18 ސެޕްޓެމްބަރ 2023 - 13:55

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާ އެކު، ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ މިއަދާއި މާދަމާ ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިގަދަވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މާދަމާ ހަވީރު ވަޔާއި ވިއްސާރަ މަޑުކޮށްލާނެ ކަމަށް ބެލެވޭ. ބުދަ ދުވަހު މޫސުން ރަނގަޅުކޮށް އޮތުމަށް ފަހު، އަނެއްކާވެސް ބުރާސްފައްޗާއި ހުކުރު ދުވަހު ގަދަވާނެ ކަމަށް ލަފާކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެއަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ މޫސުމީ ވިއްސާރަ އެވެ.
ވައިގެ ބާރު މިން މިއަދު ހުރީ ފަސް މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ. ކަނޑުތައް އެންމެ ގަދަވާނީ ދެކުނާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށެވެ.
މެޓް އޮފީހުން ދެންމެ ވަނީ މެންދުރު ފަހު 1:30 އިން އިރުއޮއްސި 6:00 އަށް އއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ.
އެ އޮފީހުގެ ރެކޯޑުތައް ދައްކާ ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ އއ. ތޮއްޑު އަށެވެ. އެ ރަށަށް 54.5 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.