ޑިމޮކްރެޓްސްއާ އެކު މަޝްވަރާ ހުއްޓާނުލަން، ގިނަ ކަންކަމަށް އެއްބަސްވެވޭ: ޕީޕީއެމް/ޕީއެންސީ
ޑިމޮކްރެޓްސްއާ އެކު މަޝްވަރާ ހުއްޓާނުލަން، ގިނަ ކަންކަމަށް އެއްބަސްވެވޭ: ޕީޕީއެމް/ޕީއެންސީ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ދަ ޑިމޮކްރެޓްސް ޕާޓީއާއެކު ކުރަމުން އަންނަ މަޝްވަރާތައް ހުއްޓާނުލައި ކަމަށާއި މިހާތަނަށް ގިނަ ކަންކަމަށް އެއްބަސްވެވިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފި އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ސްޕޯކްޕާސަން މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށް ކަމަށާއި ކުރިއަށް ވެސް މަޝްވަރާ ކުރަން ޖެހޭ މުހިންމު ކަންކަން އެބަހުރި ކަމަށެވެ.

"ނިޒާމީ ވޯޓުގެ މަޝްވަރާ ވެސް އެބައޮވޭ އޭގެ ތެރޭގައި. އެއީވެސް މަޝްވަރާ ކުރިއަށްދާ ކަމެއް. ވަރަށް ގިނަ ކަންކަމަށް އެއްބަސްވެވިއްޖެ މިހާރު ވެސް،" ތޮލާލް ވިދާޅުވި އެވެ.

އެކަމަކު ޕީޕީއެމުން އެއްވެސް އެއްބަސްވުމެއްގައި ސޮއި ކޮށްގެން ކުރިޔަށް ދާން ބޭނުން ނުވާ ކަމަށާއި ސޮއި ނުކުރެވޭ ނަމަ އެއީ ސީރިޔަސް ކަމެއް ގޮތުގައި ނުބެލެވޭނެ ކަމަށް ޑިމޮކްރެޓުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ތޮލާލް ވިދާޅުވީ އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުން ނުވާ ކަމަށް މުޅިން ނިންމާފައި ނުވާނެ ކަމަށާއި ސޮއިކުރަން ޖެހޭނަމަ އެކަން ވެސް ކުރާނެ ކަމަށެވެ. ނަމަވެސް އެއީ މަޝްވަރާތަކަށް ފަހު އެންމެ ފަހުން ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،839 ވޯޓާ އެކު ޑިމޮކްރެޓްސް ތިން ވަނަ އަށް ދިޔަ ޑިމޮކްރެޓްސްގެ މައިގަނޑު ޝަރުތަކީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މި މަހު 25 ގައި ނިޒާމް ބަދަލު ކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.

ޕީޕީއެމް/ޕީއެންސީގެ އިތުރުން ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ޑިމޮކްރެޓްސް އިން ދަނީ އެމްޑީޕީ އާ އެކު ވެސް މަޝްވަރާ ކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ޑިމޮކްރެޓްސް އިން މިރޭ ގޮތެއް ނިންމަން ހަމަޖެހިފައިވާ އިރު، އިންތިހާބަށް ފަހު ނިޒާމީ ވޯޓު ނަގަން އެއްބަސްވެ، އެކަން އަންގާފައިވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.