އެމްޑީޕީން އަނެއްކާވެސް މިވަނީ މަޖިލިސް ހުއްޓުވާފައި: ނަޝީދު
އެމްޑީޕީން އަނެއްކާވެސް މިވަނީ މަޖިލިސް ހުއްޓުވާފައި: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާއާ މެދު ޝަކުވާކޮށް، އެމްޑީޕީގެ ބައެއް މެމްބަރުން ތަޅުމަށް ވަންނަން ދެކޮޅު ހައްދަވައި، މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލުވައިލީ މަޖިލީހުގެ މަސައްކަތްތައް އަނެއްކާ ވެސް ހުއްޓުވާފައި ބޭއްވުމަށް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފަ އެވެ.

ކޯރަމް ހަމަކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެކި ފަހަރު މަތިން ރިޔާސަތުން ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އެކަމަކު މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން ތަޅުމަށް ނުވަދެ، ކުޑަދަށުގައި ތިއްބެވުމުން ޖަލްސާ ފެށޭ ވަރަށް ކޯރަމް ހަމައެއް ނުވި އެވެ.

އެމްޑީޕީގެ މެމްބަރުން ތަޅުމަށް ވަނުމަށް ދެކޮޅު ހައްދަވަނީ ރައްޔިތުންނާ ގުޅުން ހުރި މުހިންމު ބިލްތަކާއި މަސައްކަތްތައް އެއްފަރާތް ކޮށް، ސަރުކާރާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރުތަކަށް މަޖިލީހުގެ އެޖެންޑާ އިން ޖާގަދީފައިވާ ކަމަށް ވިދާޅުވެ އެވެ.

"މުހިންމު މަސައްކަތްތައް ބަހައްޓާފައި މިއަދު ވެސް އެޖެންޑާ ކޮށްގެން އެ އުޅެނީ ސަރުކާރަށް ފާޑުކިޔަން ގަރާރުތަކެއް. އަޅުގަނޑު [ތަޅުމަށް] ނުވަންނަން މިހުރީ އެހެންވެ،" މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

އެކަމަކު ނަޝީދު ވަނީ އެ ތުހުމަތު ދޮގުކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވީ އެޖެންޑާ އާ ގުޅޭ ޝަކުވާ ލިބިފައިވާ ކަމަށާއި ނަމަވެސް މަޖިލީހުގެ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް އެޖެންޑާ ކުރައްވާފައި ނުވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދުގެ އެޖެންޑާގައި ހިމަނާފައިވާ ސަރުކާރާ ދެކޮޅު ގަރާރު ތަކަކީ މާކުރިން ހުށަހަޅައި، ބަހުސްގެ ވަގުތު ބާކީ އޮތް ގަރާރުތަކެކެވެ.

ގަރާރުތަކުގެ އިތުރުން ވެސް، ވޯޓާ ހަމައަށް ގޮސްފައިވާ އެހެން މަސައްކަތްތައް ވެސް ހުރި ކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ތިން ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުތަކުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ކުރިއަށް ގެންދަން މަޖިލީހުގެ ގަވާއިދު ގައި މުއްދަތު އަދި ހަމަނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެންމެ ފަހުން، 11:00 ޖެހިއިރު ޖަލްސާ ފަށަން ކުރެއްވި މަސައްކަތް ނާކާމިޔާބު ވުމުން ނަޝީދު ވަނީ ހާޒިރީގައި ސޮއި ކުރެއްވުމަށް ފަހު ޖަލްސާއަށް ވަޑައިނުގަންނަވާ ތިއްބެވި އެމްޑީޕީ މެމްބަރުންގެ ނަންތައް ވަކިން އިއްވަވައިފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މަސައްކަތްތައް މީގެކުރިން ހުއްޓިފައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި އޮތުމުން ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އޭގެފަހުން، އެމްޑީޕީން އިސްވެ ހުށަހެޅި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާ އެކު ވެސް މަޖިލިސް ހުއްޓުމަކަށް އައި ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ ނެގިގެން މަޖިލިސް ކުރިއަށް ދެވޭ ގޮތް ވުމުން، އަނެއްކާވެސް މަޖިލީހުގެ ކޮންޓްރޯލް ގެންގުޅުއްވާ ފަރާތްތަކުން މިވަނީ މަޖިލިސް ހުއްޓުވާފައި،" އެމްޑީޕީއަށް ނިސްބަތް ކުރައްވައި އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ މިގޮތަށް އަމަލު ކުރެއްވުމުން އެއްވެސް ބޭފުޅަކަށް ލިބޭނެ ފައިދާ އެއް ނެތް."

އެއާ އެކު، މެމްބަރުން ކުރައްވައިގެން ތިއްބެވި ހުވާ އާ އެއްގޮތަށް މަސްއޫލިއްޔަތު އަދާކުރެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

އަދި މެންދުރު 12:00 ގައި ޖަލްސާ ފެށޭތޯ މަސައްކަތް ކުރައްވައި އެކަން ނުވެއްޖެނަމަ، 1:00 ޖަހާ އިރު ވެސް މަޖިލިސް ކުރިއަށް ގެންދެވޭތޯ ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.