޭރުގައި އެސްޓްރޮނޯޓުން ބޮއިން ބްލޫ ބޭނުމެއް ނުކުރާނެ އެވެ.

ބޮއިން ބްލޫ އުފައްދާފައި ވަނީ އާ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. ސްމާޓް ސްކްރީންތަކާ ކުޅެން ފަސޭހަ އަންގިއެއް ވެސް ހެދުމާ އެކު ހިމަނާފައިވެ އެވެ. އޭގެ ބޭނުމަކީ ޓެބްލެޓްތައް ފަދަ ޑިވައިސްތައް ބޭނުންކުރުން ފަސޭހަކުރުމެވެ. ޗެކްލިސްޓްތަކުގައި ފާހަގަޖަހައި، ދުވަހުން ދުވަހަށް ތައްޔާރުކުރާ ރިޕޯޓްތަކަށް މައުލޫމާތު އެއްކުރުމަށް ފަޅުވެރިން ޓެބްލެޓް ބޭނުންކުރެ އެވެ.

ބޮއިން ބްލޫ އަށް އަދި ރަސްމީ ހުއްދަ ނުލިބެ އެވެ. ހުއްދަ ހޯދަން ހުށަހެޅުމުގެ ކުރިން، ބޮއިން ބުނި ގޮތުގައި، ވަރަށް ގިނަ ޓެސްޓްތައް އަދި ކުރާނެ އެވެ. ޖައްވީ ފަޅުވެރިން ކުރިން ބޭނުންކުރި ހެދުމުގައި އިން ހެލްމެޓް، އާ ހެދުމުގައި ނުއިންނާނެ އެވެ. އޭގެ ބަދަލުގައި ބޮލުގައި އަޅާ ބައި ވަނީ ވިއްސާރަ ކޯޓު ޑިޒައިންނަށް ބަދަލުކޮށްފަ އެވެ. އެއީ އެ ކުންފުނިން ބުނި ގޮތުގައި ފަޅުވެރިންނަށް ވާނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ. އެހެން ނަމަވެސް މޫނުމަތި އަދި ވެސް ހުންނަނީ ބިއްލޫރި ފަޅި ބޮތްކެއްހެންނެވެ.

އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން އަދި ބޮއިން ބްލޫއާ ބެހޭ ގޮތުން ރަސްމީ ބަހެއް ނުބުނެ އެވެ. އެހެން ނަމަވެސް އޮފިޝަލުން ވަނީ ވާހަކަދައްކާފަ އެވެ. ފުޅާ ދާއިރާއެއްގައި ބޮއިން ބްލޫ ބޭނުންކުރުމަށްޓަކައި ނާސާގެ ރުހުން ބޮއިން ބްލޫ އަށް ދޭނެ އެވެ. އެންމެ ފުޅާ ދާއިރާއެއްގައި އެ ހެދުން ބޭނުންކުރާނީ ވެސް ނާސާގެ އެސްޓްރޮނޯޓުންނެވެ. ބޮއިން ބްލޫ އުފެއްދުމުގައި ނާސާގެ ގަވައިދުތަކަށް ވަރަށް ބޮޑަށް ބުރަވާނެ އެވެ.